28 Feb 2013, 09:01
އެސްޓީއޯ އިން ސްޕޮންސާ ކޮށްގެން އަދި ހައި ރައިޒް އިން އިންތިޒާމްކޮށްގެން ބޭއްވި ލިވިން އެކްސްޕޯ 2013 ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ލިވިން އެކްސްޕޯ ނިންމުމުގެ ރަސްމިއްޔާތުގައިވަނީ ރޭ ވަނީ އެ އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކުގެ ތެރެއިން ނަގާ ލަކީޑުރޯއިން ނަސީބުވެރިން ހޮވުމަށް ގުރުއަތުލުން ބާއްވާފަ އެވެ. އެގޮތުން އެއެކްސްޕޯއަށް ޒިޔާރަތްކޮށްގެން ލިބޭ އަގުބޮޑު އިނާމްތަކުގެ ތެރެއިން އެއްވަނަ އަށް ހޮވިގެން ޖޭބީއެލް ހޯމްޓިއޭޓާ ސިސްޓަމް ލިބުނީ ރަހީމާ އަބުދުލް ސައްތާރަށެވެ. އަދި ދެވަނައަށް ހޮވިގެން ބެޑް ރޫމްސެޓެއް އަބުދުލް އަޒީޒު އަޝްރަފަށް ލިބުނުއިރު ތިން ވަނައަށް ހޮވިގެން 42 އިންޗީގެ ޕެނަސޮނިކް ޓީވީ ލިބުނީ ޖުމާން އަށެވެ. އަދި ހަތަރު ވަނަ އަށް ހޮވިގެން ދުބާއީގެ ދެކޮޅު ޓިކެޓް އަހުމަދު ހައިދަރު އަޝްރަފް އަށް ލިބުނުއިރު ފަސްވަނައަށް ހޮވިގެން އައިޕެޑް މިނީ ލިބުނީ އަބުދުލްﷲ ޝަރީފަށެވެ. އަދި ހަ ވަނައަށް ހޮވިގެން ޕައިނިއާ ޕުލޭޔާ ލިބުނީ އައިޝަތު ސުދާ އަށެވެ.
ހައިރައިޒްގެ ޑިރެކްޓާ އޮފް ބިޒުނަސް ޑިވެލޮޕްމަންޓް އިސްމާއިލް ހަމީދު ރޭ ވިދާޅުވީ އެއެކްސްޕޯއަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އަދި އެއެކްސްޕޯއާއި މެދު އެއެކުސްޕޯގައި ބައިވެރިވި ހުރިހާ ކުންފުނިތަކުން ވެސް ވަރަށް ބޮޑަށް ހިންހަމަޖެހިފައިވާ ކަމަށެވެ.
"މިއިވެންޓްގައި ވަރަށް ބޮޑެތި ބުރޭންޑްތަށް ބައިވެރިވި، އާ ޕުރޮޑެކްޓްތަށް ލޯންޗްކުރެވިގެން ހިނގައްޖެ، އެހެންކަމުން މިއީ ވަރަށް ކާމިޔާބް އެކްސްޕޯއެއް" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ އިތުރު އެކްސްޕޯއެއް މިއަންނަ އަހަރު ވެސް ފެނިގެންދާނެ ކަމަށެވެ.
ހައިރައިޒްއިން އިންތިޒާމްކޮށްގެންބޭއްވި ލިވިން އެކްސްޕޯ ކާމިޔާބު ކަމާއެކު ރޭ ނިންމާލާފައިވާ އިރު މިފަހަރުގެ އެކްސްޕޯގައި ވަނީ ގިނަ އަދަދެއްގެ ބޭރުގެ ކުންފުނިތަކުން ބައިވެރިވެފަ އެވެ. އަދި ދިވެހި ބައެއް ބޮޑެތި ކުންފުނިތަކުން ވެސް އެއެކްސްޕޯގައި ބައިވެރިވެފައިވާ އިރު ތަފާތު އާ ޕުރޮޑެކްޓްތައް ވެސް ވަނީ އެއެކްސްޕޯގެ ތެރެއިން ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ.