ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގައި މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެވެ. ހަމަ އެހެންމެ ރައީސް ނަޝީދު މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާނެ ދެ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާނެ ކަމަށް ސިޔާސީ ބޭފުޅުން ގެންދަނީ ވިދާޅުވަމުންނެވެ.

ކަން މިހެން ހުރި ނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަ ނުކުރެވޭ ފަދަ ހުކުމެއް އަތުވެދާނެ ޝަރީއަތެއް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ވަނީ ފަށައިފަ އެވެ. ހަމަ އެހެންމެ ގައުމުގެ މަސްލަހަތަށްޓައި އެ ޝަރީއަތް ފަސްކުރުމުގެ ބާރު ޕްރޮސެކިއުޓާ ޖެނަރަލްއަށް ލިބިފައި އެބަ އޮތެވެ.

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވެސް ސައްހަކަމަށް ގަބޫލު ނުކުރައްވާ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ސަބަބުން ކުރިމަގުގައި ގައުމު މަސްލަހަތަށް އަންނާނީ ކޮން ފަދަ ލޮޅުމެއް ކަމާ މެދު ވިސްނާލުމަކީ މުހިންމު ކަމެކެވެ. ރައީސް ނަޝީދާ " ކުޅުމަކީ " އެމަނިކުފާނުގެ ނިސްބަތްވެވަޑައިގަންނާ ޕާޓީގައި ތިއްބެވި 46،000 އަށް ވުރެ ގިނަ މީހުންނާއި "ކުޅުން" ކަމަށް ގަބޫލުކުރާ ބަޔަކު ތިބި ކަން ވެސް އެވަރު ޝަރީއަތެއް ކުރުމުންދާއިރު ގަބޫލު ކުރުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް މަސްލަހަތަށް ވިސްނަވާ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ މަގުސަދަކީ ވަކި ބޭފުޅެއްގެ ކެންޑިޑެސީ ބާތިލް ކުރެއްވުން ނޫން ކަމަށް އެމްޑީޕީގެ އިދިކޮޅު ފަރާތްތަކުން ދެކެ އެވެ.

އެހެން ނަމަވެސް ޕްރޮސެކިއުޓާ ޖެނަރަލް އުފުލާފައިވާ ދައުވާ ރައީސް ނަޝީދުގެ ސާބިތުވާ ކަމަށް ހުކުމްކޮށްފި ނަމަ އެމަނިކުފާނަށް ރިޔާސީ ރޭހުގައި ބައިވެވަޑައިނުގަންނެވޭނެ ކަން އެނގޭ އިރު އެމްޑީޕީ ތެރޭގައި އެ ވާހަކައަކީ މާބޮޑަށް ވައިގައި ހިފާނެ ވާހަކައެއް ނޫނެވެ.

ރައީސް ނަޝީދުގެ ކެންޑިޑެސީ ބާތިލް ކުރުމަށް ފަހު މި ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވޭނެ މާހައުލެއް އޮންނާނެތޯ އިލެކްޝަންސް ކޮމިޝަނުން ވިސްނާނެ އެވެ. އިންތިހާބެއް ބޭއްވޭ ފަދަ މާހައުލެއް އޮތްތޯ ގާނޫނީ ގޮތުން ކަށަވަރުކުރަން ޖެހޭ ބަޔަކީ އިލެކްޝަންސް ކޮމިޝަން ކަމަށްވާއިރު މިހާރުގެ މާހައުލަށް ވިސްނާއިރު އެކަށަވަރުކަން އިލެކްޝަންސް ކޮމިޝަނަކަށް ނުދެވެ އެވެ. މިނިވަން އިންތިހާބެއް ބޭއްވޭނެ މާހައުލެއް އޮތް ކަން ކަށަވަރުކޮށްދޭން ޖެހޭނެ ފަރާތަކީ އިލެކްޝަންސް ކޮމިޝަން ކަމަށްވާއިރު އެ ކޮމިޝަނުން ބުނަނީ ގައުމުގައި ހަމަނުޖެހުންތައް ހިނގާ ކަމަށްވާ ނަމަ އިންތިހާބެއް ބޭއްވޭނެ މާއުލެއް އޮންނާނެ ކަމުގެ ޔަގީންކަން ކަށަވަރުކޮށް ނުދެވޭނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެތައް ހާސް ބަޔަކު އެއްވެ މުޒާހަރާކުރަމުންދާ ހިނދެއްގައި މިނިވަން އިންސާފްވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް އޮތްކަން އިލެކްޝަން ކޮމިޝަނަށް ޔަގީންކޮށް ނުދެވޭނެ ކަމަށެވެ.

"މި މާހައުލު ބަދަލުވާން އެބަޖެހޭ. އިންތިހާބެއް ބާއްވަން އެކަށީގެންވާ ވަރުގެ މާހައުލެއް އޮތްކަން އަޅުގަނޑުމެން ކަށަވަރު ކުރަން އެބަޖެހޭ. މިހާރު މި އޮތް ގޮތަށް އެތައް ހާސް ބަޔަކު މުޒާހަރާ ކުރާކަމަށްވާ ނަމަ [އިންތިހާބު ބޭއްވޭވަރުގެ] މާހައުލެއް އޮތް ކަމަކަށް ނުބެލެވޭނެ،" ފުއާދު ތައުފީގު ވިދާޅުވި އެވެ.

