27 Feb 2013, 12:38
ދެހާސް އެގާރަ ވަނަ އަހަރުގެ އޯގަސްޓް މަހު ކުރެއްދޫ އައިލެންޑް ރިސޯޓަށް ހަނީމޫނަށް ގޮސް އުޅެނިކޮށް އެކްސިޑެންޓެއްގައި އިނގިރޭސި ދެމަފިރިން، އެމާ ގްރޭ އާއި ޖޮނަތަންގެ މަރުވެފައިވާތީ އެ ދެ މަފިރިންނަށް ލިބިފައިވާ ދަރިފުޅަށް 18 އަހަރު ފުރެންދެން އޭނާގެ ޚަރަދުތައް ހަމަޖައްސަން ރިސޯޓް އޯނަރު ނިންމައިފި އެވެ.
އިނގިރޭސި ދެމަފިރިން މަރުވި މައްސަލައިގައި އެކްސިޑެންޓްވި ކުއަޑްބައިކް ދުއްވި އެ ރިސޯޓުގެ ގެސްޓް ރިލޭޝަންސް އޮފިސާ ޓްރޭނީގެ މަގާމުގައި ހުރި ސުވިޑަންގެ، ފިލިޕް އިއުޖެއިން ފްޓްރާގެ މައްޗަށް ދައުލަތުން ކުރަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ. އޭނާ އަކީ އެ ރިސޯޓުގެ އޯނަރުގެ ދަރިފުޅެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފިލިޕްގެ ގާނޫނީ ވަކީލު އަރީފް އަހްމަދު ނަސީރު ވިދާޅުވީ އެކްސިޑެންޓްގައި ނިޔާވި ދެމަފިރިންގެ ދަރިފުޅަށް 18 އަހަރު ފުރެންދެން އޭނާގެ ޚަރަދުތައް ހަމަޖައްސަން އެ ރިސޯޓުގެ ވެރިފަރާތުން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކުއަޑްބައިކް އެކްސިޑެންޓްވި އިރު އޭގައި ދުއްވަން އިނީ ފިލިޕް ކަމަށް ސާބިތުކޮށްދެވޭ ވަރުގެ ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ ހުސެއިން ނާޝިދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދައުލަތުން ދައްކަން ބޭނުންވާ ވާހަކަތައް ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީސްތަކުގައި ދައްކާފައިވާ ކަމަށެވެ. އެހެންކަމުން އިތުރަށް ދައުލަތުން ދައްކާނެ ވާހަކައެއް ނެތްކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.
ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ޝަރުއީ ގޮތުން ނުވަތަ ގާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމަށެވެ. އަދި ހަމަ އެ މާއްދާގެ (ރ) ގައި ބުނެފައި ވަނީ އެފަދަ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށެއް ކުރި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިމިފައިވާތީ ވީހާވެސް އަވަހަކަށް އެ މައްސަލައިގެ ހުކުމް އިއްވުމަށް ކޯޓުން މަސައްކަތް ކުރާނެ ކަމަށެވެ.