28 Feb 2013, 02:05
ރައީސް ނަޝީދުގެ ނަންފުޅު ނެތް ވޯޓު ކަރުދާސްކޮޅެއް މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ލުމުގައި ބޭނުން ނުކުރެވޭނެ ކަމަށް އެމްޑީޕީގެ މެންބަރުން ދަނީ ބުނަމުންނެވެ. ޚުދު ރައީސް ނަޝީދު ވެސް ގަބޫލުފުޅު ކުރައްވަނީ އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާން ވާނެ ކަމަށެވެ.
~
ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި ނޯންނަ ގޮތް މެދުވެރި ވާނީ އެމަނިކުފާނުގެ މައްޗަށް އުފުލިފައިވާ ދައުވާ ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް އަރުވައިލާން ނުވަތަ ޖަލަށް ލާން އެމަނިކުފާނަށް ހުކުމް ކޮށްފި ނަމައެވެ. އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނާ ގޮތުގައި އެއީ ސާބިތު ކުރެވޭނޭ ދައުވާއެއް ނޫނެވެ. ޓީވީ ޗެނަލްތަކުގައި ވާހަކަފުޅު ދައްކަވަމުން ގާނޫނީ ޓީމުން ވިދާޅުވަމުން ގެންދަވަނީ ތެދު ވާހަކަފުޅުތަކެއް ކަމަށް ވާ ނަމަ، އެ ބޭފުޅުން ކޯޓަށް ވަޑައިގެން ކޯޓުގައި އެކަން ސާބިތުކޮށް ދެއްވާށެވެ.
ޓީވީ ޗެނަލެއްގައި ނުވަތަ ސިޔާސީ މަންސައެއްގައި ކަމެއް ސާބިތު ކުރުމަކުން އެއްވެސް މީހަކު ކުށަކުން ބަރީއައެއް ނުވާނެއެވެ. އަދި ކުށްވެރިއެއް ވެސް ނުވާނެއެވެ. ރައީސް ނަޝީދާ އިދިކޮޅު ބޭފުޅުން އެމަނިކުފާނު އެ ހުންނެވީ ކުށްވެރި ވެފައި ކަމަށް ވިދާޅުވާ ވާހަކަފުޅުތަކަކީ ވެސް ހަމައެކަނި ވާހަކަފުޅުތަކެކެވެ. އެމްޑީޕީގެ ބޭފުޅުން އެމަނިކުފާނު ކުށެއް ނުކުރައްވައޭ ވިދާޅުވެ ދައްކަވާ ވާހަކަފުޅުތަކަކީ ވެސް ހަމައެކަނި ވާހަކަފުޅުތަކެކެވެ.
ކަމެއް ސާބިތު ކުރެވޭނީ ޝަރުޢީ ކޯޓުގައެވެ. ނަތީޖާއެއް ނުކުންނާނެ ހަމައެކަނި ގޮތަކީ އެއީއެވެ. ރާއްޖޭގެ ކޯޓަކުން ރައީސް ނަޝީދަށް އިންސާފު ލިބިވަޑައެއް ނުގަންނަވާނެއޭ ވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެކަމަކު އިންސާފު ހޯދާން ދާނެ އެހެން ތަނެއް ނުހުންނާނެއެވެ. އެމަނިކުފާނުގެ މައްސަލަ ލަސް ކުރުމުގައި މައްސަލައެއް ނެތް ނަމަ އަވަސް ކުރުމުގައި ވެސް މައްސަލައެއް އޮވެގެން ނުވާނެއެވެ. ފަހުން ބެއްޔަސް، މިހާރު ބެއްޔަސް ވާނީ ހަމަ އެއް ގޮތެކެވެ. އެއް ގޮތަކީ ރައީސް ނަޝީދު ކުށްވެރިވެވަޑައިގަތުމެވެ. އަނެއް ގޮތަކީ އެމަނިކުފާނުގެ ކުށެއް ނެތް ކަމަށް ސާބިތު ވުމެވެ. މައްސަލަ ކުރިއަށް ގެންދާ ގޮތެއްގެ ސަބަބުން ނުވަތަ ދުވަހެއްގެ ސަބަބުން ތިންވަނަ ގޮތެއް ނުފެންނާނެއެވެ.
ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން އެބަ ތިއްބެވެ. އެމަނިކުފާނަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތް ވުމަކީ އެމީހުން ރުހޭނޭ ކަމެއް ނޫނެވެ. އެމަނިކުފާނާ އިދިކޮޅު މީސްމީހުން ބޭނުން ވާނީ އެމަނިކުފާނު ރިޔާސީ ރޭހުން ދުރު ކުރާށެވެ. އެކަމަކު ބަޔަކު ހިތް އެދޭ ގޮތަކަށް ވާހަކަ ދެއްކުމަކީ ޝަރުޢީ ކޯޓެއްގައި އޮތް މައްސަލަ ސިޔާސީ މައްސަލައަކަށް ވާން ޖެހޭ ކަމެއް ނޫނެވެ. ސިޔާސީ ވެގެން އުޅެނީ ޕާޓީތަކުގެ ލީޑަރުންނެވެ. ރައީސް ނަޝީދު ދިގު މުއްދަތަކަށް ޖަލަށް ލައްވާނަމޭ ވިދާޅުވީ ސިޔާސީ ބޭފުޅެކެވެ. ކޯޓެއްގެ ފަނޑިޔާރެއް ނޫނެވެ. އެހެންވީމާ ކޯޓުގައި އޮތް މައްސަލަޔާއި އެ ވާހަކަފުޅާ ގުޅުވުމަކީ ރަނގަޅު ކަމެއް ނޫނެވެ.
ރައީސް ނަޝީދަށް ކުރިމަތި ނުލެއްވޭ އިންތިޚާބެއް އެމްޑީޕީން ގަބޫލެއް ނުކުރާނެއެވެ. އެމަނިކުފާނަށް ކޯޓުން ޙުކުމެއް ކޮށް، އިންތިޚާބުގައި ބައިވެރިވެ ވަޑައިނުގެންނެވޭ ގޮތް ވެއްޖެ ނަމަ ވަރަށް ބޮޑު ހަމަނުޖެހުމެއް ރާއްޖޭގައި ހިނގާނެއެވެ. މިއީ އެމްޑީޕީގެ އިސް ބޭބޭފުޅުން ފާޅުގައި ވިދާޅުވަމުން ގެންދަވާ ވާހަކަފުޅުތަކެކެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މަޞްލަޙަތަށްޓަކައި މައްސަލަ އަނބުރައި ނެންގެވުމަކީ ޕްރޮސެކިއުޓަރ ޖެނެރަލް ކުރައްވާން ޖެހޭ ކަމެކެވެ. އެމަނިކުފާނު އެކަން ނުކުރައްވައިފިނަމަ، 2018 އާ ހަމައަށް ނުވަތަ މި އަހަރުގެ އިންތިޚާބު ނިމޭންދެން ޝަރީޢަތް ލަސް ކޮށްލުމަކީ ކޯޓުން ކުރާން ޖެހޭ ކަމެކެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވާ ބޭފުޅުން އެ ދައްކަވަނީ ދޮގު ވާހަކަފުޅުތަކެކޭ ދެންނެވޭކަށް ނެތެވެ. މަޞްލަޙަތު ހިފެހެއްޓުމަކީ ޕީޖީއާއި ޝަރުޢީ ދާއިރާގެ ބޭފުޅުންގެ އެއް ޒިންމާއެކެވެ. ހަމަ އެހެންމެ ޤާނޫނު ދެމެހެއްޓުމަކީ ވެސް އެ ބޭފުޅުންގެ ވަރަށް ބޮޑު ޒިންމާއެކެވެ. މަސްއޫލިއްޔަތެކެވެ. މަޞްލަޙަތުގެ ވާހަކަ ދެކެވޭން ފެށީމާ އަޅުގަނޑުގެ ހިތަށް އަރައެވެ. މަޞްލަޙަތު ދެމެހެއްޓުމަކީ ހަމައެކަނި ޕީޖީގެ ނުވަތަ ޝަރުޢީ ދާއިރާގެ ޒިންމާއެއް ބާވައެވެ؟ އެމްޑީޕީއަކީ މަޞްލަޙަތު ދަމަހައްޓާން ޖެހޭ ޕާޓީއެއް ނޫން ބާވައެވެ. ރައީސް ނަޝީދަކީ މަޞްލަޙަތަށް ވިސްނާވަޑައިގަންނަވާން ނުޖެހޭ ބޭފުޅަކީ ތޯއެވެ؟ ރާއްޖޭގެ މަޞްލަޙަތަށް ޓަކައި އެމްޑީޕީއަށް ކުރެވޭނޭ ކަންތައްތަކެއް ހުންނާނެއެވެ. އަދި ރައީސް ނަޝީދަށް ކުރެއްވޭނޭ ކަންތައްތަކެއް ވެސް ހުންނާނެއެވެ.
