28 Feb 2013, 10:09
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ދުވަސްވަރު އިންޑިއާ އިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑް ދަރަނި ދިވެހި ސަރުކާރުން ހަލާސްކޮށް ނިންމައިފި އެވެ.
ފައިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ސަން އަށް ވިދާޅުވީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ދިވެހި ސަރުކާރަށް ނަގާފައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ތެރެއިން މިހާތަނަށް ނުދައްކައި އޮތް 50 މިލިއަން ޑޮލަރު ދެއްކީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި ޖިހާދު ވިދާޅުވީ އެ 50 މިލިއަން ޑޮލަރު ދެއްކުމުން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ދައްކަން އޮތް ޓްރެޝަރީ ބޮންޑުގެ ދަރަނިތައް ހަލާސްކޮށް ނިމުނީ ކަމަށެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ވިއްކާފައިވާ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑުގެ ތެރެއިން ފުރަތަމަ 50 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ދެއްކީ ޑިސެމްބަރު މަހު އެވެ.
ފިނޭންސް މިނިސްޓަރު ކުރިން ވިދާޅުވި ގޮތުގައި އެ 100 މިލިއަން ޑޮލަރު ދެއްކީ ރިޒާވުން ކަމަށާއި އޭގެ ނޭދެވޭ އަސަރުތައް އިގްތިސޯދަށް ފޯރުމުގެ ބިރު އެބައޮތް ކަމަށެވެ.
"ރިޒާވް މަދުވާ ނަމަ ނުކުންނަ މައްސަލަތައް ނުކުންނާނެ. އައިއެމްއެފް އިން ވެސް އެކަން ވަނީ ފާހަގަ ކުރައްވާފައި. އިންޑިއާ އިން ބުނެފައި އޮތީ އިތުރަށް ރޯލްއޯވާއެއް ނުކުރެވޭނޭ،" މިނިސްޓަރު އޭރު ވިދާޅުވި އެވެ.
އެސްބީއައި އިން ނަގާފައިވާ ޓްރެޝަރީ ބޮންޑުގެ ދަރަަނިތައް ހަލާސް ކުރި އިރު، ސްޓޭންޑްބައި ކްރަޑިޓްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރު ދިވެހި ސަރުކާރަށް ނަގާފައިވާ 100 މިލިއަން ޑޮލަރު އަދި ވެސް އޮތީ ދަރަނީގެ ގޮތުގައި ކަމަށް އިންޑިއަން ހައި ކޮމިޝަންގެ އޮފިޝަލުން ވިދާޅުވެ އެވެ. އަދި 2011، ވަނަ އަހަރު އިންޑިއާ އިން ދޭން ނިންމި 100 މިލިއަން ޑޮލަރެއްގެ ތެރެއިން 2011 ވަނަ އަހަރު 30 މިލިއަން ޑޮލަރު އަދި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު 20 މިލިއަން ޑޮލަރު ވަނީ ލޯންގެ ގޮތުގައިދީފަ އެވެ. އަދި 2012 ވަނަ އަހަރުގެ ޖެނުއަރީ މަހު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުން ހައުސިން މަޝްރޫއު އަށް 40 މިލިއަން ޑޮލަރެއްގެ ސެންކްޝަން ހަދައި އެއްބައި ފައިސާ ދޫކޮށްފައިވާ ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ. އެއީ ވެސް ލޯންގެ ގޮތުގައި ނަގާފައިވާ ފައިސާ އެވެ.