12 Oct 2010, 10:48
ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހުގެ ތިމާގެ ބޭފުޅެއް ކަމަށްވާ ސަބްރާ ނޫރައްދީނަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަޒީފާއެއް ދެއްވައިފި އެވެ.
ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ސަބްރާ ފުލުހުންގެ ތެރެއަށް ނުކުންނެވީ ފުލުހުންގެ ސިވިލް ވަޒީފާއަކަށް ކަމަށާއި ސިވިލް ވަޒީފާއަކަށް ސަބްރާ ހަމަޖެއްސެވީ އެފަދަ ވަޒީފާތަކަށް އިއުލާނު ކުރުމުން ސަބްރާ އެ ވަޒީފާއަށް އެދިވަޑައިގެން އެޕްލިކޭޝަން ހުށަހެޅުއްވުމުން ކަމަށެވެ.
"އެއީ ހަމަޖެހިފައި އޮންނަ އުސޫލުން އިއުލާނު ކުރުމުން އެކަމަށް ކުރިމަތިލައްވައިގެން ދެއްވި ވަޒީފާއެއް،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ވަޒީފާގައި ސަބްރާ ކުރައްވާނީ ކޮން މަސައްކަތެއްތޯ އާއި އޭނާގެ މަގާމަކީ ކޮބައިތޯ ދެންނެވުމުން ޝިޔާމް ވިދާޅުވީ ފުލުހުންގެ އޮންނަނީ ދެ ބައެއް ކަމަށާއި އެއީ ޔުނިފޯމް ސްޓާފުންނާއި ޔުނިފޯމް ނުލައި ސިވިލް ސްޓާފުން ކަމަށާއި ސަބްރާ ކުރައްވާނީ ފުލުހުންގެ ތެރޭގައި ސިވިލް ސްޓާފުން ކުރާ މަސައްކަތް ކަމަށެވެ.
ކުރިން މިނިވަން ޑެއިލީ އާއި މިނިވަން ވެބަސައިޓްގައި "މިނިވަން ކޮރެސްޕޮންޑެންޓް"ގެ ގޮތުގައި އިނގިރޭސި ބަހުން ލިޔުންތައް ލިޔުއްވެވި އަދި އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެވެރިވެވަޑައިގަންނެވި ސަބްރާ ފުލުހުންގެ ތެރޭގައި އަދާ ކުރައްވަނީ އިންޓެލިޖެންސް ދާއިރާގެ އިސް ވަޒީފާއެއް ކަމަށްވެ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ފުލުހުން ވަކި ޖަވާބެއް ނުދެ އެވެ.
ސަބްރާ ކުރިން ހުންނެވީ ކޮލޮމްބޯގައި ހުންނަ ބްރިޓިސް ހައިކޮމިޝަންގެ ޕޮލިޓިކަލް ސެކްރެޓަރީގެ މަގާމުގަ އެވެ.