28 Feb 2013, 10:33
އަންނަ އަހަރުންފެށިގެން "ނޭޝަނަލް ސްޕޯޓްސް އެވޯޑް" (ކުޅިވަރުގެ ގައުމީ އިނާމް) ދިނުން ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ބާއްވާ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފި އެވެ.
އެގޮތަށް ހަމަޖެއްސެވިކަން އިއުލާނު ކުރެއްވީ ކުޅިވަރުގެ ގައުމީ މަޖިލިސް އުފެދުނުތާ 30 އަހަރު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ކުޅޭ އެންމެހައި ކުޅިވަރުތަކާ ބެހޭ މުއައްސަސާތަކުގެ އިސްވެރިންނާ އެކު ރޭ ސަލްސާ ރޯޔަލްގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ.
އަދި ކުޅިވަރުގެ ގައުމީ މަޖިލީހާއި ރާއްޖޭގެ ކުޅިވަރުތައް ރާވައި ހިންގަވާ މައި އިދާރާތަކުގެ ވެރިންނާއި ކުޅިވަރާ ބެހޭ ވުޒާރާ ގުޅިގެން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މި އަހަރު ކުޅިވަރުގެ ގައުމީ އިނާމު ދިނުމުގެ ހަފްލާ ބާއްވާނީ އަންނަ މޭ މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ކުޅިވަރުގެ ގައުމީ މަޖިލީހެއް ފުރަތަމަ އުފެދުނު ދުވަސް ފާހަގަ ނުކޮށް ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނޭ ކަމަކަށް ފެނިވަޑައި ނުގަންނަވާތީ އެދުވަސް ފާހަގަކުރުމަށް ނިންމެވީ ކަމަށެވެ.
"އެއީ 1983. ކުޅިވަރުގެ ގައުމީ މަޖިލީގެއް އެންމެ ފުރަތަމަ ރާއްޖޭގައި އެކުލަވާލި ތާރީހު ކަމަށްވާތީ، މިއައިސް ލައިގަންނަނީއޭ ވަރަށް ވަރުގަދަ މުނާސަބަތެއް. މިއީކީ އަޅުގަނޑުމެން އަޅާނުލާ ފާހަގަނުކޮށް ދޫކޮށްލާވަރު ދުވަހެއް ނޫނޭ. އަދި އެންމެހާ ބޭފުޅުންގެ ސަމާލުކަމަށް ނުގެނެސް ދޫކޮށްލާވަރު ދުވަހެއްވެސް ނޫނޭ. އާދެ ހޮނިހިރު ދުވަހު ފާހަގަ ވެގެން އެދިޔައީ ކުޅިވަރުގެ ގައުމީ މަޖިލީހެއް ރާއްޖޭގައި ފުރަތަމަ އުފެދި މިއަދާ ހަމައަށް 30 އަހަރު ފުރުނު މުނާސަބަތު،" ވަޒީރު ވިދާޅުވި އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި އެދުވަސް ފާހަގަކުރަން ފެށޭނީ ކޮންމެވެސް މުހިއްމު ކަމަކާއި ގުޅުވައިގެން ކަމަށްވާތީ އެކަމަށް އެންމެ އެކަށޭނަ ދުވަހަކީ ކުޅިވަރުގެ ގައުމީ އިނާމުދޭ ދުވަސްކަމަށް ގައުމީ މަޖިލީހުގެ މެންބަރުން އިއްތިފާގުވީ ހިނދު އެގޮތަށް ނިންމެވީ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
"ދެމެހެއްޓެނިވި ކަމެއްގެ ގޮތުގައި މިކަން ފެށިއްޖިއްޔާ މުސްތަގުބަލުގައި ވެސް މިއީ ފާހަގަ ކުރެވޭނޭ ދުވަހެއްގެ ގޮތުގައި ވުމަށް އެއީ ރަނގަޅު ކަމެއްކަމަށް ކުޅިވަރުގެ ގައުމީ މަޖިލީހުގެ ރައީސް ހިޔަލީ މުހައްމަދު ރަޝީދާއި ނާއިބު ރައީސް މުހައްމަދު ޠަލާލް އަދި ކުޅިވަރުގެ ގައުމީ މަޖިލީހުގެ އެންމެހައި އިއްޒަތްތެރި ބޭފުޅުންނަށް ވެސް ފެނި ވަޑައިގަންނަވާތީ އަޅުގަނޑުމެން މިނިންމީ ކުޅިވަރުގެ ގައުމީ އިނާމް ނުވަތަ ގައުމީ ކުޅިވަރުގެ އިނާމް [ނޭޝަނަލް ސްޕޯޓްސް އެވޯޑް]... އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ 23 ވަނަދުވަހު ދޭގޮތަށް،" ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުން ވެސް ދެއްވަމުންއައި ކުޅިވަރުގެ ގައުމީ އިނާމު ދިނުން އޭރު ވެސް ގެންދެވިގޮތަށް މިސަރުކާރުން ވެސް އެ ސަގާފަތް ދެމެހެއްޓޭތޯ ބައްލަވާނޭ ކަމަށާއި އެގޮތުން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް 23 ފެބްރުއަރީގައި ފާހަގަކުރެވޭ މުނާސަބަތެއްގައި ބޭއްވޭ ހަފްލާއެއްގައި ދެވޭ އިނާމަކަށް ކުޅިވަރުގެ ގައުމީ އިނާމު ހެއްދެވުމަށް މަސައްކަތްޕުޅު ކުރަށްވާނޭ ކަމަށެވެ.
ރާއްޖޭގައި 1983 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ރާއްޖޭގެ އެއިރުގެ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދި ކުޅިވަރުގެ ގައުމީ މަޖިލީހުގެ ރިޔާސަތު ފުރަތަމަ ބެލެހެއްޓެވީ އަބްދުﷲ ޖަމީލު އެވެ.