ދިހަ ވަނަ އޭޝިއާ، އޯޝަނިއާ އިންޓަ-ގަވާމަންޓަލް މިނިސްޓީރިއަލް މީޓިން އޮން އެންޓި-ޑޯޕިން އިން ސްޕޯޓްސް ބައްދަލުވުން މި އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.

މި އަހަރުގެ މި ބައްދަލުވުމުގައި 23 ގައުމަކުން 60 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އެގޮތުން އެބައްދަލުވުން އިންތިޒާމްކުރަނީ ވޯލްޑް އެންޓި ޑޯޕިން އެޖެންސީއާއި ރާއްޖޭގެ ޔޫތް މިނިސްޓްރީންނެވެ.

ރާއްޖޭގެ ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނީ، އެ މިނިސްޓީރިއަލް މީޓިން އޮން އެންޓި-ޑޯޕިން އިން ސްޕޯޓްސް ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ 28 އިން 29 ވަނަ ދުވަހުގެ ނިޔަލަށް ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ކަމަށެވެ.

އެ ބައްދަލުވުމުގައި އޭޝިއާ އޮޝަނިއާ ބައްރުގެ ޤައުމުތަކުގެ ވަޒީރުން ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ އިރު، އެބައްދަލުވުމުގައި ކުޅިވަރުގެ ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ބުންޏެވެ.

ވޯލްޑް އެންޓި ޑޯޕިންއަކީ ކުޅިވަރު ކުޅުމުގައި ބުންވަރު ރަނގަޅު ކުރުމަށްޓަކައި މަނާ ކުރެއިފައިވާ ބޭސްތައް ބޭނުން ކުރުން ހުއްޓުވުމަށް މަސައްކަތް ކުރާ ވަރުގަދަ ޖަމްއިއްޔާއެކެވެ.