15 Mar 2010, 15:48
19:00
ކަނޑި ގެންގުޅުމުގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައިވާ މީހަކު ގޭބަންދަށް ދޫކޮށްލި ހަބަރު ދިޓީވީން ކިޔުމުން، ގްރޫޕަކުން ގޮސް އެތާނގެ ސީނިއާ މުވައްޒަފުންތަކަކަށް ހަމަލާދީ މާރާމާރީ ހިންގައި ތަފާތު އިންޒާރުތައް އިންޒާރު ދީފި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަތަރު މީހުންގެ ގްރޫޕެއް ދިޓީވީ ދޮށަށް ދިޔައީ، ގދ. ނަޑެއްލާ އަތަމާގޭ އިބްރާހިމް ނާފިޒު ނުވަތަ ޗިކާ ގޭބަންދަށް ބަދަލުކުރި ހަބަރު މެންދުރު ދޭއްގެ ހަބަރުގައި ކީ ފަހުންނެވެ.
ދިޓީވީގެ އިސް އޮފިޝަލަކު ވިދާޅުވީ ހަތަރު މީހަކު ގޮސް، ދިޓީވީގެ ސީނިއާ ފަސް މުވައްޒަފެއްގެ ގައިގައި ޖެހި ކަމަށާއި ދިޓީވީގެ ސިއީއޯ ޔޫސުފް ނަވާލަށް ވެސް ހަމަލާ އެރި ކަމަށެވެ. އަދި އެ ގްރޫޕު ދިޔައީ ޗިކާގެ ހަބަރު އިތުރަށް ނުކިޔުމަށް އިންޒާރު ދީފައި ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ.
މީގެ އިތުރުން ވެސް މިއަދު ހަވީރު ވަނީ ހަވީރުގެ އިދާރާގެ މަސައްކަތްކުރާ މުވައްޒަފަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފަ އެވެ. ހަވީރުގެ އިދާރާގެ ދޮރުމަތީގައި ހުރި، އެ ތަނުގެ ޗާޕުހާނާގައި މަސައްކަތްކުރާ މުވައްޒަފެއްގެ ބުރަކައްޓަށް ވަޅި ހެރުމުން އޭނާ އަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އޭނާގެ ބުރަކައްޓަށް ހެރި ވަޅި ނަގައިފައި ވަނީ އޭޑީކޭ އަށް ގެންގޮސްފައި ކަމަށް މައުލޫމާތު ލިބެ އެވެ.
މި މައްސަލަތައް ފުލުހުން ދަނީ ބަލަމުންނެވެ.