އެ ކޮމިޝަނުގެ ވާހަކަތަކުން ވެސް ޕްރޮސެކިއުޓާ ޖެނަރަލް އާއި ކޯޓުތަކުން ވެސް ވިސްނާލަން ޖެހޭނެ ކަމަށް ބައެއް މީހުންގެންދަނީ ބުނަމުނެވެ. އިލެކްޝަނުން އެބުނާ ފަދަ ހަލަބޮލިކަމެއް އައިސް އިންތިހާބު ނުބޭއްވޭ ވަރުވާނެ ކަމާ މެދު ސުވާލެއް ނުއުފެދެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ބުނާ އިންތިހާބެއް ނުބޭއްވޭނެ ފަދަ ހާލަތެއް ދާދި ފަހުން ވެސް ވަނީ ކުރިމަތިވެފައެވެ. ރައީސް ނަޝީދު ހައްޔަރުކޮށް، ކޯޓަށް ގެންދިއުމަށް ފުލުހުންގެ މައްޗަށް ނެރުނު އަމުރާ ގުޅިގެން މާލެ ތެރެ ހަލަބޮލިވެގެން ދިއުމުން އިލެކްޝަންސް ކޮމިޝަނުން އޭރު ބުނެފައި ވަނީ އެވަގުތު މާލެ ތެރެ އޮތް ފަދަ ހާލަތެއްގައި އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވި މާލެ އާއި ރާއްޖެ ތެރޭގައި ހަމަ ނުޖެހުންތައް ހިނގަމުންދަނިކޮށް އިންތިހާބު ބޭއްވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް އިލެކްޝަނުގައި ނެތްކަން އެވާހަކަތަކުން އެނގެ އެވެ.

ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަށް އެމްޑީޕީން ވަނީ ޕެޓިޝަނެއް ހުށަހަޅާފަ އެވެ. އެކަމަށް ގޮވާލާ އެތައް މުޒާހަރާއެއް ވަނީ ކޮށްފަ އެވެ. ހަމަ އެހެންމެ ނަޝީދު ވެސް ތަކުރާރުކޮށް ގެންދަވަނީ އެކަމަށް ގޮވާލައްވަމުންނެވެ.

ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅު ވަނީ އެމަނިކުފާނު ހުންނެވީ އިންތިހާބުގެ ފަހުން ޝަރީއަތް ބާއްވާ ނަމަ އެ ޝަރީއަތަށް ތައްޔާރުވެވަޑައިގެން ކަމަށެވެ. އަދި އިންތިހާބުގެ ފަހަށް ޝަރީއަތް ފަސްކުރެއްވުމުން އިތުރަށް ގެއްލޭނެ، މީހެއްގެ ހައްގެއް ނެތް ކަމަށެވެ.

"އަޅުގަނޑުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ރިޔާސީ އިންތިހާބުގެ ފަހަށް ފަސްކުރުމަކުން އެއްވެސް ބޭފުޅެއްގެ ހައްގަކަށް އެއްވެސް ބޭފުޅެއްގެ އިތުރު ހައްގަކަށް ހުރަހެއް އަންނާކަށް އަދި ގެއްލުމެއް ވާކަމަށް އަޅުގަނޑުކަށް ނުފެނޭ،" މިދިޔަ ހަފްތާގައި އެމަނިކުފާނު ބޭއްވި ޖަލްސާފައި ވަނީ ވިދާޅުވެފަ އެވެ. އެއީ އެމަނިކުފާނު ޝަރީއަތުން ރެކިވަޑައިގަންނަވާން ދެއްކަވާ ވާހަކައެއް ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ބުނެ އެވެ. އެއީ ތެދަކަށްވެދާނެ އެވެ. ހަމަ އެއާއެކު އެމަނިކުފާނު އެ ވިދާޅުވި ވާހަކަ ގަބޫލު ވެސް ކުރާން އެބަ ޖެހެ އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މައްޗަންގޮޅި އުތުރުދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވަނީ ގައުމުގެ އެތައް ރައްޔިތުނެއް ބޭނުންވެގެން އިންތިހާބަށް ނެރޭ ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލް ކުރުމުގެ ކުރިން ރައްޔިތުންގެ މަސްލަހަތަށްޓަކައި ވިސްނާވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި ގައުމުގެ މަސްލަހަތަށްޓައި ޝަރީއަތް ފަސްކުރަން އެދިވަޑައިގެން އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެމްޑީޕީގެ އިސް ބޭފުޅުން ވަނީ ނަޝީދުގެ ނަންފުޅު ނެތި ބާއްވާ އިންތިހާބަށް ހުރަސްއަޅާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމުގެ އިންޒާރުތައް ބައެއް ބޭފުޅުން ދެމުންދާއިރު ވޯޓުލުން ކުރިއަށް ނުގެންދެވޭނެ ކަމުގެ ކޮޅުމަތި ދަނީ ފެންނަމުންނެވެ. މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވަނީ މި ރާއްޖޭ އަމާން ކަމަކަށް ގެންދާން ބޭނުން ނަމަ ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާން ޖެހޭނެ ކަމަށާއި ނޫން ނަމަ އެ ވޯޓުލުމާއި ދެކޮޅަށް ނިކުންނަވާނެ ކަމަށެވެ.

