ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް ހިންގާފައިވާ އިރު އެ ފަދަ އަމަލުތައް ހިންގާފައި ތިބި މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެންނާނެ ކަމަށާއި، އެކަމުގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބޭފުޅުންނަކަށް އެއްވެސް އަރާމެއް ނޯންނާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރޭ ކަލާފާނު ސްކޫލްގައި ހެންވޭރުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަވަސްކަމާ އެކު މަސައްކަތް ކުރައްވާ އިންސާފުގެ ކުރިމައްޗަށް އެފަދަ ފަރާތްތައް ގެންނާން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެ ފައިސާ އަކީ ރައްޔިތުންގެ ފައިސާ ކަމަށް ވާއިރު އެ ފައިސާ އެ މީހުންނަށް ހޯދައިދޭން ޖެހޭނެ ކަމަށެވެ. އަދި އޭސީސީގެ ބޭފުޅުން ޖެހިވަޑައިގަންނަވާނީ ކޮޅަށް ތިއްބަވައިގެން އެ މަސައްކަތް ކުރައްވަން ކަމަށްވެސް ޔާމިން ވިދާޅުވި އެވެ.

"އަބަދުވެސް ދެއްކޭ ވާހަކަ އަކީ ރައްޔިތުންގެ ޚަޒާނާއިން ބޭނުން ކޮށްގެން ގައުމުގައި ފަސާދަ ނުވަތަ ކޮރަޕްޝަންގެ އަމަލްތައް އިތުރުވަމުންދާ ވާހަކަ. މިއީ އަލިފުލައިލާ ވާހަކަ ގޮތަށް ޒަމާންތަކެއް ވަންދެން އިވިފައި ހުންނަ ވާހަކަތައް. އެފަދަ ކަންކަމަށް މިނިވަން މުއައްސަސާތައް ގާނޫނުއަސާސީގައި އަޅުގަނޑުމެން އެކަށަ އަޅައިފީމު. ޝައްކެއް ވެސް ނެތް ގޮތުގައި އޭސީސީން މިހާރުވެސް ވަރަށް އެދެވިގެންވާ މަސައްކަތް ތަކެއް ކުރައްވާ. އަޅުގަނޑުގެ ސަރުކާރެއްގައި އޭސީސީގައި ތިއްބަވާ ބޭފުޅުންނަކަށް އަރާމެއް ނޯންނާނެ. އެ ބޭފުޅުން ޖެހި ވަޑައިގަންނަވާނީ ކޮޅަށް ތިއްބަވައިގެން ހަމަ މަސައްކަތް ކުރައްވަން،" ޔާމިން ވިދާޅުވި އެވެ.

އޭނާ ވިދާވީ އެކަންކަން ކުރުމުގައި މުއައްސަސާ ތަކުގެ މަސައްކަތްތައް ލަސްވާނަމަ ފަހަރަކު މުއައްސަސާއެއްގައި ނުވަތަ ހުރިހާ މުއައްސަސާ އެއްގެ ދޮރުގައި ޓަކި ޖައްސަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ބޭފުޅުންނަށް ޖެހިވަޑައިގަންނަވާނީ އެކަމަށް އިޖާބަ ވެސް ދެއްވާން ކަމަށާއި އެހެން ނުވެއްޖެނަމަ ދައުލަތެއް ނުހިނގާނެ ކަމަށެވެ.

