28 Feb 2013, 10:17
ދުނިޔޭގެ ގިނަބައެއްގެ ލޯބި ޖެހި، އެކުޅިވަރަކާ މެދު މަގްބޫލްކަން އިތުރުވާ އެއް ކުޅިވަރަކީ "ފުޓްބޯޅަ" ކަމާމެދު އެކަކުވެސް ސުވާލެއް ނުއުފައްދާނެއެވެ. ހަމައެޔާ އެކު މިކުޑަ ދިވެހިރާއްޖޭގެ އެންމެ ގިނަ ދިވެހިން އެކުޅިވަރަކާ މެދު "ހިނިތުންވެ، ލޯބިޖެހި" ފައިވާ ހަމައެކަނި ކުޅިވަރަކީ ވެސް ފުޓްބޯޅަ ކަމާމެދު ދިވެހިން ގަބޫލްކުރެ އެވެ.
ރާއްޖޭގެ ތާރީހުން ބިތުފަންގި ނަގާ ބެލިއެއްކަމަކު، ރާއްޖޭގެ ފުޓްބޯޅައަށް އާކުރިއެރުންތަކާއި އާދޮރެއް މިއަދު މިގައުމުން ފެންނާން އޮތް ކަމަކީ ދިވެހިން އެކުޅިވަރަކާ މެދު ހިތުގެ އެންމެ ފުންމިނުން ގަބޫލް ކުރާ އަލިގަދަ ހެއްކެކެވެ. އެ ހެކި ތާއަބަދައް ވެސް ތަކުރާރުކޮށް އާލާ ކުރުމުގައި ރާއްޖޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން އަބަދުވެސް މަސައްކަތް ކުރަނީ މިއަދަށް ވުރެ މާދަމާ ރާއްޖޭގެ ފުޓްބޯޅައަށް ކުރިއެރުންތަކެއް ހޯދާދިނުމަށެވެ.
ރާއްޖޭގެ ފުޓްބޯޅައަށް ކުރިއެރުންތަކެއް ހޯދާދިނުމުގެ ފަހަތުގައި ބަޔަކު ތިބިކަން ވެސް އިގެން ޖެހެ އެވެ. އެގޮތުން ރާއްޖޭގެ ފުޓްބޯޅައިގެ މައިދާރާގެ ރައީސްކަމުގައި އެންމެ ފަހުން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި މަސައްކަތް ފުޅަކީ ތާއަބަދަށް ދިވެހި ފުޓްބޯޅައަށް ލޯބިކުރާ އެންމެހާ ދިވެހި ގަބޫލް ކުރާނެ ކަމުގެ އަލިގަދަ ހެއްކެކެވެ. އާޒިމްގެ ބެލެނިވެރި ކަމުގައި ރާއްޖެއަށް ލިބުނު ކުރިއެރުންތައް ގުނާ އަދަދު ނުކުރެވުނު ކަމަކު އޭގެ އަލިގަދަ އެއްހެއްކަކީ ދާދިފަގުން އަވައްޓެރި ސްރީލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސާ އިންޓަނޭޝަނަލް ފުޓްބޯޅަ ޓޯނަމަންޓު 2012ގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ވެސް ރާއްޖެ އުފުލާލައިފައި ވަނީ އާޒިމްގެ ބެލުމުގެ ދަށުގައި ރާއްޖޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ އޮތް ދުވަސް ކޮޅުއެވެ.
ނަަމަވެސް އާޒިމްގެ ދައުރު ނިމި، އެއިދާރާގެ ރައީސް ކަމާ މިހާރު ހަވާލުވެހުންނެވި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ބޮލުގައި އެޅިފައިވާ "ބޮޑު" ޒިންމާ އަދާކުރުމުގައި ފަސްޖެހިއްޖެ ނަމަ، ދިވެހި ފުޓްބޯޅަ އިހޫތާ ފެނަށް ވެއްޓުމަކީ އެހާ ދުރުގައިވާ ކަމެއް ނޫންކަމަށް ރާއްޖޭގެ ފުޓްބޯޅައިގައި މަސައްކަތް ކުރައްވާ ބައެއް ބޭބޭފުޅުން ބުނެ އުޅެ އެވެ.
