ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ތިން ވަނަ ޑިވިޒަންގެ ސެމީފައިނަލުގެ ތިންވަނަ މެޗުގައި ވިޔަންސާ ބަލިކޮށް ޑީ ބާސްކެޓްބޯލް ކުލަބް (ޑީބީސީ) އިން އެ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ސެމީފައިނަލުގެ ތިންވަނަ މެޗު ޑީބީސީއިން ކާމިޔާބުކުރީ 57 ޕޮއިންޓް 40 ޕޮއިންޓުން ނެވެ. ދެޓީމުންވެސް ފޯރިގަދަ ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ޑީބީސީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 18 ޕޮއިންޓް ހޯދައިދިން ރިޝްފާން ރަޝީދު އެވެ. އަދި ވިޔަންސާއަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ 16 ޕޮއިންޓް ހޯދައިދިން ނަޝާތު ޝަރީފް އެވެ.

ސެމީފައިނަލުގެ ތިންވަނަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޑީ ބާސްކެޓްބޯލް ކުލަބަށް 10 ޕޮއިންޓް ހޯދައިދީ މެޗުގައި ރަނގަޅު ކުޅުމެއްދެއްކި މުހައްމަދު އިބްތިޝާމް އެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބުރާސްފަތި ދުވަހުގެ ރޭ 9:00ގަ އެވެ. ފައިނަލް މެޗުގައި ވާދަކުރާނީ އެލްކިޔު ސްޕޯޓްސް ކުލަބާއި ޑީ ބާސްކެޓްބޯލް ކުލަބެވެ.