27 Feb 2013, 21:14
ޒިނޭގެ ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް، އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގާ 100 އެތިފަހަރުން ހައްދު ޖެހުމަށް ހުކުމް ކުރުމާ ގުޅިގެން އދ. އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އާއިލާގެ ފަރާތްތަކުގެ އަތްދަށުގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ އުމުރުން 15 އަހަރުގެ ށ. ފޭދޫގެ ކުއްޖާ ޒިނޭކުރިކަން ސާބިތުވާ ކަމަށް ކުރި ހުކުމާ ގުޅިގެން ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހައްދު ޖެހުމަކީ އިންސާނިއްޔަތާ ހިލާފު ދަށު ދަރަޖައިގެ އަދަބެއް ކަމަށެވެ.
"ރާއްޖޭގެ މައްޗަށް އޮތް ބައިނަލްއަގުވާމީ އަދި ގާނޫނީ އިންސާނީ ހައްގުތަކުގެ ޒިންމާގެ ދަށުން ހައްދު ޖެހުމަކީ، އިންސާނިއްޔަތާ ހިލާފު، އަނިޔާވެރި އަދި ދަށު ދަރަޖައިގެ އަމަލެއް." އދ.ގެ ބަޔާނުގައި ބުނެފައިވެ އެވެ.
އދ.ގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޖިންސީ ގޯނާގެ މައްސަލަތަކުގައި ގައުމުތަކުން ގެންގުޅެން ޖެހޭނެ މިންގަނޑުތަކަކީ އެފަދަ އަނިޔާތައް ހުއްޓުވުމަށް މަސައްކަތްކުރުން ކަމަށާއި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް ހިމާޔަތްކޮށް، އެފަދަ އަނިޔާތައް ކުރާ ފަރާތްތަކަށް އަދަބު ދިނުން ކަމަށެވެ.
ޒިނޭކުރުމުގެ ދައުވާ ދައުލަތުން އުފުލި ށ. ފޭދޫގެ އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވާތީ އެ ކުއްޖާގެ ގައިގާ 100 އެތިފަހަރުން ހައްދު ޖެހުމާ އެކު އަށް މަސް ދުވަހަށް ގޭބަންދު ކުރުމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފައި ވަނީ އިއްޔެ އެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވީ އުމުރުން 15 އަހަރުގައި އަމިއްލަ ރުހުމުގައި ޒިނޭކުރި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އެކުއްޖާ އިއުތިރާފުވުމުން ކަމަށާއި އަށް މަސް ދުވަހަށް ގޭބަންދު ކުރުމުގެ ހުކުމް ތަންފީޒު ކުރާނީ އެކުއްޖާ ކުޑަކުދިންގެ ހިޔާގައި ބަހައްޓައިގެން ކަމަށް ވެސް ކޯޓުން ނިންމާފައިވާ ކަމަށެވެ.