ހަމަނުޖެހުން އުފެދޭނެ ވާހަކައާއި، މަޞްލަޙަތު ގެއްލޭނެ ވާހަކަ އެމްޑީޕީން ދެއްކީމާ، އެ ދެކެވޭ ވާހަކައަކީ ކޮބައިތޯއެވެ؟ އެ ބުނެވެނީ ތިމަންމެން މަޞްލަޙަތު ނަގައިލާނަމޭ ނޫންތޯއެވެ؟ ރައީސް ނަޝީދު އެހެން ވިދާޅުވާ ނަމަ އެ ވިދާޅު ވެވެނީ ތިމަން މަނިކުފާނު މި ހުންނެވީ ހަމަނުޖެހުން އުފައްދަވާން ތައްޔާރުވެވަޑައިގެންނޭއެއް ނޫންތޯއެވެ؟
އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައީސް ނަޝީދުގެ މައްޗަށް އުފުލިގެން އުޅޭ ދަޢުވާގައި ޙަޤީޤަތްތަކެއް އެބަ ހުއްޓެވެ. އެއީ ދާދި އިހަށް ދުވަހުގެ ކަމެކެވެ. އެކަން ހިނގި ގޮތް އެންމެންނަށް ވަރަށް ސާފުކޮށް އެނގޭ ކަމެކެވެ. ޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރު ކުރެއްވުމަކީ ރައީސް ނަޝީދު އެޅުއްވި ކަތި ފިޔަވަޅެކެވެ. އެއީ ޤާނޫނުގައި އެކަން ކުރާން އޮންނަ ގޮތަށް ކުރެއްވި ކަމެއް ނޫނެވެ. އެކަމަކު ވެސް އެމަނިކުފާނަކީ ކުށްވެރިއެއް ކަމަކަށް އަޅުގަނޑެއް ނުބުނާނަމެވެ. އެއީ ޝަރުޢީ ކޯޓަކުން އެފަދަ ޙުކުމެއް އަދި ނުކުރާތީއެވެ.
ރާއްޖެއަށް އޮތް އެންމެ މަޞްލަޙަތު ރަނގަޅު ގޮތެއް ކަމަށް އަޅުގަނޑަށް ފެންނަނީ ރައީސް ނަޝީދު ކޯޓަށް ވަޑައިގެން އެމަނިކުފާނުގެ ކުށެއް ނެތް ކަމަށް ސާބިތުކޮށް ދެއްވުމެވެ. ރާއްޖޭގައި ކުރު މުއްދަތަކަށް ނަމަވެސް ރައީސްކަން ކުރެއްވި ބޭފުޅެއްގެ ގޮތުން، ޤާނޫނަށް ބޯލެނބުމުގެ ނަމޫނާއެއް ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ފެންނާން އެބަ ޖެހެއެވެ. ކަތި ފިޔަވަޅުތަކެއް އެޅުއްވި ނަމަވެސް، ރައީސް ނަޝީދު ކުރެއްވި ކޮންމެ ކަމަކީ ވިޔާނުދާ ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. ކޯޓަށް ވަޑައިނުގެން ހުންނެވުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެހެންވީމާ އެކަން ހިމެނިގެން ދާނީ ހަމަ ގައިމުވެސް އެމަނިކުފާނު ކުރެއްވި ރަނގަޅު ކަންތައްތަކުގެ ތެރެއަކު ނޫނެވެ.
