ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އިލެކްޝަންސް ކޮމިޝަނުގެ ޔުނިޓުތަކެއް ގާއިމުކޮށް އެ ޔުނިޓުތަކުގައި އެ ކޮމިޝަނުގެ ދާއިމީ މުވައްޒަފުން ބޭތިއްބުމަށް ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ ރާއްޖޭގެ 20 އަތޮޅުގައި ގާއިމުކުރާ ޔުނިޓްތަކުގެ ތެރެއިން އެސިސްޓެންޓް ޑިރެކްޓަރުންގެ ފެންވަރުގެ މީހަކާ އެކު އިތުރު ދެ މީހަކު 13 އަތޮޅަކަށް މި އަހަރު ހަމަ ޖައްސާނެ ކަމަށެވެ. އަދި ހަތް އަތޮޅެއްގައި ގާއިމުކުރާ ޔުނިޓުތަކަށް އެސިސްޓެންޓް ޑިރެކްޓަރުންގެ ފެންވަރުގެ މީހުން ބޭތިއްބޭނެ ބަޖެޓް ނެތުމާ އެކު އެ އަތޮޅުތަކުގައި ތިބޭނީ ހަމައެކަނި އެޑްމިން އޮފިސަރަކާއި އޮފީސް އެސިސްޓެންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ އަތޮޅުތަކުގައި ގާއިމުކުރާ ޔުނިޓުތަކަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އިއުލާން ކުރުމަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޔުނިޓްތައް ހުންނާނީ އަތޮޅު ވެރިކަންކުރާ ރަށްތަކުގައި އަތޮޅު ކައުންސިލްތަކުގައި ކަމަށާއި މިހާތަނަށް ފަސް އަތޮޅަކުން އޮފީސް އޮފީސް ޖާގަ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ވިދާޅުވީ އަތޮޅުތަކުގައި ގާއިމު ކުރާ އިލެކްޝަންސް ކޮމިޝަނުގެ ޔުނިޓްތަކުގެ ސަބަބުން އެކޮމިޝަނުން މިހާރު ކުރަމުންދާ ހަރަދުތައް ކުޑަވެގެންދާނެ ކަމަށެވެ.

"ޖުމްލަކޮށް ބަލާއިރު ހަރަދު ބޮޑެއް ނުވާނެ. އެއީ އަބަދާއި އަބަދު ބައި އިލެކްޝަންތައް ބާއްވަން ޖެހިފައި މި އޮންނަނީ. އެހެންވީމާ ވަގުތީ ގޮތުން ވެސް އަތޮޅު ތަކުން މީހުން ނަގަމުން މި ގެންދަނީ. އެހެންވީމާ ވަގުތީ ގޮތުން ކުރާ އިއުލާންތަކާއި އެމީހުނަށް ދޭންޖެހޭ އުޖޫރަ އާއި މިކަން ކަމަށް ދާއިމީކޮން ތިބޭ މީހުނަށް ވުރެ ވެސް ބޮޑުވެގެންދޭ. އެހެންވީމާ ޖުމްލަކޮން ބަލާ އިރު ހަރަދުބޮޑެއް ނުވާނެ،"

އަދި އެކޮމިޝަނުގެ ދާއިމީ މުވައްޒަފުން ބޭތިއްބުމުން ޒިންމާދާރުކަމާ އެކު މަސައްކަތްކުރާނެ މުވައްޒަރުން ތިބޭނެ ކަމަށާއި އޭގެ ސަބަބުން އެކޮމިޝަނުގެ މަސައްކަތަކަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

"[ ޔުނިޓްތަކުގައި ތިބޭ މުވައްޒަފުންގެ] ޒިންމާތަކުގެ ތެރޭގައި އޮންނާނެ އެންމެ ބޮޑު އެއްކަމަކަށް އެ އަތޮޅެއްގައި ރަޖިސްޓްރީތައް ވީހާ ވެސް ރަނގަޅަށް ބެލެހެއްޓުން. އަދި ހާއްސަކޮން އަޅުގަނޑުމެނަށް ނުލިބިގެން އުޅޭ މައުލޫމާތު އެއީ މަރުވާމީހުންގެ މައުލޫމާތު. އެމީސް މީހުން ލިސްޓުން އުނިކުރުން އޭގެ ތެރޭގައި ދާނެ. އޭގެ އިތުރުން ވެސް ބާއްވަން ޖެހޭ ހުރިހާ ބައި އިލެކްޝަނަކާ ގުޅިގެން ކުރަން ޖެހޭ މަސައްކަތެއް ވެސް ކުރަން ޖެހޭނެ."