ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) 45، މައްޗަށް ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ހޯރަ އިއްބެގެ މައްސަލަ ކޯޓަށް ބަލައިގެންފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އަދި އަންނަ މަހުގެ ހަ ވަނަ ދުވަހަށް އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ ހޯރައިއްބެ ހައްޔަރުކޮށްފައި ވަނީ އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅިތެރޭގައި ހުންނަ ގ. މާވަސްގޭގެ ކޮޓަރި އެއްގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ބަރަހަނާކޮށް އޮއްވައި ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ އާ އެކު އެ އަންހެން ކުއްޖާ ވެސް ފުލުހުން ހައްޔަރު ކުރި އެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ވަނީ ހޯރައިއްބެ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުން ނެވެ.

އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) ގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލައިފި ނަމަ އެކުރަނީ ކުށެއް ކަމަށެވެ.

އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ)ގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.