27 Feb 2013, 12:54
ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް މެލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑާއި ހަވާލުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކުރީގެ ކޮންޓްރޯލަރު އަދި ރައީސް ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސައިންގެ ބޭބެ އިލްޔާސް ހުސައިން އިބްރާހިމާއި ފިނޭންސް މިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ސެކްޝަނުގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ހުސެއިން ނާޝިދު ވިދާޅުވީ އިލްޔާސާއި ސާމީގެ މައްޗަށް ވެސް ކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި އިލްޔާސްގެ މައްސަލަ މިއަދު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ އިރު ސާމީގެ މައްސަލަ ކޯޓަށް ފޮނުވީ އިއްޔެ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި އޭސީސީން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ އެ ޕްރޮޖެކްޓްގެ ބީލަމުގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް އިމިގްރޭޝަނުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވި ސިޓީއާ އެކު ހުށަހަޅާފައިވާ ރިކްއެސްޓް ފޯ ޕްރޮޕޯސަލް (އާރުއެފްޕީ) އަކީ ނޭޝަނަލް ޕްލޭނިން ކައުންސިލުން ފާސްކޮށްފައިވާ ޕްރޮޖެކްޓް ޕްރޮޕޯސަލެއް ނޫން ކަމަށެވެ.
އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ ޕްލޭނިން ކައުންސިލުން ފާސްކޮށްފައިވާ ޕްރޮޖެކްޓް ޕްރޮޕޯސަލްގައި ހިމެނޭ 14 މޮޑިއުލްގެ ތެރެއިން ހަތް މޮޑިއުލެއް އާރުއެފްޕީން އުނިކޮށް ބައެއް މޮޑިއުލްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި ޕްލޭނިން ކައުންސިލުން ފާސްކޮށްފައިވާ ޕްރޮޖެކްޓް ޕްރޮޕޯސަލަށް ބަދަލު ގެނެސް ފިނޭންސް މިނިސްޓްރީ އަށް ފޮނުވި ސިޓީގައި ސޮއިކޮށްފައި ވަނީ ކުރީގެ ކޮންޓްރޯލަރު އިލްޔާސް ކަމަށާއި ނަމަވެސް އެ ޕްރޮޕޯސަލަށް ބަދަލުގެނައުމުގެ ބާރު އޭނާ އަށް ލިބިގެން ނުވާކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.
ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓްގެ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި އީއައިއޯގައި ބެލުމަށް ކަނޑައަޅާފައިވާ ބައިތަކުގެ އިތުރަށް ބަލައި ވަކި ފަރާތަކަށް ގިނައިން މާކްސް ދީފައިވާ އިރު ބައެއް ބައިތަކަށް މާކްސް ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭސީސީން ބުނެފައި ވަނީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓުގެ ޓެކްނިކަލް އިވެލުއޭޝަން ހެދުމަށް ދެވަނަ ފަހަރަށް އެކުލަވާލި ޓީމުން މާކްސް ދިނުމުގައި އޮޅުވާލާފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ ސާމީގެ ބެލުމުގެ ދަށުން ކަން ތަހުގީގުން އެނގޭ ކަމަށެވެ.