28 Feb 2013, 09:25
ދަތުރު ކޮށްފައިދާ އުޅަނދެއް ނަމަ އެ އުޅަނދެއް ދުއްވާން ހަވާލު ކޮށްފައި ހުންނަ ކެޕްޓަނަކީ އެ އުޅަނދެއްގެ މައިގަނޑު ކޮންޓްރޯލް އޮންނަ މީހާ އެވެ. އޭނާ ބޭނުން ވެއްޖެ ނަމަ އެ އެ އުޅަނދެއް ފަރަކަށް އަރުވާލައި، މުޅި އެތިގަނޑުގެ ދުވަސް ދުއްވައި ލެވިދާނެ އެވެ. ނުވަތަ އޭގެ ބަދަލުގައި ދަތުރު ކޮށްފައި ގޮސް އަމާންކަމާއި ރައްކާތެރިކަމުގެ ބަނދަރަކަށް ދަތުރު ނިންމި ދާނެ އެވެ. ހަމަ އެފަދައިން އެއްގަމުގައި ދުއްވާ އުޅަނދެއް ނަމަ އެ އުޅަނދެއްގެ ހުކުމަކީ ވެސް ހަމަ އެއީ އެވެ. މިއީ ދުނިޔޭގައި ކަން ހިނގާ އަދި ހިނގާނޭ ވެސް އުސޫލެވެ.
ދެން އޮތީ ގައުމެއްގެ ވާހަކަ އެވެ. ގައުމެއް ނަމަ އެ ގައުމެއްގެ ކެޕްޓަނަކީ އެ އިރަކު އެ ގައުމުގެ ވެރިކަމުގައި ހުންނަވާ ބޭފުޅާ އެވެ. އެ ބޭފުޅެއްގެ ހިތްނިޔަތް ގޯސްވެ ގައުމަށް ތެދުވެރިނުވެއްޖެ ނަމަ އެ ގައުމެއް ހަލާކުވެ ފަސާދަވެ ނިމި ހިނގަދާނެ އެވެ. އެފަދަ ވެރިންގެ މަކަރުގައި ޖެހި ވީރާނާ ވެފައި އެވަނީ ކިތައް ގައުމުތޯ އެވެ. އަދުލު އިންސާފަކަށް ބެލުމެއް ނެތި ރައްޔިތުންނަށް ނުހައްގުން އަނިޔާކޮށް ފަސާދަ ވެފައި އެވަނީ ކިތައް ގައުމުތޯ އެވެ. މިއީ އަބަދު ހެން އިވޭ ވަރަށް އާއްމު ވާހަކަތަކެކެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވަގުތު ކުޑަތަން ވަމުން އަންނަ އިރު މި ގައުމުގެ ކެޕްޓަންކަން އަޅުގަނޑުމެން ހަވާލު ކުރާނީ ކޮން ބޭފުޅަކާތޯ މިއީ ވަރަށް ވިސްނަން ޖެހޭ ކަމެކެވެ. އެއީ އާދައިގެ ކުޑަކުޑަ ކަމެއް ނޫނެވެ. މި އުޅެނީ އަނެއްކާ ވެސް ރައްޔިތުން އަމާން ރައްކާތެރި ބަނދަރަކަށް ވާސިލު ވުމަށް ކުރަމުން އަންނަ އުއްމީދީ ދަތުރުގެ ކެޕްޓަންކަން ބޭފުޅަކާ ހަވާލު ކުރާށެވެ.
މިހާތަނަށް ރާއްޖޭގެ ރައީސް ކަމަށް ވާދަކުރައްވާނެ ބޭފުޅުންނާއި ވާދަ ކުރައްވަފާނެ ބޭފުޅުން އެތިބީ ފެންނާށެވެ. އަޅުގަނޑުމެންގެ ބުއްދީގެ ތަރާދުން އެއިން ކޮންމެ ބޭފުޅަކު ވަކިވަކިން ކިރާލާނެ ވަގުތު އަދި އެބަ އޮތެވެ. މިހާތަނަށް ޔަގީނުން ވެސް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި މިހާރުގެ ރައީސުލްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އާއި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނެ އެވެ. އޭގެ އިތުރުން ޕީޕީއެމް އިން އަބްދުﷲ ޔާމީން ނުވަތަ އުމަރު ނަސީރު ނުވަތަ އިލްޔާސް އިބްރާހީމް މި ތިން ބޭފުޅުން ކުރެ ކޮންމެ ވެސް އެއްބޭފުޅަކު ނުކުމެ ވަޑައިގަންނަވާނެ އެވެ.
