27 Feb 2013, 08:28
މިއަހަރުގެ ދިރާގު ދިވެހި ލީގު ހުޅުވި މެޗުގައި ލީގު ޗެމްޕިއަން ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ވީބީ އައްޑޫ އެފްސީ ބައްދަލުކުރި މެޗުގައި ވީބީ ކޮޅަށް ލަނޑު ގޯންޏެއް އަޅާލުމަށްފަހު ފަސޭހަ ކާމާއެކު ބޮޑު ތަފާތަކުން ނިއު މޮޅުވެއްޖެ އެވެ.
މިސީޒަނަށް ވަރަށް ފުރިހަމައަށް އަދި އެހާމެ ވަރުގަދައަށް ތައްޔާރުވެފައިވާ ނިއުރޭޑިއެންޓުން ލީގުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ދިހަ ލަނޑު އެއްލަނޑުން ނެވެ.
ރޭ ގަލޮޅުދަނޑުގައި ކުޅުނު ލީގު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލް ކުރަމުން ދިޔަ ނިއުރޭޑިއަންޓަށް ވީބީގެ ގޯލް ހުޅުވާލަދިނީ 12 ވަނަ މިނިޓުގައި އަލީ ފާސިރު (ސެންޓޭ) އެވެ. އަދި 21 ވަނަ މިނިޓުގައި ނިއުގެ ލީޑް ދެގުނައަށް ފުޅާ ކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ) ހުސްކޮށް ތަނަވަސް ކޮށްދިން ފުރުސަތަކުން އަލީ އުމަރު އެވެ.
މެޗުގެ 29 ވަނަ މިނިޓުގައި ލިބުނު ހިލޭ ޖެހުމަކުން ވީބީއަށް ލަނޑު ކާމިޔާބު ކޮށްދިނީ ހަސަން ސުފިޔާން އެވެ. އޭނާ ފޮނުވާލި ބޯޅަ ނިއުގެ އަހްމަދު ނިޔާޒުގެ ބޮލުގައި ޖެހިފައި ވަނީ ގޯލަށެވެ. އެކަމަކު އޭގެ މިނިޓެއްފަހުން އަލީ އުމަރުވަނީ ނިއުއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ތިނެއް އެކަކަށް ބަދަލު ކޮށްފަ އެވެ.
ރޭގެ މެޗުގައި ނިއުގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 31 ވަނަ މިނިޓާއި 33 ވަނަ މިނިޓުގައި ދަގަނޑޭ އެވެ. އަދި އަޝްފާގު ވަނީ ފުރަތަމަ ހާފު ގެ ފަހު ވަގުތު ކޮޅުގައި ނިއުއަށް ލިބުނު ހިލޭ ޖެހުމެއް ވަރަށް ރީތިކޮށް ވީބީގެ ގޯލަށް ވައްދާލައިގެން އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގައި ހެޓްރިކް ހަދާފަ އެވެ.
ފަހު ހާފުގެ ކުޅުން ފެށިގެން 13 ވަރަކަށް މިނިޓުގެ ތެރޭގައި އަޝްފާގު ވަނީ އޭނާގެ ހަތަރުވަނަ ލަނޑު ނިއުއަށް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަތެއް އެކަކަށް ބަދަލު ކޮށްފައެވެ. އަދި ނިއުގެ އަށްވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 76 ވަނަ މިނިޓުގައި އަހްމަދު ނިޔާޒު އެވެ.
ހުސްވި އަހަރުގެ އެންނެ ގިނަ ލަނޑު ކާމިޔާބު ކުރި ކުޅުންތެރިޔާ މުހައްމަދު އުމައިރު ވަނީ މެޗުގެ 82 ވަނަ މިނިޓުގައި ލަނޑެއް އަދި ފަހުހާފުގެ އިތުރު ވަގުތުގައި ދެވަނަ ލަނޑެއް ނިއުއަށް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ދިހައެއް އެކަކަށް ބަދަލުކޮށްފަ އެވެ.
ރޭގެ މެޗުގެ ނަތީޖާއަކީ ހުސްވި ސީޒަން ނުލައި އޭގެ ކުރީގެ ތިން ސީޒަނުގައިވެސް އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ވީބީގެ މިފަހަކަށް އައިސް އެންމެ ބޮޑު ތަފާތަކުން ބަލިވި ނަތީޖާ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ނިއުރޭޑިއެންޓަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިން ނުރައްކާތެރި ފޯވަޑް ގައުމީޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.