ރާޅާ އެޅުމުގެ ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ހޯދާފައިވާ މަޝްހޫރު ރާޅާ އެޅުންތެރިން ބައިވެރިވާ "ފޯސީޒަން ރިޒޯޓްސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ" މިއަހަރު ވެސް އެ ރިސޯޓުގައި ބާއްވަން ނިންމާފި އެވެ.

ފޯސީޒަން ރިޒޯޓްސްގެ މާކެޓިން ކޯޑިނޭޓާ ފޮލެރެންސިޔާ ޕޯޓާ މިއަދު "ސަން އޮންލައިނަށް" ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ، އެހެން އަހަރުތަކެކޭ ވެސް އެއްގޮތައް މިފަހަރު ވެސް "ފޯސީޒަން ރިޒޯޓްސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ" ބޭއްވުމަށް އެރިސޯޓުން ނިންމާފައިވާ ކަމަށާއި އެގޮތުން އެ މުބާރާތް މިފަހަރު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މިފަހަރުގެ މުބާރާތް ވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުޑަހުރާ ރިސޯޓް ކައިރީ އޮންނަ ރާޅާ އާޅާ ފޮއިންޓްގައި ކަމަށް ފޮލެރެންސިޔާ ވިދާޅުވި އެވެ.

ފޮލެރެންސިޔާ ވިދާޅުވީ، މިއަހަރުގެ މުބާރާތުގައި ބައިވެރި ވުމަށް އެދި ދުނިޔޭގެ މަސްހޫރު ރާޅާ އެޅުންތެރިންނަށް ދައުވަތު ދިނުމަށް ރިސޯޓުން ނިންމާފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކަށް ވުރެ މިފަހަރުގެ މުބާރާތުގައި ގިނަ ރާޅާ އެޅުންތެރިން ބައިވެރިވާނެ ކަމުގެ އުންމީދު އެބޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަހަރު ވެސް މުބާރާތް ބެއްވުމަށް ރިސޯޓުން ނިންމާފަ ވަނީ. މުބާރާތުގައި ވާދަކުރާނެ ބައިވެރިން ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ފައިނަލް ވާނެ. މުބާރާތުގައި ވާދަކުރުމަށް އެދި މަސްހޫރު ރާޅާ އެޅުންތެރިންނަށް ރިސޯޓުން ދައުވަތު ދޭނެ. އަދި ރާއްޖޭގެ ރާޅާ އެޅުންތެރިން ނަށް ވެސް ދައުވަތު ދޭނެ." ފޮލެރެންސިޔާ ބުންޏެވެ.

ފޮލެރެންސިޔާ ވިދާޅުވީ، މި އަހަރުގެ މުބާރާތުގައި ވެސް ތިން އިވެންޓެއްގައި ބައިވެރިން ވާދަކުރާ އިރު، އެއްވަނަ އަށްދާ ފަރާތަކަށް 25،000 ޑޮލަރުގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދިވެހި ރާޅާ އެޅުންތެރިންގެ ތެރިންގެ އެންމެ މޮޅު ރާޅާ އެޅުންތެރިއަކަށް 25،000ރ.ގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފޮލެރެންސިޔާ ވިދާޅުވި އެވެ.

އެރިސޯޓުން އެންމެ ފަހުން ބޭއްވި ރާޅާ އެޅުމުގެ މުބާރާތުގައި ރާޅާ އެޅުމުގެ ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ހޯދާފައިވާ ފަސް ރާޅާ އެޅުންތެރިން ވާދަކޮށްފައިވެ އެވެ. އެގޮތުން އެރާޅާ އެލުންތެރިން ނަކީ 1999 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އޮސްޓްރޭލިއާގެ މާކް އާއި ތިން ފަހަރެއްގެ މަތިން ވޯލްޑް ޗެމްޕިއަންކަން ހޯދީ އެމެރިކާގެ ޓޮމް ކުރީންނާއި 1998 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި މާޓިން ޕޮޓާ އާއި 2007 ވަނަ އަހަރު ލޯގް ބޯޑް މާސްޓާގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ބްރެޒިލްގެ ފިލް ރަޒްމަން އަދި ދެ ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދި އޮސްޓްރޭލިއާގެ ދަމިން ހާޑްމަންއެވެ.

"ފޯ ސީޒަންސް ރިސޯޓްސް މޯލްޑިވްސް ސާފިން ޓްރޮފީ"ގެ ނަމުގައި ފަސް ތަރީގެ އެރިސޯޓުގައި 2011 އަދި 2012 ވަނަ އަހަރުވެސް ވަނީ ދުނިޔޭގެ މަސްހޫރު ރާޅާ އެޅުންތެރިން ބައިވެރި ކޮށްގެން ރަނގަޅު ފެންވަރެއްގެ މުބާރާތެއް ބާއްވާފަ އެވެ. އެގޮތުން 2011 ވަނަ އަހަރު ބޭއްވި މުބާރާތުގެ ސިންގަލް ފިން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ ކުރީގެ ޗެމްޕިއަން އޮސްޓްރޭލިޔާގެ މާކް އޮޗިލޮޕޯ (އޮކީ) އެވެ. އަދި 2012 ވަނަ އަހަރުގެ ސިންގަލް ފިން ބައިގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އޮސްޓްރޭލިއާގެ ދަމިން ހާޑްމަން ހޯދައިފި އެވެ. އަދި އެފަހަރު ފިން ބައިގެ ޗެމްޕިއަންކަން ހޯދި އޮސްޓްރޭލިއާގެ ދަމިން ހާޑްމަންއަކީ ދެ ފަހަރު މަތިން ވޯލްޑް ޗެމްޕިއަންކަން ހޯދާފައިވާ ރާޅާއެޅުންތެރިއެކެވެ.