ވޮޝިންޓަން (ފެބްރުއަރީ 27): އެމެރިކާގެ ދިފާޢީ ވަޒީރުކަމަށް ރައީސް ބަރަކް އޮބާމާ އިޚްތިޔާރު ކުރައްވާފައިވާ ޗޮކް ހެގްލް އަށް އެމެރިކާގެ ސެނެޓުން ރުހުންދީފި އެވެ.

ހެގްލް މިމަޤާމަށް ކުފޫ ހަމަވާކަން ބެލުމަށް ސެނެޓްގައި ނެގި ވޯޓުގައި އޭނާ އަށް ތާއީދުކޮށް 58 މެންބަރުން ވޯޓު ދެއްވާފައިވާ އިރު އޭނާއާ ދެކޮޅަށް 41 މެންބަރުން ވޯތު ދެއްވާފައިވެ އެވެ. ހެގްލްއަށް ހުރަސްއެޅުމަށް މަސައްކަތްކޮށްފައި ވަނީ އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ހަރުކަށި ޚިޔާލުގެ ސެނެޓަރުންނެވެ. މީގެތެރޭގައި ރިޕަބްލިކަން ޕާޓީން ގެންގުޅޭ ހަރުކަށި ނިއުކޮންޒަވެޓިވް ޚިޔާލުގެ ބޭފުޅެއްކަމަށްވާ ޖޯން މެކޭން ހިމެނިވަޑައިގަންނަވަ އެވެ.

ހަރުކަށި ޚިޔާލުގެ ސެނެޓަރުން ޗޮކް ހެގްލް އަށް ހުރަސް އެޅުމަށް މަސައްކަތްކުރައް ވަނީ އޭނާއަކީ އީރާނަށް އިސްވެ ޙަމަލާދިނުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅަކަށް ނުވުމުގެ އިތުރުން އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކަށް ވެސް ހެގްލް ފާޑުވިދާޅުވެފައިވާތީ އެވެ. ނަމަވެސް ސެނެޓްގައި ހިމެނޭ ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުން އެންމެ ފަހުވަގުތު ހެގްލް، ދިފާޢީ ވަޒީރު ކަމަށް ޢައްޔަން ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވުމުން ސެނެޓުގެ އިތުބާރުގެ ވޯޓުން އޭނާ ވަނީ ކާމިޔާބު ހޯއްދަވާފަ އެވެ.

އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓިވްގައި އެމެރިކާގެ ހަރުކަށި ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުގެ ބާރާއި ނުފޫޒު ވަރަށް ގަދަކަމުން ހެގްލް އަށްވެސް ކުރިމަތިވީ ހަރުކަށި ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުގެ ފިއްތުންތައް ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)