27 Feb 2013, 11:41
ބެލޫނި ދުއްވަމުން ދަނިކޮށް ވެއްޓި، އޭގައި ދަތުރުކުރި 19 ޓޫރިސްޓަކު މަރުވި ހާދިސާއާ ގުޅިގެން މިސްރުގެ ލަކްޒާގައި ވައިކުޑަ ދުއްވުން މަނާކޮށްފި އެވެ.
އަންގާރަ ދުވަހު ހިނގި ހާދިސާގައި މަރުވެފައިވާ ޓޫރިސްޓުންގެ ތެރޭގައި ހޮންގު ކޮންގު، ޖަޕާން، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް އަދި ހަންގޭރީގެ މީހުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ބެލޫނި ލޭންޑިންގް ވާގަނޑެއް ބެލޫނިގެ ހީލިއަމް ފުޅީގައި އަަޅައިގަނެ، ރޯވުމުގެ ސަބަބުން ވައިކުޑަ ކޮންޓްރޯލުން ނައްޓައިގެން ދިޔުމުގެ ސަބަބުން ނެވެ.
އޭގެ ފަހުން ބެލޫނި 300 ވަރަކަށް މީޓަރު މަތިން ވެއްޓުނީ ކަމަށާއި ބެލޫނީގައި ދަތުރުކުރި މީހުންގެ ތެރެއިން ސަލާމަތްވެފައި ވަނީ ޕައިލެޓާއި އިތުރު ޕަސެންޖަރެއް ކަމަށްވެ އެވެ.
މިސްރުގެ ލަކްޒާ އަށް ދަތުރުކުރާ ޓޫރިސްޓުންގެ މެދުގައި ބެލޫނިން އެސަރަހައްދުގައިވާ އަޖައިބުތައް ބަލާލުމަކީ ވަރަށް މަގުބޫލު ކަމެކެވެ. ބެލޫނި މައްޗަށް އެރުމުން ފެންނަ ކުރީގެ އާސާރީ ތަންތަނުގެ ތެރޭގައި ކަރުނަކުގެ ފައްޅިއާއި ވެލީ އޮފް ދަ ކިންގުސްގައިވާ ކުރީގެ ފިރުއައުނުންގެ އަހުރާމްތައް ހިމެނެ އެވެ.
ބެލޫނި އޮޕަރޭޓްކުރި ސްކައި ކުރޫސަސް އިން ބުނީ ބެލޫނި 300 މީޓަރުގެ މަތީގައި ވަނިކޮށް ގޭސް ސިލިންޑަރެއް ގޮވުމުގެ ސަބަބުން ވައިކުޑަ ވެއްޓުނީ ކަމަށެވެ. މިސްރުގެ ސަލާމަތީ އޮފިޝަލުން ބުނީ އެ ހާދިސާ މިހާރު ތަހުގީގުކުރަމުންދާ ކަމަށާއި ތަހުގީގުކޮށް ނިމެންދެން އެސަރަހައްދުގައި ވައިކުޑަ ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.