އަޅުގަނޑުމެންނަށް އެ ބޭފުޅުން ކިރާލަން ވަރަށް ފަސޭހަ އެވެ. މިހާރު ވެސް އެގެންދަވަނީ އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ބިތުފަންގި ނަގައި ކެޔޮކޭވަރާއި ކެޔޮކަމުންދާ ވަރު ރައްޔިތުންނަށް ދައްކަމުންނެވެ. އަޅުގަނޑުމެން މި ފަހަރު އެ އަޑުތައް ކަނުލައި އަހަން ވާނެ އެވެ. އެ ބޭފުޅުން އެ އުޅުއްވާ ގޮތް ކޮޅާއި އެ ކުރައްވާ ކަންތައްތައް ފޫހި ނުވެ ބަލަން ވާނެ އެވެ. މިފަހަރު އަޅުގަނޑުމެން މާޒީން އިބްރަތް ހާސިލްކޮށް ޕާޓީގެ ބަދަލުގައި ގައުމުގެ މުސްތަގްބަލާއި އަންނާން އޮތް ޖީލުތަކުގެ ހައްގުގައި ގައުމު އިސްކުރާން ވާނެ އެވެ.
ގައުމުގެ ހާލަތު އަދު މި ދަރަޖައަށް ވައްޓާލީ ކޮން ބޭފުޅެއްތޯ ބަލައިގެން އެ ބޭފުޅެއްގެ ފަހަތުން ދުވުމުގެ ބަދަލުގައި މި އަހަރު އަޅުގަނޑުމެން ގައުމުގެ ކެޕްޓަންކަން ހަވާލު ކުރާނީ ކާކަށްތޯ ނިންމަން އުޅޭށެވެ. މިފަހަރު ކެޕްޓަންކަން ހަވާލު ކުރަންވާނީ ގައުމު ގޮވައިގެން އަމާން ރައްކާތެރި ބަނދަރަކަށް ގެންގޮސްދެވޭ ވަރުގެ ތެދުވެރި އަމާނާތްތެރި ބޭފުޅަކަށެވެ. ގައުމުގައި ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް ހިންގުމަށް ފަހު ފިލައި ތިބި މީހުން އަދުލު އިންސާފުގެ ކުރިމައްޗަށް ނެރެ އެމީހުންނަށް ހައްގު އަދަބު ދޭން ޖެހޭނެ އެވެ. މަސްތު ވުމާއި މީހުން މެރުމާއި މާރާމާރީ ހުއްޓުވަން ޖެހޭނެ އެވެ. އައިސީޔޫގައި އޮތް ގައުމުގެ އިގްތިސޯދު އައިސީޔޫ އިން ނެރެ ކޮޅަށް ޖަހައި ދޭން ޖެހޭނެ އެވެ. އިސްލާމް ދީން ހިމާޔަތްކޮށްދީ މި ފަސްގަނޑުން އެހެން ދީނަކަށް ކުޑަ ޖާގައެއް ވެސް ދީގެން ނުވާނެ އެވެ. މަޔެއް ދަރިޔެއް ބޮޑެއް ކުޑައެއް ނުބަލައި އެ މީހުންނާއި މެދު ހިންގަމުން އެ ގެންދާ ބަދްއަޚްލާގީ އަމަލުތައް ހުއްޓުވާދޭން ޖެހޭނެ އެވެ. އަދިވެސް ރައްޔިތުން ބޭނުންވާ ބައިވަރު ކަންތައް އެބަ ހުއްޓެވެ.
އަޅުގަނޑުމެން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި މި ދެންނެވި ކަންކަމަށް ނުވިސްނާ ފައިސާ އާއި މަގާމުގެ ދަހިވެތިކަމުގައި ނުވަތަ ޕާޓީން ދެއްކި މީހާ އަށް ވީތީ ވޯޓު ކަރުދާސް ކޮޅުގައި ފާހަގަ ޖަހާއިފި ނަމަ ދެން ބޯންޖެހޭ ބޭސް އަދި މާ ހިތި ވާނެ އެވެ. ބުއްދި ވެރިންނަކީ މާޒީން އިބްރަތް ހާސިލުކޮށްގެން މުސްތަގުބަލް ބިނާކުރާ މީހުންނެވެ. އެހެން ނޫނަސް މިހާރު އަޅުގަނޑުމެން މިތިބީ ކުރިއަށް ވުރެ މާ ބޮޑަށް ގައުމުގެ ސިޔާސީ މަސްރަހަށް ލޯ ހުޅުވި އެކަމަށް ތަސައްރަފު ފުދިފަ އެވެ.