އާޒިމް އަދާކުރެއްވި ޒިންމާ އާއި އިލްހާމް ހާވާލުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ރާއްޖޭގެ ފުޓްބޯޅައަށް އަނެއްކާވެސް ވަނީ ރީތި ނަމެއް ލިބިފައެވެ. އެއީ ދާދިފަހުން ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި އަވައްޓެރި ޕާކިސްތާނާ ދެކޮޅަށް ދިވެހި ޓީމް ކުޅުނު ރަހުމަތްތެރި ކަމުގައި ދެވެހި ޓީމުން ނެރުނު ނަތީޖާއާ އެމެޗުގައި ދެއްކި ރީތި ކުޅުމުގެ ސަބަބުންނެވެ. އިލްހާމަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް އެރީތި ނަން ލިބުނުއިރު، ޖެހިގެން އަންނަ ދުވަހު ވެސް އެރީތި ނަން ދިވެހިގައުމުގައި ދެމެހެއްޓުމަށް ގައުމީ ފުޓްބޯޅަ ޓީމުގެ އެންމެހާ ހުނަރުވެރި ގައުމީ ބަތަލުން އެކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ފަހަތުގައި ދިވެހިންނާ އެކު އޮތީ ވެސް ރާއްޖޭގެ ގައުމީ ފުޓްބޯޅަ އިދާރާއެވެ.
ރާއްޖޭގެ ފުޓްބޯޅައަށް ކުރިއެރުންތަކެއް އާކަމުގެ އަލިގަދަ ހެއްކެއްގެ ގޮތުން ފާއިތުވި ހަމަ ދުވަހު ވެސް ރާއްޖެ އޮތީ ސާކް ސަރަހަދުގެ އެއް ވަނަ ގައުމުގެ ގޮތުގަ އެވެ. އެރީތި ނަމާއި އެ ރީތި ޝަރަފް ދިވެހި އެންމެހާ އަހުންނާއި އުހުތުންނަށް ލިބެމުންނާ މިދަނޑިވަޅުގައި އެއަށް ވުރެ އާއުސްމިންތަކަށް ދިވެހި ފުޓްބޯޅަ ކަނޑަތު ކުރާ ދުވަހަކީ ދިވެހިން ދެކެންބޭނުންވާ ދުވަސްކަން ދިވެހިގެ ކިބައިން މިއަދު ދަނީ ސާބިތު ވަމުންނެވެ.
އަވައްޓެރި ގައުމުތަކުގައި ރާއްޖޭގެ ފުޓްބޯޅައަށް ކުރިއެރުންތަކެއް ލިބެމުންދާކަމުގެ ވާހަކަތައް ދެކެވެމުން މިދާ ދުވަސްކޮޅުގައި ރާއްޖޭގެ ބައެއް ނޫސްތަކާއި ޓީވީ ޗެނަލްތަކުން ވެސް އެވަހަކަ ދެކެވެނި ހަމަ އެގޮތަށެވެ. ރާއްޖޭގެ ޓީވީ ސޯތަކަށް އަރާ ކޮންމެ ކޯޗެއްގެ އަގައިން ދިވެހި ފުޓްބޯޅައިގެ ކުރިއެރުންތަކުގެ ވާހަކަ ދެކެވޭ ކޮންމެ ދުވަހަކީ ފުޓްބޯޅަ ކުޅެންސައުގުވެރިވާ ކޮންމެ ކުޅުންތެރިއެއް އެކަމެއް ބަލައިގަންނާނެ ދުވަހަކަށް ވީއިރު، ރާއްޖެއާ މެދު އަވައްޓެރި ގައުމުތަކުން ދެކެނީ ރާއްޖެއަކީ ސާކް ސަރަހަދުގެ ފުޓްބޯޅައިގެ ތަރިންގެ ގޮތުގައި ކަމަށެވެ.
އެހެން ކަމުން ރާއްޖޭގެ ފުޓްބޯޅަ މިހާރު ވަނީ އިތުރު ދޮރުތަކެއް ގިރާކުރުމަށްފަހު އާއުސްމިންތަކަކަށް އެރުމަށް ދަތުރު ފަށައިފަ އެވެ.