ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި އިލްޔާސް އިބްރާހިމް ވާދަ ކުރެއްވިޔަސް ޕީޕީއެމް ތެރޭގައި މައްސަލަ ޖެހި ބައިބައިވެގެން ނުދާނެ ކަމަށާއި އެ ޕާޓީގެ މެމްބަރުންނަކީ އެއަށްވުރެ ހޭލުންތެރި ބައެއް ކަމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރޭ ވަރަށް ދަންވެފައި ހުއްޓާ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ ޕީޕީއެމް އަކީ ރައްޔިތުންގެ ތެރޭގައި އޮތް އެންމެ މަގުބޫލް ޕާޓީ ކަމަށްވެ، އެތައް އިންތިޚާބުތަކެއް ކާމިޔާބުކޮށް އަދި ޕާޓީ ތެރޭގައި ވެސް ވާދަވެރި އިންތިޚާބުތަކެއް ބޭއްވިގެން ދިޔައިރު ނުވި ކަމެއް ކުރިއަށް އޮތް ތަނުގައި ވެސް ނުވާނެ ކަމަށެވެ.

"އަޅުގަނޑެއް ގަބޫލެއް ނުކުރަން އިނގޭތޯ އިލްޔާސް އިބްރާހީމް ވާދަ ކުރެއްވިޔަސް ނޫނީ އުމަރު ނަސީރު ވާދަ ކުރެއްވިޔަސް ޕީޕީއެމް ރޫޅި ބައިބައިވެގެން ދާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ޔާމިން ވިދާޅުވި އެވެ.

ޔާމިން ވިދާޅުވީ އިލްޔާސް ނިކުމެ ވަޑައިގެން އެ މަނިކުފާނާއި ވާދަ ކުރެއްވުމަކީ އިލްޔާސް އަށް ލިބިފައިވާ ހައްގެއް ކަމަށާއި އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އިލްޔާސް ނިކުމެވަޑައިގެން ކެމްޕެއިން ކުރައްވާ އިރު އެ މަނިކުފާނު ވެސް ކުރައްވާނީ ކެމްޕެއިން ކަމަށެވެ. އަދި އެއީ އެހާ ބޮޑަށް ވިސްނާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ޔާމީން އަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބިއްޖެ ނަމަ ރަނިންމޭޓަކަށް ނަންގަވާނީ ކޮން ބޭފުޅެއްތޯ ސުވާލު ކުރުމުން ވިދާޅުވީ ރަނިން މޭޓަކަށް އިޚްތިޔާރު ކުރައްވާނެ ނަންފުޅުތަކެއް ލިސްޓު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެކަން ހާމަ ކުރައްވާނީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބިއްޖެ ނަމަ ކަމަށް ވެސް ޔާމިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ގަބޫލު ކުރާ ވަރުގެ އިލްމީ އަދި ގާބިލް ބޭފުޅުން ކޮޅެއް ވަރަށް އަވަހަށް ޕީޕީއެމްއާ ގުޅި ވަޑައިގަންނަވާނެ ކަމަށެވެ.