ސިފައިން ފޮނުވުމުން ވެސް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު ޖަލްސާކުރާ މާލަމުން ނުނިކުންނެވުމުން، ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ނިންމަވާލައްވައިފި އެވެ.


އޮޑިޓާ ޖެނެރަލަކަށް ހުށަހެޅި އަލީ ރަޝީދު އުމަރާ ބެހޭ ކޮމެޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަން ފެއްޓެވުމުން އެ ރިޕޯޓާ ދެކޮޅު ހައްދަވައި އަޑުގަދަކޮށް އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ގަވާއިދާ ހިލާފް ވެވަޑައިގެންނެވުމުން، އޭގެ ތެރެއިން ނަޝީދުގެ ނަން އިއްވައި ޖަލްސާއިން ނިކުންނެވުމަށް ދެންނެވުމުން ވެސް އޭނާ ޖަލްސާއިން ވަނީ ނުނިކުންނަވައިފަ އެވެ.


މެންދުރު ބާރަގަޑި ސާޅީސް ހާކަންހާއިރު ހަމަނުޖެހުންގަނޑުގެ ތެރެއިން ފުރަތަމަ ޖަލްސާ މެދުކަނޑުއްވާލައްވަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، ދެން ޖަލްސާ އަލުން ފައްޓަވާނީ ނަޝީދު ޖަލްސާއިން ނެރުއްވުމަށްފަހު ކަމަށެވެ.


މި މައްސަލައިގައި އަޑުގަދަކުރައްވައި މަޖިލީހުގެ ގަވާއިދާ ހިލާފް ވުމުން، ބާރަށު ދާއިރާގެ މުހައްމަދު ޝިފާޒާއި ހުޅުމީދޫ ދާއިރާގެ އިލިޔާސް ލަބީބާއި، ފޭދޫ ދާއިރާގެ އަލްހާން ފަހުމީ އަށް، ރިޔާސަތުން ގަވާއިދާ ހިލާފް ނުވުމަށާއި، ގޮނޑި ކޮޅުތަކުގައި އިށީންނެވުމަށް ތަކުރާރުކޮށް އަންގަވަމުން ގެންދެވި އެވެ. ނަމަވެސް އެ މެންބަރުން އެކަމަށް އިޖާބަނުދިނުމުގެ ސަބަބުން ނަޝީދުގެ ނަން އިއްވެވުމަށް ފަހު ވެސް ރިޔާސަތުން އެ މެންބަރުންނަށް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އަންގަވަމުން ގެންދެވި އެވެ.


އަލީ ރަޝީދުގެ ނަން ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ ރިޕޯޓް، އެ ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމު މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވަން ފެއްޓެވުމުން ނިޒާމީ މައްސަލަ ނަންގަވައި، ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދާއި، އިހަވަންދޫ ދާއިރާގެ އަހުމަދު އަބުދުﷲ ވިދާޅުވަމުން ގެންދެވީ  އެ ރިޕޯޓަކީ ފުރިހަމަވެފައިވާ ރިޕޯޓެއް ނޫން ކަމަށެވެ. އަދި އެ ރިޕޯޓަކީ ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްވެފައިވާ ރިޕޯޓެއް ނޫން ކަމުން އެ ރިޕޯޓް އަނބުރާގެން ގޮސް މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ރިޕޯޓް ހުށަހެޅުއްމަށް ވެސް އެ މެންބަރުން ރިޔާސަތަށް ދެންނެވި އެވެ. އަދި އެ ރިޕޯޓްގެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއާ ގުޅިގެން ރައީސް އެމައްސަލަ ބައްލަވާފައި ވަނީ، ކޮމިޓީގެ  މުގައްރިރާ ސުވާލުކޮށްގެން ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ކޮމިޓީގެ މުގައްރިރު ދެއްވާފައިވާ ޖަވާބުގައި އެ ކަންތައް ގޮސްފައި ވަނީ މުޅިން ގޯހުން ނޫންކަމަށް ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލަ އިތުރަށް ބަލަންޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާމަނިކު ފޮނުއްވި ސިޓީގެ ޖަވާބު ފޮނުއްވާފައިވާނެ ކަމަށެވެ. އަދި މެންބަރުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް އަންގަވައި، ރިޕޯޓް ހުށަހެޅުއްވުން ކުރިއަށް ގެންދެވުމަށް ނާޒިމަށް އެންގެވި އެވެ. މައްސަލަ އިތުރަށް ގޯސްވީ، އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އަލީ ރަޝީދުގެ މައްސަލައެއް ހިމެނޭތީ، އެ ފަރާތާއެކު ކޮމިޓީން ސިއްރު ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު، އެ ނަން ދިރާސާކުރުމަށް އެކުލަވާލި އުސޫލުތައް ފާސްކޮށްފައި ވަނީ، ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދު ތާއީދު ކުރައްވައިގެން ކަމަށް ނާޒިމު ވިދާޅުވުމާ ގުޅިގެންނެވެ.  


މަޖިލީހުގެ ޗެމްބަރުގައި އިންނަވައިގެން ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އޭނާގެ ނަން ރިޠާސަތުން އިއްވީ ގަވައިދާ ހިލާފަށް ކަމަށެވެ.


ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯގެ ޗެއާމަން ފާރޫގު އުމަރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އަލީ ރަޝީދު އުމަރުގެ ނަން ދިރާސާ ކުރި ކޮމެޓީން ބުނެފައި ވަނީ އަލީ ރަޝީދު އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް ޝަރުތު ހަމަނުވާ ކަމަށެވެ. އޭނާ އަށް ކޮމެޓީން ލިބިފައި ވަނީ، 75 މާކްސް ލިބެން ޖެހޭ ތަނަކަށް 62 މާކްސް އެވެ. އޭނާ އަށް އެންމެ ދަށުން މާކްސް ލިބިފައި ވަނީ އިންޓަގްރިޓީންނެވެ.