އަޅުގަނޑުމެން މި އަހަރު ވޯޓު ދޭނީ އެންމެ ގިނައިން ވައުދުވެ ލައްވާ، އެންމެ ގިނައިން ނޫސްތަކުގެ ފަލަ ސުރުޚީން ޖާގަ ހޯއްދަވާ އަދި އެންމެ މޮޅަށް ވާހަކަ ދައްކަވާ ބޭފުޅާ އަކަށް ނޫނެވެ. އެންމެ ގިނަ ރަށްރަށަށް ޒިޔާރަތް ކުރައްވައި އެންމެ ގިނަ ޖަލްސާތައް ބާއްވަވާ އަދި އެންމެ ގިނަ ގޭގެ އަށް ވެދެވަޑައިގަންނަވާ ބޭފުޅަކަށް ވެސް ނުމެ ނޫންމެ އެވެ. ޕާޓީގެ ޓިކެޓްގައި ބުޅަލެއް ނިކުތަސް ވޯޓު ދޭނަމޭ ބުނެ ވޯޓު ދިނީމަ ގައުމަށްވީ ގޮތާއި ވަމުންދާ ގޮތްތަށް ދިވެހިން އަދި ހަނދާނެއް ނުނެތެ އެވެ.
ދިވެހިން މިހާރު ހޭ އަރައިފި އެވެ. ވިސްނިއްޖެ އެވެ. އަޅުގަނޑުމެންގެ އަތުން ހެދިފައި ހުރި ގޯސްތަކަށް ހިތާމަކޮށް ރޮއެފީމު އެވެ. އެކަމުގެ ހިތި ރަހަ މިހާރު ވެސް ކަރުބުޑުގައި އެބަ ހުއްޓެވެ. ޕާޓީގެ ހައްގުގައި މަސައްކަތް ކުރުމަކީ މައްސަލަ އެއް ނޫނެވެ. ނަމަވެސް އަމިއްލަ މިނިވަން ކަމުގައި ގޮސް ވޯޓު ކަރުދާސް ކޮޅުގައި ސިއްރުން ޖަހާ ފާހަގަ ޖަހަން ޖެހޭނީ ޕާޓީގެ ހައްގުގަ އެއް ނޫނެވެ. ގައުމަށް ޓަކައެވެ. ނޫނީ އެއީ ގައުމަށް ވެވޭ ބޮޑު ޚިޔަނާތަކަށް ނޫނީ ނުވާނެ އެވެ. އެކަން ކުރަންޖެހޭނީ އަންނާން އޮތް ޖީލުތަކުގެ ހައްގުގަ އެވެ. އެއީ އަމިއްލަ މިނިވަން ކަމެވެ. ޚިދުމަތް ކުރާނީ ޕާޓީ އަށެވެ. ވޯޓުދޭނީ ގައުމާއި ރައްޔިތުންގެ ހައްގުގައި އެންމެ ތެދުވެރި އަމާނާތް ތެރިވާނެ މީހެއް ބަލާފަ އެވެ.
ނަޝީދު އެއް، ތަސްމީން އެއް، ގާސިމް އެއް ވަހީދު އެއް ނޯންނާނެ އެވެ. އަދި އިލްޔާސެއް، ޔާމީންއެއް އުމަރުއެއް ވެސް މިފަހަރަކު ނުބަލާނަމެވެ. އަޅުގަނޑުމެން ވޯޓު ލާނީ ވަރަށް ވިސްނާފަ އެވެ. ވައުދުތައްވާ އިރު ވައުދުތައް ފުއްދޭނެ ގޮތް ކިޔައިދެނީ ކާކުތޯ ވެސް ބަލާނަމު އެވެ. ގައުމުގެ ހައްގުގަ އެވެ. އަންނާން އޮތް ޖީލުތަކުގެ ހައްގުގަ އެވެ. މި ގޮތަށް ކަންތައް ނުކުރެވިއްޖެ ނަމަ ދެން ލިބޭ ދެރަ މާ ބޮޑުވާނެ އެވެ.