28 Feb 2013, 10:50
ދެހާސް އަށް ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ބެހެއްޓި ވޯޓު ފޮށީގެ އަދަށް ވުރެ އިތުރަށް ގާތްގަނޑަކަށް 100 ވަރަކަށް ވޯޓު ފޮށި މިފަހަރު އިތުރަށް ބަހައްޓަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު އިއްޔެ ވިދާޅުވީ އެ ކޮމިޝަނުން އަންދާސާކޮށްފައިވާ ގޮތުގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް 556 ފޮށި ބަހައްޓަން ޖެހޭނެ ކަމަށާއި އެއީ މިދިޔަ ރިޔާސީ އިންތިހާބުގައި ބެހެއްޓި ވޯޓު ފޮށީގެ އަދަށް ވުރެ ގާތްގަނޑަކަށް 100 ފޮށި އިތުރު އަދެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން ރައީސް ވިދާޅުވީ ވޯޓުފޮށި އިތުރުވެގެންދާނެ އެއް ސަބަބަކީ ކުރިއަށް ވުރެ މިހާރު ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްތައް އިތުރުވެފައިވުން ކަމަށެވެ.
އެގޮތުން 2008 ވަނަ އަހަރު އިންތިހާބު ބޭއްވި އިރު ވޯޓުފޮށި ބަހައްޓަން ޖެހުނު 60 ރިސޯޓެއް ހުރި އިރު މި އަހަރު ބަހައްޓަން ޖެހޭނެ ކަމަށް މިހާތަނަށް ވެސް 100 ރިސޯޓެއް އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"ރިސޯޓުތަކުގެ އަދަދު ވެސް ގިނަވެއްޖެ. މިދިޔަ ރިޔާސީ އިންތިހާބުގައި އަޅުގަނޑުގައި ހަނދާން ވަނީ 60 ކޮންމެވެސް ވަރެކޭ އުޅެނީ. މިހާރު ސަތޭކަ އަށް ވުރެ ގިނަ ވެއްޖެ. އަދި ކުރިއަށް މި އޮތް ހަތް މަސް ދުވަސްތެރޭގައި ވެސް ނޭނގެ އިތުރުނުވާނެ ކަމެއް. އަދި އޭގެ އިތުރުން ސިނާއީ ރަށްތައް ވެސް އިތުރުވެއްޖެ،"
މި އަހަރު ވެސް ރާއްޖެ އިން ބޭރުގައި ވޯޓު ފޮށި ބަހައްޓެމަށް ހަމަޖެހިފައި ވަނީ 2008 ވަނަ އަހަރެކޭ އެއްގޮތަށް ފަސް ގައުމެއްގައި ކަމަށާއި ނަމަވެސް އެ ގައުމުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ ގައުމުތަކުގައި މީހުން ވޯޓުލުމަށް ރަސްޖިސްޓްރީކޮށްފައިވާ ނިސްބަތަށް ބަލާފައި ކަމަށް ވެސް އެކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 240000 މީހުނަށް ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.