27 Feb 2013, 22:42
މިމަހުގެ 12 އަދި 14 ވަނަ ދުވަހު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ ދެ މެޗުގެ ތެރެއިން، ފަހުމެޗުން ރާއްޖެ އަތުން 3-0 ލަނޑުން ޕާކިސްތާން ޓީމް ބަލިވީ ވަރުބަލި ކަމާއި މާލޭގައި ޓީމް ތިބެންޖެހުނު އެކޮމޮޑޭޝަންގެ ހާލަތު ދައްކަމުން ކަމަށް ބުނެ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ޕާކިސްތާން ޓީމުގެ ޑިފެންޑަރު ކަމަރަން ކާން ފާޑު ކިޔައިފި އެވެ.
އެ ދެމެޗް ކުޅުމަށްއާ ޕާކިސްތާންގެ ގައުމީ ޓީމް މާލޭގައި ތިބީ މ. މާބަލް ހޮޓަލްގަ އެވެ.
"އަހަރުމެން ރާއްޖެ އަތުން ބަލިވުމުގެ އެންމެ ބޮޑު އެއް މައްސަލައަކީ ވަރިބަލިވުމާއި މާލޭގައި ތިބެން ޖެހުނު އެކޮމޮޑޭޝަންގެ ސަބަބުން." ރާއްޖެއާ އަވައްޓެރި ނޭޕާލްގެ ނޫހެއް ކަމަށްވާ ގޯލްނޭޕާލް. ކޮމްއަށް ދީފައިވާ އިންޓަވިއުއެއްގައި ކަމަރަން ކާން ބުނެފައިވެ އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ރަހުމަތްތެރި ކަމުގެ އެ ދެމެޗުގެ ތެރެއިން ފުރަތަމަ މެޗް ނިމުނީ 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. އެމެޗުގައި ރާއްޖޭގެ ލަނޑު ޕާކިސްތާން ކޮޅަށް ޖެހީ އަސަދުﷲ އަބްދުﷲ އެވެ. އަދި ޕާކިސްތާނުން ރާއްޖެއާ އެއްވަރުކުރި ލަނޑު މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޔައުގޫބު އީޖާޒް އެވެ.
ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުޅުނު ދެ ވަނަ މެޗުގައި ރާއްޖެ އިން ޕާކިސްތާންކޮޅަށް ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) ކާމިޔާބު ކޮށްދިން އިރު އަނެއް ލަނޑު ރާއްޖެ އަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު މުހައްމަދު އުމެއިރެވެ.
ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ޓީމުން މާލޭގައި މިމަހު ކުޅުނު އެ ދެ މެޗުގެ ކުރިން ޕާކިސްތާނުން ވަނީ ނޭޕާލްގެ ގައުމީ ޓީމާ ދެކޮޅަށް އެ ގައުމުގައި ވެސް ރަހުމަތްތެރި ކަމުގެ ދެ މެޗް ކުޅެފަ އެވެ. އެދެ މެޗުން ޕާކިސްތާންގެ ޓީމުން ކާމިޔާބުކުރީ 1-0 ލަނޑުންނެވެ.
ޕާކިސްތާނާ އެކު ދިވެހި ޓީމުން ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެފައި މި ވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ މުބާރާތް ރާއްޖޭގައި ބާއްވާތީ އޮޓޮމެޓިކް ޖާގައެއް މިފަހަރު ރާއްޖެ އަށް ލިބިފައި ވުމުން މިއަހަރު ކުޅޭ ކޮލިފައިން މެޗުތަކުގައި ރާއްޖެ ކުޅޭކަށް ނުޖެހެ އެވެ.
މިމަހު ޕާކިސްތާން ޓީމުން މާލޭގައި ކުޅުނު ރަހުމަތްތެރި ކަމުގެ ދެ މެޗުން ކުރެ އެއް މެޗަކުން ވެސް ރާއްޖެ އަތުން ޕާކިސްތާންގެ ޓީމަށް މޮޅެއް ނުލިބުނު އިރު، އޭގެ ކުރިން މާލޭގައި ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނީ އެންމެ ފަހަރަކު އެވެ. އެއީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެފަހަރު ވެސް ޕާކިސްތާން އަތުން ރާއްޖެ މޮޅުވީ 3-0 އިންނެވެ.