އދ. މަޖިލިސް (ފެބްރުއަރީ 27): އދ.ގެ ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ފަރާތްތަކުގެ ލިސްޓުން އަލްޤާއިދާގެ ލީޑަރު އުސާމާ ބިންލާދިންގެ ނަން އުނިކޮށްފި އެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ އދ.ގެ ކޮމިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ފަރާތްތަކުގެ ލިސްޓުން އަލްޤާއިދާގެ ލީޑަރު އުސާމާ ބިންލާދިންގެ ނަން މިމަހުގެ 21 ވަނަ ދުވަހު އުނިކޮށްފައިވާ ކަމުގަ އެވެ. ނަމަވެސް އުސާމާގެ އެސެޓާއި އޭނާގެ މުދާ ހިފެހެއްޓުމަށް ސަލާމަތީ މަޖިލީހުން ނިންމާފައިވާ ނިންމުމަށް އަދިވެސް ޢަމަލުކުރެވެމުން ދާނެ ކަމަށް މިބަޔާން ބުނެ އެވެ. އުސާމާ ބިންލާދިންއާ ދެކޮޅަށް އދ. އިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އޭނާގެ މުދަލާއި އެސެޓްތައް ހިފެހެއްޓުމަށް އދ.ން ނިންމާފައި ވަނީ 2001 ވަނަ އަހަރު އެމެރިކާގެ އިސްނެގުމުގެ މަތިން ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރެއްގެ ދަށުންނެވެ.

މިޤާރާރާ އެކު ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ އދ.ގެ ކޮމިޓީން ވަނީ އެ އަހަރުގެ ޖަނަވަރީ މަހުގެ 25ގައި އދ. ން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ފަރާތްތަކުގެ ލިސްޓުގައި އުސާމާގެ ނަން ހިމަނާފަ އެވެ. އދ. ން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ފަރާތްތަކުގެ ލިސްޓުން އުސާމާގެ ނަން އުނިކޮށްފައި މިވަނީ އޭނާ މަރާލެވިއްޖެކަން އެމެރިކާ އިޢްލާންކުރިތާ ދެ އަހަރު ވާން ގާތްވެފައިވަނިކޮށެވެ. ޕާކިސްތާނުގެ އަބޫތު އާބާދުގައި އުސާމާބިން ލާދިން ދިރުއުޅެމުން ގެންދަނިކޮށް އެމެރިކާގެ ޚާއްސަ ބާރުތަކަކުން ހިންގި ޢަސްކަރީ އޮޕަރޭޝަނެއްގައި އޭނާ މަރާލިކަން އެމެރިކާ އިޢްލާންކޮށްފައި ވަނީ 2011 ވަނަ އަހަރުގެ މޭ މަހުގެ ދެވަނަ ދުވަހު އެވެ.

ނަމަވެސް މިތާރީޚުގެ ކުރިން ތަބީޢީ މަރަކުން އުސާމާ މަރުވެފައިވާ ކަމުގެ ޚަބަރުތަކެއް ފެތުރިފައިވެ އެވެ. އަދި އުސާމާ މަރާލެވިއްޖެކަން އެމެރިކާ އިޢްލާންކުރީ އޭނާ މަރުވެފައިވާކަން އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ކަށަވަރުވުމުން ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. އުސާމާ ބިންލާދިން މަރާލީ އެމެރިކާގެ ޚާއްސަ ބާރުތަކަކުން ޕާކިސްތާނުގައި ހިންގި ސިއްރު ޢަސްކަރީ އޮޕަރޭޝަނެއްގައި ކަމަށް އެމެރިކާ ބުނި ނަމަވެސް އުސާމާ މަރާލިކަމުގެ އެއްވެސް ހެއްކެއް އެމެރިކާ އަށް ދެއްކިފައެއްނުވެ އެވެ. އަދި 2001 ވަނަ އަހަރު އެމެރިކާ އަށް ދިން މަޝްހޫރު ސެޕްޓެމްބަރު 11ގެ ޙަމަލާތަކުގެ ފަހަތުގައި ވަނީ އުސާމާ ބިންލާދިން ކަމާއި މިކަންކުރީ އޭނާގެ އަލްޤާޢިދާ ޖަމާއަތުން ކަމަށް އެމެރިކާ ކުރާ ތުހުމަތުތައް ވެސް ވަކިފަރާތަކަށް ނުޖެހޭ ޝަރީޢަތެއްގައި އެމެރިކާއަށް ސާބިތުކޮށްދެވިފައެއް ނުވެ އެވެ. ނަމަވެސް އެދުވަސްވަރު އަލްގާއިދާގެ ނަމުގައި ނެރުނު ބަޔާނެއްގައި މިޙަމަލާތައް ދިނީ އެޖަމާއަތުން ކަމަށް ބުނެފައިވެ އެވެ.

ސެޕްޓެމްބަރު 11ގެ ޙަމަލާތަކަށް ފަހު އެމެރިކާގެންދަނީ އަފްޣާނިސްތާނަށް އަރައިގަނެ އެގައުމުގައި ހަނގުރާމަކުރަމުންނެވެ. މިހަނގުރާމައިގާ އަފްޣާނިސްތާނުގެ އެތައް ލައްކަ ބަޔަކު މެރިކަމުގެ ތުހުމަތާއި އާންމުންނާ ދެކޮޅަށް ޤަތްލު ޢާންމުތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށްވަނީ ކުރެވިފަ އެވެ. (ނޫސްއެޖެންސީތައް)