ފަތުރުވެރިކަން ރާއްޖެތެރޭގައި އިތުރަށް ފުޅާކޮށްގެން ޒުވާނުނަށް ވަޒީފާގެ ފުރުސަތު ތިން ގުނައަށް އިތުރުކުރެވިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންނާއި ބައްދަކު ކުރައްވައި، ރައީސް ނަޝީދު ރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ 2009 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ތައާރަފްކޮށްފައިވާ ގެސްޓްހައުސްތަކުގެ ވިޔަފާރި ފުޅާކުރެއްވިއްޖެ ނަމަ ވަޒީފާގެ ފުރުސަތު އިތުރުކުރުމަކީ އުނދަގޫކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެނަށް ރާއްޖޭގެ ޓޫރިޒަމް ފުޅާކޮށްގެން ރާއްޖޭގެ ޓުއަރިޒަމްގެ އެނދުހުރި މިންވަރު ކުރިއަށް އޮތް ދެ ތިން އަހަރުތެރޭގައި ދެ ގުނައަށް އިތުރުކުރެވިދާނެ. އެހެންވީމަ ރާއްޖޭގެ ވަޒީފާގެ ފުރުސަތުވެސް ދެ ގުނަ ކުރެވިދާނެކަން އަޅުގަނޑަށް ޔަގީން ކަށަވަރު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ ތެރޭގައި ފަތުރުވެރިކަން ފުޅާކުރުމަށް އެމްޑީޕީ ސަރުކާރުން ވަނީ ރަށް ރަށްރަށުގައި ގެސްޓްހައުސްތައް އަޅައިގެން ޓޫރިޒަމް ފުޅާކުރާނެ ގޮތްތައް ތައާރަފް ކޮށްފައި ކަމަށާއި އޭގެ އަސަރު މިހާރު ރަށްރަށުން ފެންނަމުންދާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތައާރަފްކުރީ ގެސްޓް ހައުސްގެ ވިޔަފާރި. ރާއްޖެތެރޭގެ ރަށްތަކުގައި ޓްރިޒަމް ހިންގޭނެ ގޮތްތަކެއް. މިއަދު އެބަފެނޭ ވަރަށް ބާރަށް [ އެ ވިޔަފާރި ފުޅާވެގެންދާތަން.] މިސާލަކަށް މާފުށީގައި 118 ގެސްޓް ކޮޓަރި އެބަހުރި. އެހެންވީމަ އެއީ ރިސޯޓް. ރާއްޖެތެރޭގެ ރަށްރަށަކީ ފަތުރުވެރިނަށް އޮތް އުފާވެރި މަންޒިލެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރަށް ރަށުގެ ތަރައްގީ ގެނެވޭނީ އެރަށަކށް ދޭން ޖެހޭ ބާރުވެރިކަން ނުވަތަ "ރަށްވެރިކަން" ދީގެން ކަމަށާއި ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމަށް އެމްޑީޕީން ތާއިދުކުރަނީ އެހެންވެ ކަމުގައިވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް މިހާރު ސަރުކާރުން ގެންދަނީ ލާމަރުކަޒީ އުސޫލު ނައްތާލައި، ހުދުމުހްތާރު ވެރިކަންކުރާ އުސޫލުން ކަން ކުރުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެ މޭރުމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ އުސޫލުން ކައުންސިލްތަކަށް ބާރުވެރިކަން ދީފައި ނެތް ނަމަ އެމްޑީޕީން ވަންނާނެ ތަނެއް ނެތީސް ކަމަށް ވިދާޅުވި އެވެ.

"މާލެ ސިޓީ ކައުންސިލެއް އަޅުގަނޑުމެން އުފައްދައި، އެ ސިޓީ ކައުންސިލަށް މެންބަރު އިންތިހާބުކޮށް އެ ކައުންސިލަށް ކޮންމެވެސް ވަރެއްގެ ބާރުވެރިކަން ނުދެވުނު ނަމަ މި ބަޣާވާތުގައި އެމްޑީޕީން ވަންނާނެ ތަނެއް ހަމަ ކަށަވަރުން ވެސް ނެތީސް، " ރައިސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރެއްގައި ދެން ވެސް އޮތީ ލާމަރުކަޒީ އުސޫލު ހަރުދަނާކޮށް ރަށް ރަށުގެ ކައުންސިލްތަކަށް ބާރުވެރިކަން ދިނުމަށް ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެމްޑީޕީ ސަރުކާރެއްގައި މާލެ ސަރައްދުގައި 12،000 ފްލެޓް އަޅައިދޭނެ ކަމަށް ވިދާޅުވެ ބޯހިޔާވަހިކަން ހޯދަދޭނެ ކަމުގެ ވައުދުވަނީ ތަކުރާރުކުރައްވާފަ އެވެ.