27 Feb 2013, 14:08
އައިޖީއެމްއެޗް އަށް ހާއްސަ ބަލިތަކާބެހޭ ޑޮކްޓަރުންށް ދެއްކެވުމަށް ދާ ފަރާތްކަށް އެޕޮއިންޓްމެންޓް ހެއްދެވުމަށް ފަސޭހަމަގެއް ހޯދައިދިނުމުގެގޮތުން އެހޮސްޕިޓަލުން އެޕޮއިންޓްމަންޓް ހައްދަމުންގެންދާ އުސޫލަށް ބަދަލުތަކެއް ގެންނަގޮތަށް ނިންމައިފިއެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުން މިއަދު ބުނީ އެހޮސްޕިޓަލުން މިއަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އެޕޮއިމަންޓް ހެއްދެވުމަށް ކިޔުއަށްދާ ފަރާތްތަކަށް ކިޔޫ ނަމްބަރު އަދި އެޕޮއިންޓްމަންޓް ދޫކުރާގަޑިއަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ހާއްސަ ބަލިތަކުގެ ޑޮކްޓަރުނަށް ދެއްކެވުމަށް މިހާތަނަށް ކޮންމެ ދުވަހަކު 7:30 ދޫކުރަމުންދިޔަ ކިޔޫ ޓޯކަން ނަމްބަރު އަދި އެޕޮއިންޓްމަންޓް ނަމްބަރު މިއަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ދޫކުރުމަށް ނިންމާފައިވަނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 22:00 އަށް ކަމަށެވެ. އަދި ޓޯކަންތައް އަރުވަމުންދާއިރު ގެއްލޭ ކޮންމެ ޓޯކަން ނަމްބަރަކަށް އަނބުރާ ހިދުމަތް ދޭނީ އަލުން ޓޯކަން ނަމްބަރެއް ނެގުމުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
"މިގޮތަށް ހަދަންޖެހުނީ ކިޔު ނަންބަރު ނެގުމަށް ގިނަ ވަގުތު ރޭގަނޑު ހޭލައި ކިޔުގައި ތިބެންޖެހުމުގެ ސަބަބުން މިކަންތައް ލުއިކޮށްދިނުމުގެ ގޮތުންނެވެ. އަދި އެޕޮއިންޓަމަންޓް ހެއްދުމަށް ވަޑައިގަންނަވާއިރު ބަލިމީހާގެ އައިޑީކާޑް ގެނައުމަށް ހަދުމަފުޅުއަރުވަމެވެ." އައިޖީއެމްއެޗް އިން ބުންޏެވެ.
އައިޖީއެމްއެޗްއިން ބުނީ އެދުވަހުންފެށިގެން ހާއްސަ ބަލިތަކާބެހޭ ޑޮކްތަރުނަށް ފޮލޯއަޕްއަށް ދެއްކުމަށް ދާ ފަރާތްތަކަށް އެޑޮކްޓަރަކު ބައްލަވާ ކޮޓަރިން އެޕޮއިންޓްމަންޓް ދޫކުރާނެ ކަމަށެވެ.
އެހޮސްޕިޓަލުން ބުނީ ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ހާއްސަބަލިތަކާއި އެކިއެކި ޑިޕާޓްމަންޓްތަކަށް އެއް މަސްދުވަހަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ހިދުމަތާއި އޯޕީޑީއިން އެއްޑިޕާޓްމެންޓް އިން އަނެއް ޑިޕާޓްމަންޓަށް ފޮނުވާ ޕޭންޓުންނަށް އެޕޮއިންޓްމަންޓް ހަދައިދޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.