27 Feb 2013, 17:45
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ރަސްމީކޮށް ކުރިމަތިލައްވައިފި އެވެ.
ޕީޕީއެމްގެ އިންތިހާބީ ކޮމެޓީގެ މުގައްރިރު މުހައްމަދު ތޮލާލް މިއަދު "ސަން" އަށް ވިދާޅުވީ އަންނަ މަހު 30ގައި އޮންނަ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލެއްވުމަށް ހުށަހަޅަން ޖެހޭ ފޯމް ޕީޕީއެމްގެ އޮފީހަށް ޔާމީން ހުށަހެޅުއްވީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
"ޔާމީން މިއަދު ހަވީރުގެ ވަގުތެއްގައި ފޯމް ހުށަހަޅުއްވައިފި. މިހާތަނަށް އަޅުގަނޑުމެންނަށް ފޯމް ހުށަހަޅުއްވާފައި ވަނީ ޔާމިން އާއި އުމަރު އެކަނި،" ތޮލާލް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކަ ކުރައްވަން ޝައުގުވެރިވާ ފަރާތްތަކުން ނަން ހުށަހެޅުމުގެ ސުން ގަޑިއަކީ މާދަމާ ހަވީރު 3:30ގެ ނިޔަލަށެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ޔާމީންގެ އިތުރަށް ފޯމް ހުށަހަޅުއްވާފައި ވަނީ އެ ޕާޓީގެ ކުރީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރެވެ.