27 Feb 2013, 22:51
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ދެން ފުލުހުން ހާޒިރު ވާނީ ސުޕުރީމް ކޯޓުން އެގޮތަށް އަމުރުކޮށްފި ނަމަ ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ފުލުހުން ހާޒިރު ނުވުމަށް އެޓާނީ ޖެނަރަލް (އޭޖީ) އައިޝަތު އާޒިމާ ޝުކޫރު ލަފާދެއްވައިފައި ވަނިކޮށް ފުލުހުންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ކޮމިޝަނަރު ރިޔާޒްގެ ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ފުލުހުން ދެން އެ ކޮމެޓީ އަށް ދާނީ ހަމައެކަނި ސުޕުރީމްކޯޓުން އިން އެފަދަ އަމުރެއް ކުރައްވައިފި ނަމަ ކަމަށާއި އެނޫން ގޮތެއްގައި ފުލުހުން އެކޮމެޓީ އަށް ނުދާނެ ކަމަށެވެ.
"އެޓާނީ ޖެނެރަލް ނިންމި ނިންމުމަށް ޗެލެންޗްކުރައްވާ. ދެން ޗެލެންޖުކުރައްވާ ސުޕުރީމް ކޯޓަށް ވަޑައިގަންނަވާ ކޯޓުން އެފަދަ ރޫލިންއެއް ނެރެފި ނަމަ ފުލުހުން ދާންޖެހޭނެ ކަމަށް ރޫލިންއެއް ނެރުއްވައިފި ނަމަ ދާނަން،" ކޮމިޝަނަރު ޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ އެ ކޮމެޓީ އަށް ފުލުހުން ގެންގޮސް އެކިއެކި ނަންނަމުންނާއި ހުތުރުބަހުން ފުލުހުންނާއި މުހާތަބްކޮށް ވާހަކަ ދައްކަމުންދާ ކަމަށާއި އެކޮމެޓީ އިން މަސައްކަތް ކުރަމުންދަނީ ރަނގަޅު ނިޔަތެއްގައި ނޫން ކަމަށެވެ. އަދި ރައްޔިތުން މަޖިިލީހަށް އޭރު ޖަވާބުދާރީވީ އެއީ ރަނގަޅު މަގުސަދެއްގައި ކުރާ މަސައްކަތެއް ކަމަށް އޭރު ގަބޫލްކުރެވި އަދި އެކޮމެޓީއަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމެޓީއެއް ކަމުން އެބޭފުޅުނަށް ފުލުހުންގެ ހިދުމަތް ހިނގަމުންދާ ގޮތުގެ މައުލޫމާތު ދެވޭނެ ކަމަށް ގަބޫލް ކުރެވުމުން ކަމަށެވެ.
ކޮމިޝަނަރު ރިޔާޒް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ކުރާ މަސައްކަތްތަކަކީ ވަރަށް ނާތަހުޒީބު މަސައްކަތްތަކެއް ކަމަށެވެ. އަދި ރިޔާޒްގެ ވާހަކަފުޅުގައި ވަނީ މަގާމްތަކަށް މީހުން އިންތިހާބްކުރާ އިރު އަހުލާގް ދަށް ޖިނާއީ މައްސަލަކަށް ތުހުމަތުކުރެވޭ މީހުން އިންތިހާބު ނުކުރުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. އަދި އެފަދަ ފަރާތްތައް އިންތިހާބު ކުރުމުން ގާނޫނު ތަންފީޒް ކުރާ ފަރާތްތަކަށް ހުރަސް އަޅާ ކަމަށް ކޮމިޝަނަރު ތުހުމަތު ކުރެއްވި އެވެ.
މަސްއޫލިއްޔަތު ކޮމެޓީ އަށް ހާޒިރު ނުވާނެ ކަމަށް ރިޔާޒް އަންގަވާފައިވާ އިރު، ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދިނުމަށް ފުލުހުން ނިންމި ނިންމުމާ ދެކޮޅަށް ސިވިލް ކޯޓުން ހުކުމްކޮށްފައި އޮތުމުން ރިޔާޒާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމާފައިވެ އެވެ.
ރާއްޖެ ޓީވީ އަށް ފުލުހުން މިހާރު އަންނަނީ ފުރިހަމަ އަށް އެއްބާރުލުން ދެމުންނެވެ.