ސްޕެނިޝް ކޮޕާ ޑެލް ރޭ (ކިންގްސް ކަޕް)ގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ބާސެލޯނާ އާއި ވާދަކޮށް ތިނެއް އެކަކުން ހިތްދަތި ގޮތަކަށް ބާސާ ބަލިކޮށް ހަތަރެއް ދޭއްގެ އެގްރިގޭޓް ނަތީޖާއަކުން ރެއާލް މެޑްރިޑް ފައިނަލަށް ދަތުރު ކޮށްފި އެވެ.

ރޭ ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު ފޯރިގަދަ ސެމީފައިނަލް މެޗުގައި ރެއާލްއަށް ކުރިހޯދައި ދިނީ މެޗުގެ 13 ވަނަ މިނިޓުގައި ބާސާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ބާސާގެ ޖެރާޑް ޕީކް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ އެވެ.

މެޗުގެ 57 ވަނަ މިނިޓުގައި ރޮނާލްޑޯ ވަނީ އެންޖަލް ޑި މާރިއާ ބާސާގެ ގޯލަށް ފޮނުވާލިބޯޅައެއް ކީޕަރުގެ ގައިގައި ޖެހިފައި ބޭރަށް ނުކުތް ވަގުތު ވަރަށް ރީތިކޮށް ކޮންޓްރޯލް ކޮށްލާފައި ބާސާގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ރެއާލްއަށް ނަދީޖާ ފުޅާކޮށްދީފަ އެވެ. ރެއާލްގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 68 ވަނަ މިނިޓުގައި ބާސާގެ އޭރިޔާ ތެރެއިން ވަރަށް ރީތިކޮށް ބޮލުންފޮނުވާލައިގެން ބާސާގެ ގޯލަށް ބޯޅަ ވައްދާލައިގެން ރެއާލް ހުނަރުވެރި ޒުވާން ފުރެންޗް ޑިފެންޑަރު ރަފަޔަލް ވަރާނޭ އެވެ. މެޗުގައި ބާސާ ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 89 ވަނަ މިނިޓުގައި ޖޯޑީ އަލްބާ އެވެ.

ރޭގެ މެޗުން ބަލިވުމުން ސްޕެނިޝް ލީގުގައި 16 ޕޮއިންޓުގެ ބޮޑު ތަފާތަކުން ތާވަލުގެ ކުރީގައި އޮތް ބާސާއަށް އެޓީމު އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ކާމިޔާބު ކުރެވިފައި ވަނީ އެންމެ ފަސް މެޗެވެ.

ރެއާލް އިން ކޮޕާ ޑެލް ރޭގެ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައިވީ ނަމަވެސް އަންނަ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާއި ކުރިމަތިލާން ޖެހޭ އިރު އެޓީމަށް ޕްރެޝަރުތަކެއް ވެސް ކުރިމަތި ކުރުވާފަ އެވެ. ފުރަތަމަ ލެގުގައި އެ ދެޓީމު ރެއާލްގެ ދަނޑުގައި ކުޅުނު މެޗު ވަނީ އެކެއް އެކަކުން އެއްވަރުވެފަ އެވެ.

ކޮޕާ ޑެލްރޭގެ ފައިނަލުގައި ރެއާލް ބައްދަލު ކުރަން ޖެހޭނީ މިރޭ ކުޅޭ ދެވަނަ ސެމީގެ ދެވަނަ ލެގުގައި ސެވިއްޔާ އާއި އެތްލެޓީކޯ މެޑްރިޑް ވާދަކޮށް މޮޅުވާ ޓީމަކާ އެވެ.