އަދުލު އިންސާފުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނަށް ބޭނުންވާނެ ހުރިހާ އިދާރީ ފަހިކަމެއް ހޯއްދަވާ ދެއްވާނެ ކަމަށް ވިދާޅުވެ ޔާމިން ރޭ ވިދާޅުވީ ނަމަވެސް އެކަމުގެ ރައްދުގައި، އެ ބޭފުޅުން ރައްޔިތުންނަށާއި އަދި ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކެރިގެން ސާބިތުކަމާ އެކު ނިންމަވާ މައްސަލަތައް އަވަސް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާ ކުރި އެރުވުމުގައި އެމަނިކުފާނު ގެންގުޅުއްވާ ބައެއް ވިސްނުންފުޅު ހިއްސާ ކުރައްވަމުން ވިދާޅުވީ ތައުލީމީ ދާއިރާގެ މުގައްރަރު ތަށް ބައްޓަން ކުރަމުން ގެންދާއިރު ޓެކްނިކަލް ނުވަތަ ވޮކޭޝަނަލް އެޑިއުކޭޝަން އުގަންނައިދޭން ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ތައުލީމީ ދާއިރާގެ މުގައްރަރުތައް ބައްޓަން ކުރަމުން ގެންދާއިރު ޚާއްސަ މަސައްކަތްތަކެއް އެބަ ކުރަންޖެހޭ. ޓެކްނިކަލް އެޑިއުކޭޝަން ނުވަތަ ވޮކޭޝަނަލް އެޑިއުކޭޝަން އުގަންނާދޭން. އަޅުގަނޑުމެންގެ ކުދިން ތައުލީމު ހާސިލް ކޮށްގެން ނުކުންނަނީ މަސައްކަތުގެ ބާޒާރަށް. އަޅުގަނޑުމެންގެ ކުދިން ތައުލީމު ހާސިލް ކޮށް ނިންމައިގެން ދަނީކީ ފުރުސަތުގެ ޓަކި އައިސް ގޭ ދޮރުގައި ޖަހާލަންދެން ގޭގައި އަތް އުރާލައިގެން ތިބޭކަށް ނޫން. އެކަން ކުރާކަށް އަޅުގަނޑުމެންނަކަށް ވަގުތެއް ނެތް. މަންމައިން ނަށް ދިހަ އަހަރު ބާރަ އަހަރުގެ ތައުލީމު ދަރިންނަށް ހާސިލް ކޮށްދީފައި ވަޒީފާއެއް އޮތްތޯ ބަލަން ދިގު އިންތިޒާރެއްގައި ތިބެވޭކަށް ނެތް. މިއީ ކެކުޅުން ހުރި ކަމެއް. މި ކަމަށް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ސަރުކާރެއްގައި މަންމައިން ވަޑައިގެން އަޅުގަނޑު ގޭ ދޮރުގައި ޓަކި ޖައްސަވާކަށް ނުޖެހޭނެ،" ޔާމިން ވިދާޅުވި އެވެ.

ސްކޫލް ނިންމާ ހުރިހާ ކުދިންނަކީ މަތީ ތައުލީމު އުނގެނުމުގެ ފުރުސަތު ލިބޭ ކުދިންނެއް ނޫނެވެ. އޭނާ ވިދާޅުވީ އެފަދަ ކުދިންނަށް ފަންނީ ތައުލީމު އުނގަންނައި ދިނުމުގެ ހަރުދަނާ ފިޔަވަޅު ތަކެއް އަޅާ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށެވެ. އެ ގޮތުން ރާއްޖޭގައި އެންމެ ކުރިއެރުން އޮތް އެއް އިންޑަސްޓްރީ ކަމަށްވާ ފަތުރުވެރި ކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރަށް ކިޔެވޭނެ މުއައްސަސާއެއް ގާއިމް ކުރުމަކީ އެމަނިކުފާނުގެ ސަރުކާރެއްގައި އެންމެ އިސް އެއް އަމާޒަށް ވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ރާއްޖޭގައި އެންމެ ކުރިއެރުން އޮތް ދާއިރާ އަކީ ފަތުރުވެރި ކަމުގެ ސިނާއަތް ކަމަށްވާތީ އެފަދަ ކުދިންނަށް މި ދާއިރާއިން ޓޫރިޒަމް ސްޓަޑީޒް އާ ހޮސްޕިޓާލިޓީގައި ހަމަ އިރާދަ ކުރެއްވިއްޔާ ދުނިޔޭގައި ފަޚުރުވެރި ކިޔެވުން ކިޔެވޭ ވަރުގެ މުއައްސަސާ އެއް ނޫނީ އިންސްޓިޓިއުޝަނެއް ދިވެހި ރާއްޖޭގައި ގާއިމް ކުރުމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ އިސް އެއް އަމާޒަށް ވެގެންދާނެ،" ޔާމިން ވިދާޅުވި އެވެ.

ރޭގެ ހަފްލާގައި ބައިވެރިވި ފަރާތް ތަކަށް ޔާމިން ވަނީ ވަކިވަކިން ބައްދަލު ކުރައްވާ އެ ބޭފުޅުންގެ ވާހަކަތައް އަޑު އައްސަވާފައެވެ. އަދި އެބޭފުޅުން އެ މަނިކުފާނުގެ ވެރިކަމެއްގައި ރާއްޖެ އަށް ގެންނަން ބޭނުންވާ ބަދަލު ތަކާއި ބެހޭ ގޮތުން ޔާމިން އާ މަޝްވަރާ ކުރެއްވި އެވެ.