ޤާހިރާ (ފެބްރުއަރީ 28): މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާލަމެންޓްރީ އިންތިޚާބުގައި ބައިވެރިނުވެ އެއިންތިޚާބު ބޮއިކަޓްކުރުމަށް ނިންމުމުގެ އިތުރުން އެއިންތިޚާބުގެ ނަތީޖާ ވެސް ގަބޫލުނުކުރުމަށް އިދިކޮޅު އެކޯލިޝަނުން ނިންމައިފި އެވެ.
މިސްރުގެ ރައީސް މުޙައްމަދު މުރުސީގެ ވެރިކަމާ ދެކޮޅަށް ޙަރަކާތްތެރިވާ އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަން ކަމަށްވާ ސަލްވޭޝަން ފްރަންޓުން ބުނީ އަންނަ އެޕްރީލް މަހުގެ 22ގައި ފެށުމަށް ހަމަޖެހިފައިވާ މިސްރުގެ ޕާލަމެންޓްރީ އިންތިޚާބު ބޮއިކަޓް ކުރުމަށާއި އެއިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރުމަށް އިދިކޮޅު ފަރާތްތަކުން ނިންމީ ރައީސް މުޙައްމަދު މުރުސީ އޭނާގެ ވެރިކަމުގެ ވަޢްދުތައް ނުފުއްދެވުމުގެ އިތުރުން މުރުސީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މިސްރުގެ ދައުލަތުގެ ޤާނޫނާ ދެކޮޅަށް އޭނާ ޢަމަލުކުރައްވަމުން ގެންދަވާތީ އެވެ.

ސަލްވޭޝަން ފްރަންޓުގެ ސެކްރެޓަރީ ޖެނެރަލް އަހްމަދުލްބަރްޢީ ވިދާޅުވީ ރައީސް މުރުސީ ވެރިކަމުގެ ވަޢްދުގެ ތެރޭގައި ހުރިހާ ޕާޓީތަކަށް ވެސް ގަބޫލުކުރެވޭނެ ގޮތަށް މިސްރުގެ ދަސްތޫގެ ދެލިކޮޕީގެ މާއްދާތައް އެކުލަވާލުމުގެ އިތުރުން މިސްރުގެ ހުރިހާ ޕާޓީތަކެއް ހިމަނައިގެން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުން ވެސް ހިމެނޭކަމުގަ އެވެ. ނަމަވެސް މީގެ ބަދަލުގައި ވެރިކަމަށް ވަޑައިގަތުމަށް ފަހު މުރުސީ ވަނީ ހުރިހާ ޕާޓީތަކަށް ގަބޫލުކުރެވޭ ގޮތަށް މިސްރުގެ ދަސްތޫގެ ދެލިކޮޕީ އެކުލަވާލުމުގެ ބަދަލުގައި އޭނާގެ އިޚްވާނުލްމުސްލިމީން ޖަމާއަތަށް ކަންތައްތަކަށް މަގުފަހިވާ ގޮތަށް ދަސްތޫރުގެ ދެލިކޮޕީ އެކުލަވާލައި އެއަށް ޢަމަލުކުރައްވަން ފައްޓަވާފައި ކަމަށް އަލްބަރްޢީ ވިދާޅުވި އެވެ.

މިސްރުގެ ދަސްތޫރު އެކުލަވާލި މިޖިލީހުގެ އަޣްލަބިއްޔަތު އޮންނަނީ އިޚްވާނުލްމުސްލިމީން ޖަމާއަތަށެވެ. ދަސްތޫރު އެކުލަވާލުމަށް ފަހު އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުން ގެންދަނިކޮށް މުރުސީވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅުއްވައިގެން ދަސްތޫރަށް ރައްޔިތުންގެ އާބަސް ހޯއްދަވާފަ އެވެ. ނަމަވެސް މިސްރުގެ ދަސްތޫރަކީ އިޚްވާނުލްމުސްލިމީން ޖަމާއަތަށް ކަންތައްތަކަށް މަގުފަހިވާ ގޮތަށް ލިޔެވިފައިވާ ދަސްތޫރެއް ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަކީ ސިޔާސީ ތުހުމަތުތަކެއް ކަމަށް މިސްރުގެ މުސްތަޤިއްލު ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ. އަދި މިސްރުގެ ދަސްތޫރު މުރާޖަޢާކުރި ބޭރުގެ ބައެއް ތަޖްރިބާކާރުން ވެސް ވަނީ އެއީ ޑިކޮކްރެޓިކް ހަމަތަކާ އެއްގޮތަށް އެކުލަވާލާފައިވާ ދަސްތޫރެއްކަން ބަޔާންކޮށްފަ އެވެ.

އަލްބަރްޢީ އިތުރަށް ވިދާޅުވީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ވެސް މުރުސީ ދެކޮޅު ހައްދަވާފައިވާ ކަމުގަ އެވެ. މީގެބަދަލުގައި މުރުސީގެ ސަރުކާރުގެ އިސްމަޤާމްތަކުގައި ތިއްބެވީ އިޚްވާން ޖަމާއަތުގެ ސިޔާސީ ފަރާތްތައް ކަމަށްވެސް އަލްބަރްޢީ ވިދާޅުވި އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ މުރުސީގެ ސަރުކާރުގައި ބައިވެރިވުމަށް އެންމެ ފުރަތަމަވެސް ދެކޮޅު ހަދާފަ އެވެ.

މިސްރުގެ އިދިކޮޅު ކޯލިޝަން ކަމަށްވާ ނެޝަނަލް ސަލްވޭޝަން ފްރަންޓުން އެދެމުން ދަނީ ޕާލަމެންޓްރީ އިންތިޚާބު ބޭއްވުމުގެ ކުރިން ރައީސް މުރުސީ އިސްތިއުފާ ދެއްވުމަށް ފަހު އިންތިޤާލީ ސަރުކާރެއް އެކުލަވާލައި އެސަރުކާރުގެ ބެލުމުގެ ދަށުން އިންތިޚާބު ބޭއްވުމަށެވެ. މިނޫންގޮތަކަށް ކަންތައް ހިނގައްޖެ ނަމަ ޕާލަމެންޓްރީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރުމުގެ އިތުރުން އެއިންތިޚާބުގެ ނަތީޖާއަށް ބަލައިގެން އުފައްދާ ސަރުކާރެއް ވައްޓާލުމަށް ފާޅުގައި މަސައްކަތްކުރާނެ ކަމުގެ އިންޒާރު ވެސް ސަލްވޭޝަން ފްރަންޓުން ވަނީ ދީފަ އެވެ. (ނޫސްއެޖެންސީތައް)