ޒިނޭ ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ ށ. ފޭދޫގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެ، އެ ކުއްޖާގެ ގައިގައި 100 އެތިފަހަރުން ހައްދު ޖެހުމަށް ކޯޓުން ކަނޑައަޅާފައި ވަނީ އަމިއްލަ އިހްތިޔާރުގައި ޒިނޭ ކުރި ކަމަށް އިޢުތިރާފްވެފައި ވާތީ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އެ ކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވުމާ ގުޅިގެން އެކުށަށް އިސްލާމްދީނުގައި ކަނޑައެޅިފައިވާ އަދަބު ކަމުގައިވާ ހައްދު ޖެހުމަށް ކޯޓުން ކުރި ޙުކުމާ މެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަ ދައްކަމުން ދާތީ އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުއްޖާގެ ހައްދު ޖަހަން ޙުކުމްކޮށްފައި ވަނީ އޭނާގެ ދޮންބައްޕަ ގަދަކަމުން ބަދުއަޚުލާގީ ޢަމަލު ހިންގުމުން ކަމުގައި ބުނެ މައްސަލައިގެ ޙަގީގަތް އޮޅުވާލަމުން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ކޯޓުން ޙުކުމްކޮށްފައި ވަނީ އެ މައްސަލައިގެ އިތުރުން އަމިއްލަ އިޚުތިޔާރުގައި ކޮށްފައިވާ ޒިނޭއެއްގެ މައްޗަށް ކަމަށް އެބަޔާނުގައިވެ އެވެ.

"އޭނާގެ މައްޗަށް ހައްދުޖަހަން ޙުކުމްކޮށްފައި ވަނީ އޭނާގެ ދޮންބައްޕަ ގަދަކަމުން ބަދުއަޚުލާގީ ޢަމަލު ހިންގުމުން ކަމުގައި ބުނެ މައްސަލައިގެ ޙަގީގަތް އޮޅުވާލަމުން އެބަދެ އެވެ. ނަމަވެސް ކޯޓުން ޙުކުމް ކޮށްފައި ވަނީ ކުރިން ދޮންބައެއްޕަ ގަދަކަމުން ބެހުނު މައްސަލައިގެ އިތުރުން އަމިއްލަ އިޚުތިޔާރުގައި ކޮށްފައިވާ ޒިނޭއެއްގެ މައްޗަށެވެ." އަދާލަތު ޕާޓީގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ޝަރުޢީ ކޯޓަކުން ކުރެވޭ ދީނުގެ ޙުކުމްތަކަށް ފާޑުކިޔައި ޚިޔާލު ފާޅުކުރުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ އިސްލާމްދީނުގެ އަދުއްވުންނަށް ހިތްވަރުލިބި، އާންމު ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅި، ދީނުގައި ކަނޑައެޅިފައިވާ އެފަދަ ހުކުމްތައް އޮޅުވާލުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ ފުރުސަތެއް ކަމަށް ވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެކުއްޖާ އަށް އޭނާގެ ބެލެނިވެރިންގެ ފަރާތުން ލިބިފައިވާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ އާ މެދު ހިތާމަކުރާ ކަމަށާއި އެ އަނިޔާތައް ދިން ފަރާތްތަކަށް ދީނުގައިވާ ހައްގު އަދަބު ދިނުމަށް ވެސް ކަމާ ބެހޭ ފަރާތްތަކަށް އަދާލަތު ޕާޓީން ވަނީ ގޮވާލައިފަ އެވެ.

މި މައްސަލައާ ގުޅިގެން އދ. އިން ވެސް ވަނީ ކަން ބޮޑުވުން ފާޅު ކޮށްފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެފައި ވަނީ މައްސަލަ އަލުން މުރާޖާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.