ނިއުޒިލެންޑުގެ ވެރިރަށް އޯކުލެންޑް ސިޓީގައި މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން މީހަކު މަރުވެއްޖެ އެވެ.
ބީބީސީ އިން ބުނީ ބުދަ ދުވަހު ހިނގި މި ހާދިސާގައި މިޔަރެއް މީހަކަށް ހަމަލާ ދީފައި ވަނީ ނިއުޒިލެންޑުގެ އެންމެ އާބާދީ ބޮޑު ސިޓީގެ ބޭރުގައިވާ މުރިވައި ބީޗުގައި ކަމަށެވެ.

އުމުރުން 47 އަހަރުގެ މީހަކު މޫދުގައި ފަތަމުންދަނިކޮށް މިޔަރެއް އޭނާ އަށް ހަމަލާ ދީފައިވާ ކަމަށާއި މީހާ ސަލާމަތްކުރަން ފުލުހުން ކުރި މަސައްކަތުގައި މިޔަރުގެ ގަޔަށް ބަޑި ޖަހާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އެންޒެޑްޓީވީ އިން ބުނީ މިޔަރު އިންސާނުންނަށް ހަމަލާ ދިނުމުގެ ހާދިސާތަކަކީ ނިއުޒިލެންޑުގައި ވަރަށް މަދުމަދުން ނޫނީ ދިމާނުވާ ހާދިސާތަކެއް ކަމަށެވެ. މިގޮތުން 1847 އިން ފެށިގެން ރިޕޯޓްކޮށްފައި ވަނީ މިޔަރެއް ހަމަލާ ދިނުމުގެ ސީރިއަސް 11 ހާދިސާއެއް ކަމަށް މައުލޫމާތު ލިބެ އެވެ.

އެންމެ ފަހުން މިފަދަ ހަމަލާއެއް ރިޕޯޓްކޮށްފައި ވަނީ މީގެ 37 އަހަރު ދުވަސް ކުރިން ބޭ އޮފް ޕްލެންޓީގެ ކައިރިން 1976 ގަ އެވެ.

ނިއުޒިލެންޑުގެ ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިޔަރެއް ދަތްއެޅުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކާ ގުޅިގެން މަރުވެފައި އޮތް މީހަކު މޫދުން ނަނގާފައިވާ ކަމަށެވެ.