ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުން ވައިސާފުކޮށްދޭ އަދި ޖަރާސީމު ނައްތާލައިދޭ ހިޓާޗީ ބްރޭންޑުގެ މެޝިން (ހިޓާޗީ އެއާ ޕިއުރީފަޔާ) ރާއްޖޭގެ ބާޒާރަށް ރޭ ނެރެފި އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްގެންދާ ލިވިން އެކްސްޕޯގައި އެސްޓީއޯއިން ނެރުނު ހިޓާޗީ އެއާ ޕިއުރީފަޔާގެ ތިން މޮޑެލް ކަމަށްވާ (EP-A3000) އާއި (EP-A5000) އާއި އަދި (EP-A7000) ތައާރަފް ކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް އެވެ.

އާޒިމް ވިދާޅުވީ އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ އެކުންފުނިން ވިއްކާ ކޮންމެ ބާވަތެއްގެ މުދަލަކީ ވެސް ރާއްޖޭގެ ރައްޔިތުންގެ ބޭނުންތަކަށް ފެތޭ އަދި ރައްޔިތުންގެ ސިއްހަތާއި ދިރިއުޅުމާއި ގުޅުންހުރި ބާވަތެއްގެ މުދަލަކަށް ހެދޭތޯ ކަމަށެވެ.

"ރާއްޖޭގައި ކުދިކުދި ކޮޓަރިއާއި އެޕާޓްމަންޓު ތައް މިހުންނަނީ ކެއްކުމާއި ލިވިންއާ އެއްކޮށް. އެހެން ކަމުން މި ޕިއުރިފަޔާ ކޮޓަރީގައި ނުވަތަ ގޭތެރޭގައި ބަހައްޓާލުމުން ކައްކާއިރު ހުންނަ ވަސްތަކާއި ނުވަތަ އެތަނުގައި ހުންނަ ހިރަފުހުން ހުރިހާ އެންމެން ސަލާމަތް ކޮށްދޭނެ. އަދި ރޯގާ ޖެހުމުން ސަލާމަތް ކޮށްދޭނެ" އާޒިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެސްޓީއޯއިން އެއްޗެއް އަލަށް ތައާރަފްކުރާ އިރު އެ ބޭނުން ކުރާ މީހުންގެ ބޭނުންތަކަށް ފުދޭތޯއާއި އަދި މާކެޓަށް ކިހާ މުހިއްމު އެއްޗެއްތޯ ބަލާ ކަމަށެވެ. އެގޮތުން އެސްޓީއޯއިން މިފަހަރު ތައާރަފްކުރި ބާވަތަކީވެސް އޭގެ ސަބަބުން އެ ބޭނުންކުރާ މީހުންނަށް ފުރިހަމަ ފައިދާއާއި މަންފާ ލިބޭނޭ އެއްޗެއްތޯ ބަލާފައި އެ ކުންފުނިން ރާއްޖޭގެ ބާޒާރަށް ތައާރަފްކުރި މުދަލެއް ކަމަށެވެ.

އާޒިމް ވިދާޅުވީ ހިޓާޗީ ޕިއުރިފަޔާއަކީ ކޮޓަރި ތެރޭގައި ހުންނަ ހިރަފުހުގެ 99 އިންސައްތަ ސާފުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ އަދި ފިނިހޫނުމިން ބަދަލުކޮށްދޭ ސާފުކޮށްލަން ފަސޭހަ އެއްޗެއް ކަމަށެވެ.

އެސްޓީއޯއިން ވިއްކާ ހިޓާޗީ އެއާ ޕިއުރީފަޔާގެ ތިން މޮޑެލް ކަމަށްވާ (EP-A3000) ،އާއި (EP-A5000) އާއި އަދި (EP-A7000) އަގުތަށް އުޅެނީ 2804 ރުފިޔާ އާއި 5562 ރުފިޔާ އާއި 8792 ރުފިޔާ އަށެވެ.