27 Feb 2013, 14:10
ހދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ ފިރިހެން ޓީޗަރަކު އެސުކޫލުގައި ތައުލީމް ހާސިލްކުރާ 14 އަހަރުގެ އަންހެންކުއްޖަކާ އެކު ބަދުއަހުލާގީ އަމަލުހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
ހދ. ވައިކަރަދޫ ކައުންސިލްގެ މެމްބަރަކު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ކުޑަ އަންހެން ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލުހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެރަށުގައި ހުންނަ ހދ. އަތޮޅު މަދަރުސާގައި ކޮމްޕިއުޓަރު ކިޔަވައިދޭ އިންޑިއާގެ ޓީޗަރެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ އިރުއޮއްސުނު ވަގުތު ކަމަށެވެ. އެމައްސަލައާ ބެހޭ އިތުރު ތަފްސީލެއް އޭނާ ވިދާޅެއްނުވި އެވެ.
"ކައުންސިލަށް މައުލޫމާތް ލިބިފައިވަނީ ކުޑައަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މިރަށު ސުކޫލުގައި ކިޔަވައިދޭ އިންޑިއާ ޓީޗަރަކު ހައްޔަރުކުރިކަން އިތުރު ތަފްސީލެއް ނުލިބޭ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ 14 އަހަރުގެ އަންހެން ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލުހިންގި ކަމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން 26 އަހަރުގެ ފިރިހެނަކު އިއްޔެ ވަިއކަރަދޫ އިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައަކީ ތަހުގީގްކުރަމުންދާ މައްސަލައެއް ކަމުން އެމައްސަލައާ ބެހޭ އިތުރު މައުލޫމާތެއް އޮފިޝަލް ވިދާޅެއްނުވި އެވެ.