ދަމާސް ކޮމްޕެނީން އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރަކު އެ ކުންފުނީގެ މުއައްޒިފުން މޯލްޑިވްސް ބްލަޑް ސާވިސަސްގެ ބްލްޑް ބޭންކަށް ލޭ ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

ދަމާސް ކުންފުނިން މިއަދު ބުނީ އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހު އެ ކުންފުނީގެ މުވައްޒަފުން މޯލްޑިވްސް ބްލަޑް ސާވިސަސްގެ ބްލްޑް ބޭންކަށް ލޭ ހަދިޔާ ކުރުމަށް މިހާރު ނިންމައިފައި ވާ ކަމަށެވެ.

"މުޖުތަމައުގެ ހެވާއި ލާބަައަށް ކުރެވޭ ކަންކަމުގައި ވޮލަންޓިއާ ކުރުމަށް ހުރި ފުރުސަތުތަކަށް ދަމާސް މުވައްޒަފުންގެ ޝައުގުވެރިކަން އެބަހުރި. މީގެ ކުރިން ވެސް އެކި މުނާސަބަތުތަކާ ގުޅިގެން ބާއްވާ ލޭ ހަދިޔާ ކުރުންތަކުގައި ދަމާސްގެ މުވައްޒަފުން ބައިވެރިވެފައިވެ" ދަމާސްއިން ބުންޏެވެ.

ދަމާސްއިން ބުނީ މި އަހަރުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވެސް އެ ކުންފުނިން ލޭ ހަދިޔާ ކޮށްފައި ވާ ކަމަށާއި އެ ގޮތުން އެ ޕޮރުގުރާމް ކުރިއަށްގެންދިޔައީ އިއްޔެ ހެނދުނު 10:00 އިން މެންދުރު 1:00 ޖަހާން ދެން ކަމަށެވެ. އަދި އެ ހަރަކާތުގައި އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ލޭ ދެވޭން ތިބި ހުރިހާ މުވައްޒަފުނާއި އެ މުވައްޒަފުންގެ އާއިލާގެ މެމްބަރުން ވެސް ބައިވެރިވެފައި ވާ ކަމަށް އެ ކުންފުނިން ބުންޏެވެ.