ރައީސް ނަޝީދު ވެރިކަމަށް ގެންނާން ބޭނުން ވާ ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެބަ އުޅެއެވެ. އެއީ ދެބަސް ވެވޭން އޮތް ކަމެއް ނޫނެވެ. އެހެންވީމާ އެމަނިކުފާނު ވެރިކަމަށް ގެންނާން ހުރަސް އެޅޭ ކޮންމެ ކަމަކީ އެމީހުން ނުރުހޭނޭ ކަމެކެވެ. ނަތީޖާއަކީ ހަމަނުޖެހުން އުފެއްދުމެވެ. އުފެއްދުމޭ މި ދެންނެވީ އެއީ ޤުދުރަތީ ކަމަކަށް ނުވާތީއެވެ. ހަމަނުޖެހުމަކީ ބަޔަކު ގަސްތުގައި އުފައްދާ ކަމަކަށް ވާތީއެވެ.
މައްސަލަ ގޮސްފައިވާ ހިސާބުން އުފެދޭ ސުވާލަކީ ބަޔަކު ހަމަނުޖެހުން އުފައްދައިފާނެތީ ޤާނޫނު ފިއްތައިލާން ވީތޯ ނުވަތަ ނޫންތޯއެވެ. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެއަށް ހަމަޖެހުމެއް އަންނާނީ ޤާނޫނު ތަންފީޒު ކުރެވުނީމައެވެ. އަދި ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބުނީމައެވެ.
ރައީސް ނަޝީދުގެ ޝަރީޢަތް ލަސް ނުކޮށް ކުރިއަށް ގެންދާން ވާނެއެވެ. އެމަނިކުފާނު ކުށްވެރިވުމާއި ނުވުމަކީ އެހެން ކަމެކެވެ. އެކަމަކު ޝަރީޢަތް ހިނގާން ވާނެއެވެ. އެހެން ނޫނީ ޤާނޫނަށް މީހުން މިހާރު ކުރާ ކުޑަކުޑަ އިތުބާރު ވެސް މުޅީން ގެއްލިގެން ހިނގައިދާނެއެވެ. މިހާރުވެސް އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ ވަކި ބަޔަކު ޤާނޫނުގެ ޙުދޫދުން ބޭރުގައި އުޅޭ ވާހަކައެވެ. މިއީ ނުރައްކާތެރި ވާހަކައަކަށް ވިޔަސް، ބައެއް ކަންތައްތައް ހިނގައިފައިވާ ގޮތަށް ބަލާއިރު އެއީ ތެދެއް ކަމަށް އަޅުގަނޑަށް ވެސް ގަބޫލު ކުރެވެއެވެ. އެހެންވީމާ މީހާ ކިތަންމެ މަތިވެރި ވިޔަސް، މީހާގެ ތާއީދު ކިތަންމެ ބޮޑު ވިޔަސް، ޤާނޫނުގެ ކުރިމަތީގައި އެއްވަރު ވާނެކަން ދައްކާން އެބަ ޖެހެއެވެ. ޤާނޫނަކީ ކަނު، ލޯފަން އެއްޗެކޭ ބުނެއެއް ނޫންތޯއެވެ؟ އޭގެ މާނައަކީ ކުރިމަތީގައި ހުންނަ މީހާ ޤާނޫނަށް ނުފެންނަ ވާހަކައެވެ. ޤާނޫނަށް އިވޭނީ ކޯޓުގައި ދެ ޚަޞްމުން ދައްކާ ވާހަކައިގެ އަޑެވެ.
ދިވެހި ރައްޔިތެއްގެ ގޮތުން އަޅުގަނޑު ބޭނުން ވަނީ ރާއްޖޭގައި ޤާނޫނު ތަންފީޒު ކުރާތަން ދެކޭށެވެ. ޤާނޫނުގެ ވެރިކަން ހިނގާ ތަން ދެކޭށެވެ. ޤާނޫނުގެ ދިގު އަތް މީހަކާ ދިމާއަށް ދިއްކުރެވޭ އިރު، އެއީ އާދައިގެ ރައްޔިތެއްތޯ، މައުމޫނު ކިޔާ މީހެއްތޯ، ނަޝީދު ކިޔާ މީހެއްތޯ، ވަޙީދު ކިޔާ މީހެއްތޯ، ދެކޭކަށް ހަމަގައިމުވެސް އަޅުގަނޑު ބޭނުމެއް ނޫނެވެ.