27 Feb 2013, 12:19
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ވައިގެ ދަތުރު ފަތުރުގެ ހިދްމަތްތައް ރަނގަޅު ކުރުމަށް ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުމުގެ ގޮތުން މޮރިޝަސްގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު މޮރިޝަސްގެ ވެރިރަށް ޕޯޓް ލޫއިސްގައި އެ އެގްރީމެންޓްގައި މޮރިޝަސްގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި މާލީ ވަޒީރު ޒާވީ ލުކްދުވާލް އެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ދިފާއީ ވަޒީރު ކާނަލް ރިޓާޔާޑް މުހައްއްމަދު ނާޒިމް އެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ކުރުމަށް އެންމެ ފުރަތަމަ މަޝްވަރާކޮށްފައި ވަނީ މޮރިޝަސްގެ ބޮޑުވަޒީރުގެ ނާއިބާ އެކު އެގައުމުގެ ވަފުދެއް މި އަހަރުގެ ކުރީކޮޅުގައި ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ކަމާ ބެހޭ ފަރާތްކާއި މޮރިޝަސްގެ ވަފުދާ ދެމެދު ބޭއްވުނު ބައްދަލުވުންތަކުގެ ތެރޭގަ އެވެ. އެ ބައްދަލުވުންތަކުގައި ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދެގައުމުގެ ފަތުރުވެރިކަން ޗައިނާއާއި އެފްރިކާގެ ފަތުރުވެރިންގެ މެދުގައި އިޝްތިހާރުކޮށް އެ ސަރަހައްދުގެ ފަތުރުވެރިން ރާއްޖެ އާއި މޮރިޝަސްއަށް އިތުރަށް ގެނައުމަށް ކުރެވިދާނޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝަވަރާކޮށްފަ އެވެ.
ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން އެއާ މޮރިޝަސް އާއި މެގަ ގްލޯބަލް އެއާ ސާވިސް މޯލްޑިވްސް އާއި އައިލެންޑް އޭވިއޭޝަން ގުޅިގެން ބެއިޖިން އާއި މޮރިޝަސްއާދެ މެދު ސީދާ ފުލައިޓްގެ ހިދުމަތް ދިނުމާއި އަދި މޮރިޝަޝްއާއި ރާއްޖެއާ ދެމެދު ސީދާ ފުލައިޓްގެ ހިދުމަތް ދެވޭނެ އެވެ. އެގޮތުން ހަފްތާ އަކު ހަތް ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވާ އިރު ލަފާ ކުރެވޭ ގޮތުގައި އެ ދަތުރުތައް ލަސްވެގެން މިއަހަރުގެ ޖުލައި މަހުގެ ކުރިން ފެށޭނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޒަވިއާ ލުކްދުވަލް ވަނީ މި ތާރީހީ އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި މޮރިޝަސްއާ ދެމެދުގެ ގުޅުން އިތުރަށް ހަރުދަނާވެ އަދި ހާއްސަކޮށް ފަތުރުވެރިކަމުގައި ދެގައުމު އިތުރަށް ގުޅިލާމެހޭނެކަމަށް ވިދާޅުވެ ހިތްހަމަޖެހުމުގެ ޝުއޫރުތައް ފާޅުކުރަށްވާފަ އެވެ.
އަދި ރާއްޖޭގެ ދިފާއީ ވަޒީރު ވިދާޅުވެފައި ވަނީ މި އެއްބަސްވުމުގެ ސަބަބުން މިހާރު ވެސް ގާތްގަނޑަކަށް އަހަރަކު 80 ހާސް ފަތުރުވެރިން ރާއްޖެ އަންނަ ޗައިނާ އިން އިތުރަށް ފަތުރުވެރިން އައުމުގެ މަގުތަނަވަސް ވާނޭ ކަމަށާއި އަދި ހާއްސަކޮށް ވިޔަފާރީގެ ދާއިރާ އިން މޮރިޝަސްއާއި ރާއްޖެއާ ދެމެދުގައި ގުޅުން ބަދަހިވެ ދެގައުމުގެ ރައްޔިތުންނަށް އެއްގައުމު އަނެއްގައުމުގެ ރައްޔިތުންނާ އަވައްޓެރިކަމުގެ ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ހުޅުވިގެން ދާނޭ ކަމަށެވެ.