27 Feb 2013, 09:47
ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިބްރާހީމް ވަހީދު (އަސްވާޑު) އަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފި އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އަސްވާޑަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އިއްޔެ ފުލުހުން ހައްޔަރު ކުރި މ. ކެރީންލައިޓް އުތުރުބައި، އަޙްމަދު ވިޝާން،21،ގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައި ވަނީ ރޭ ކްރިމިނަލް ކޯޓަށް އޭނާ ގެންދިޔުމުންނެވެ.
އަސްވާޑަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ވިޝާން ފުލުހުން ހައްޔަރުކޮށްފައި ވަނީ އޭނާ ހޯދުމަށް އިއުލާން ކުރުމުން ލިބުނު މައުލޫމާތުގެ އެހީގައި ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ. އިއްޔެގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައި ވަނީ މ. ކެރިންލައިޓް ގޭގައި ހުއްޓަ އެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަސްވާޑަށް ހަމަލާދީނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ބޮޑުތަކުރުފާނު މަގު އާޓިފިޝަލް ބީޗް ސަރަހައްދުން ސައިކަލެއްގައި ދަނިކޮށެވެ. ދަގަނޑު ބުރިއަކުން އޭނާގެ ބޮލަށް ދިން ހަމަލާގައި ލިބުނު ސީރިއަސް އަނިޔާތަކަށް އޭނާ މިހާރު ގެންދަނީ ލަންކާ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންނެވެ.
އަސްވާޑަށް ހަމަލާދިން މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.