ކުޑަ ކުއްޖެއްގެ ގައިގާ ހައްދު ޖެހުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމް މުރާޖައާކުރަން މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދުގެ ރަސްމީ ޓުވިޓާ އެކައުންޓުން އެމަނިކުފާނު މިރޭ ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކުޑަ ކުއްޖެއްގައި ގައިގާ ހައްދުޖެހުމަށް ކުރި ހުކުމާ ގުޅިގެން އެމަނިކުފާނު ހިތާމަކުރައްވާ ކަމަށެވެ.

އަދި އެމައްސަލަ މުރާޖައާކުރަން އެމަނިކުފާނު މަސައްކަތްކުރައްވާނެ ކަމަށް ޑރ. ވަހީދު ވަނީ ވިދާޅުވެފަ އެވެ.

"ކުޑަ ކުއްޖެއްގެ ގައިގާ ހައްދުޖަހަން ކުރި ހުކުމާ ގުޅިގެން ހިތާމަކުރަން. އެހުކުމް މުރާޖައާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނަން،" ޑރ. ވަހީދުގެ ޓުވީޓުގައިވެ އެވެ.

ށ. ފޭދޫގެ އުމުރުން 15 އަހަރުގެ ކުއްޖެއްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޒިނޭގެ ދައުވާ ސާބިތުވުމާ ގުޅިގެން، ޖުވެނައިލް ކޯޓުން ހުކުމް ކޮށްފައި ވަނީ އެ ކުއްޖާގެ ގައިގާ 100 އެތިފަހަރުން ހައްދު ޖަހައި، އަށް މަސް ދުވަހަށް ކުއްޖާ ގޭބަންދު ކުރުމަށެވެ.

އެ މައްސަލައާ ގުޅިގެން ގިނަ ފަރާތްތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އދ. އިން ވެސް ވަނީ މިރޭ ނެރުނު ބަޔާނެއްގައި އެކަމާ ކަންބޮޑުވާ ކަމަށް ބުނެފަ އެވެ.