މާލޭ އެއް ނަމްބަރު ކުނިކޮށި ފުރިފައިވަނިކޮށް، ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެ ގޮނޑު ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަމުން ގެންދަނިކޮށް، މިއަދު އަނެއްކާ ވެސް އެ ގަނޑުގެ އަޑީގައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާންގަނޑު ފަޅައިގެން ގޮސްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު 8:35 އެހާކަންހާއިރު ކަމަށާއި އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމާ އެކު އެސަރަހައްދަށް ގޮސް ކުނިގަނޑުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް މިއަދު ހެނދުނު އަނެއްކާ ވެސް އެތަނުގައި ރޯވެފައި ވަނީ ބަޔަކު ރޯކޮށްލައިގެން ކަމެއް ނުވަތަ ކުރިން ވެސް ރޯވި އަލިފާނުގެ އަސަރު ކުނިގަނޑުގެ ތެރޭގައި ހުރުމުން ކަމެއް ސީދާ ވިދާޅުވާން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮފިސަރު ވިދާޅުވީ ކުނިގަނޑުގައި ރޯވި އަލިފާންގަނޑު މިއަދު 11:00 އެހާކަންހާއިރު މުޅިން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ނަމަވެސް އެ ސަރަހައްދުގައި އަދި ވެސް އެމްއެންޑީއެފްގެ ފަޔާ ޓީމް ހަަރަކާތްތެރިވަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" އަލިފާން ރޯވެގެން އެމްއެންޑީއެފުން އެސަރަހައްދަށް ގޮސް ފެންޖަހައި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ، ކުނިގަނޑުގައި އަދިވެސް އެމްއެންޑީއެފްގެ ފަޔާ ޓީމް ގެންދަނީ ކުނިގޮނޑުގައި ހަރަކާތެރިވަމުން،" އަބްދުﷲ އަލީ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް މިއަދު ވިދާޅުވީ ކުނިކޮށި ސާފުކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާ ކަމަށާއި ކުނިކޮށިން އަރަމުންދާ ދުމަކީ ކުނިގޮނޑުގެ އަޑި ރޯވެފައިވާތީ އަރަމުންދާ ދުން ކަމަށެވެ. އަދި އަލިފާނުގެ އެހާދިސާ ހިނގީ އަޑީގައި ރޯވެފައިވާ ހިސާބުން ކުނިތައް ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިޓާގެޓް ކުރީ މިހަފްތާގެ ނިޔަލަށް ދުން އަރަމުންދާ މިންވަރު ކުޑަ ކުރަން، ދެން މިވީ ގޮތަކީ އަޑީގައި ރޯވެފައި އޮތް ހިސާބުން ކުނިތައް ނަގަން ފެށުމުން ދުން ގަނޑު ބޮޑުވެ، ވައި އެޅިގެން އަލިފާންގަނޑު ފަޅައިގެން ދިޔައީ. މިހާރު ކުރަމުން މިގެންދަނީ ފެންޖެހުމާއި ދުންއަރަމުންދާ ސަރަހައްދުގައި ހުރި ކުނިތައް އެއްކޮށް ނެގުން،" ސުޖާއު ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ އަންނަ ހަފްތާގައި ކުނިގޮނޑުން އަރަމުންދާ ދުމުގެ އަސަރު ވަރަށް ބޮޑުތަން ކުޑަކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ނަމަވެސް އަދި ވެސް މުޅި ގޮނޑު އެއްކޮށް ހުސްކުރުމަށް އެއްވެސް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

ކުނިގަނޑު ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފެށިއިރު މިމަހުގެ މެދުތެރޭގައި އެ ކުނިކޮށީގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑު ބައެއް ރޯވެފަ އެވެ. އަދި އޭގެ ފަހުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށާއި އެސަރަހައްދުގައި ހުންނަ އިމާދުއްދީން ސްކޫލަށް ވެސް ވަނީ ކުނިކޮށިން އަރަމުންދާ ދުމުގެ އުނދަގޫތައް ބޮޑުވެފަ އެވެ.