27 Feb 2013, 14:36
ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ "ބްރޯޑްކާސްޓް ދުވަސް"ގެ ގޮތުގައި ހަމަޖައްސައި އެ ދުވަސް ގައުމީ ފެންވަރެއްގައި ފާހަނގަ ކުރުމަށް މޯލްޑްވިސް ބޮރޯޑްކާސްޓިން ކޮމިޝަންއިން ނިންމައިފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން އިންތިޒާމްކޮށްގެން މީޑިއާގެ ފަރާތްތަކަށް ބާއްވާ ދެ ދުވަހުގެ ވޯކްޝޮޕެއް އިފްތިތާހުކޮށްދެއްްވަމުން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު ވިދާޅުވީ "ބްރޯޑްކާސްޓް ދުވަހު"ގެ ގޮތުގައި ދުވަހެއް ފާހަގަކުރުމުގެ މަގްސަދަކީ ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިއްމު ދައުރުގެ އަގު ވަޒަންކުރުމާއި، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކުރުން ކަމަށެވެ.
ޝަހީބް އިތުރަށް ވިދާޅުވީ ބްރޯޑްކާސްޓް ދުވަސް ފާހަގަކުރުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވައި، ބްރޯޑްކާސްޓަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން އެވޯޑް ދިނުމަށް ވެސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
"ބްރޯޑްކާސްޓް ދުވަސް"ގެ ގޮތުގައި އޮކްޓޯބަރު 4 ފާހަގަކުރުމަށް ކޮމިޝަނުން ނިންމީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރޯޑްކާސްޓް ސިގުނަލެއް ފޮނުވި ދުވަހަކީ އެއީ ކަމަށް ތާރީޚި ލިއުންތަކުން ދައްކާތީ އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
ކޮމިޝަނުން އިތުރަށް ބުނެފައި ވަނީ ރާއްޖޭގައި ބްރޯޑްކާސްޓް ކުރަން ފެށި ދުވަހަކީ މުޅި ގައުމަށް ވެސް ވަރަށް މުހިންމު ދުވަހެއް ކަމަށް ވާތީ ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖައްސަވައިފައިވާ ދުވަސްތަކުގެ ތެރެއަށް "ބްރޯޑްކާސްޓް ދުވަސް" ހިމަނައިދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން އަށް ކޮމިޝަނުން އެދިފައިވާ ކަމަށެވެ.