27 Feb 2013, 14:04
މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން "ޒުވާނުންގެ އީދެއް" ބޭއްވުމަށް ކުޅިވަރާއި ޒުވާނުންނުގެ ވުޒާރާއިން ނިންމައިފި އެވެ.
ޒުވާނުންނާއި ކުޅިވަރުގެ ވުޒާރާގެ ދަށުން ހިންގަމުންދާ ޒުވާނުންގެ މަރުކަޒުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ގިނަ ހަރަކާތްތަކެއް ހިމަނައިގެން ޒުވާނުންގެ އީދެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުރެވިދާނެ ކަންތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ އެ އީދުގައި މައުލޫމާތުގެ އިސްޓޯލްތައް ހުންނާނެ ކަމަށް އެ މަރުކަޒުން ބުނެ އެވެ.
އަދި އެހެންމެ ކުޅިވަރު ކުޅެވޭނެ އިންތިޒާމު ހަމަ ޖެހިގެންދާއިރު އެތަނުގައި ސްޓޭޖު ހަރަކާތައްވެސް ކުރިއަށް ދާނެ ކަމަށް ޒުވާނުންގެ މަރުކަޒުގެ ބަޔާނުގައި ބުނެފައިވެ އެވެ.
މާފަންނު ޓްރެކް ސަރައްހަދުގައި ބާއްވާ "ޒުވާނުން އީދު" ގެހަރަކާތްތައް އެދުވަހު ހަވީރާއި ރޭގަނޑު ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފަ އެވެ.
މީގެ އިތުރުން ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު މާލެ މަގު ތަކުގައި ހިނގާލުމެއް ބޭއްވުމަށް ހަމަ ޖައްސާފައިވާއިރު އެދުވަހުގެ ރޭ ހާއްސަ މިޔުޒިކް ޝޯ އެއްވެސް ބާއްވަން ނިންމާފައިވާ ކަމަށް ޒުވާނުންގެ ވުޒާރާއިން ވަނީ ބުނެފަ އެވެ.
ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ޖަލްސާ މިއަހަރު ބޭއްވުމަށް ހަމަ ޖެހިފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހު ނ.މަނަދޫގަ އެވެ. އެ ޖަލްސާގައި ޒުވާނުންގެ ގައުމީ އިނާމް ދިނުމާއި އަދި އަތޮޅު ފެންވަރުގައި ތަފާތު ހަރަކާތައްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖައްސާފައި ކަމަށް އެ ވުޒާރާއުން ބުނެ އެވެ.
ދިވެހިރާއްޖޭގައި ޒުވާނުންގެ ދުވަސް މާރިޗު މަހު ފާހަގަ ކުރި ނަމަވެސް ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ އޯގަސްޓް މަހު 12 ވަނަ ދުވަހެވެ.