"އަޅުގަނޑު ހަމަ ސާފުކޮށް މި ދަންވަނީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑޭޓުގެ ނަންފުޅު ނެތި މި ރާއްޖޭގައި ވޯޓު ފޮއްޓެއް ނުބެހެއްޓޭނެ. އަޅަގަނޑުމެން އެކަން ކުރުމުގެ ފުރުސަތެއް ނުދޭނަމޭ. އަޅުގަނޑު ވަރަށް ސާފްކޮށް މި ދަންނަވަނީ ތިނަދޫގައި ބަހައްޓާ ހަތް ވޯޓު ފޮއްޓެއް ނުހުންނާނެ ރައީސް ނަޝީދުގެ ނަންފުޅު ނެތި. ނުކުރޭނެ ބަހައްޓާކަށް. އަޅުގަނޑު މެންގެ ކިހިލީގައި ހުންނާނެ އެ ފޮށިތައް،" ނާޒިމް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ޖަލަށް ލުމަށް ހުކުމްކޮށްފިނަމަ އެތައް ހާސް ރައްޔިތުނެއް ނުކުމެ މާލެ އާއި ރާއްޖޭތެރޭގައި މުޒާހަރާ ކުރާއިރު މާލެ ތެރެ އާމަން ތަނަކަށް ހެދުމަށް ފުލުހުންނަށް ވެސް ވާނީ އުނދަގޫ ކަމަކަށެވެ. ކިތަންމެ ތަޖުރިބާއެއް ލިބިފައިވީ ނަމަވެސް މުޅި ރާއްޖޭގައި އެދުވަހު ކުރާނެ މުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި ފަސޭހަ ނުވާނެކަން ފަހުން ހިނގާފައިވާ މުޒާހަރާތަކުން އެނގެ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ މަސްއޫލިއްޔަތަކީ ދައުވާ ކުރުން ކަމަށް ވީނަމަވެސް ގައުމުގައި ހިނގައިދާނެ ލޭ އޮހުރުމަކާ މެދު ވިސްނާވަޑައިގެން މިކަން ކަމަށް ރިއާއަތް ކުރައްވަން ޖެހިވަޑައިގަންވާނެ ކަމަށް މިނިވަން މުއައްސަސާއެއްގެ އިސް ބޭފުޅަކު ސަން އޮންނަ ލައިނަށް މައުލޫމާތު ހިއްސާ ކުރައްވަމުން ވަނީ ވިދާޅުވެފަ އެވެ. ރައީސް ނަޝީދުގެ މައްޗަށް އުފުލައްވާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ނުވިސްނަވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ވިދާޅުވި ނަމަވެސް ގައުމުގެ މަސްލަހަތަށްޓަކައި އެ ވިސްނުންފުޅު ބަދަލު ކުރައްވަފާނެ ކަމަށް ބައެއް މީހުން އުއްމީދު ކުރެ އެވެ. އެއީ ހަމަ އެކަނި އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމަކަށް ކުރިމަތި ލައްވަން ޖެހިދާނެ ކަމަށްޓަކައެވެ.

ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަކީ ޑިމޮކްރަސީގެ ރޫހާ ވެސް ހިލާފު ކަމެއް ކަމަށް އެމްޑީޕީގެ މެންބަރުން ދެކެއެވެ. އަދި ބޭރުގެ ބޮޑެތި ގައުމުތަކުން ވެސް ވަނީ އެމަނިކުފާނަށް އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވޭން ޖެހޭނެ ކަމަށް ދެކޭ ކަމަށް ބުނެފައެވެ.

ރައީސް ނަޝީދު ވެސް ކުށެއް ކުރައްވައިފައިވާ ނަމަ އެކަން ބަލާން ވެސް ޖެހޭނެއެވެ. ޝަރީއަތް ވެސް ކުރާން ޖެހޭނެއެވެ. އެކަމަކު މިހާލަތުގައި މާ ބާރު ލާފައި ޝަރީއަތް ކުރިޔަށް ގެންދިއުމުން ގައުމުގެ ހަމަޖެހުން ނެތިގެން ދާނެ ކަމަށް ގަބޫލު ކުރެވޭ ހިނދު އިންތިހާބުގައި ރައީސް ނަޝީދަށް ވާދަ ކުރެވޭނެ ފުރުސަތު ދީ، އިންތިހާބުގެ ފަހުން ޝަރީއަތް ކުރިޔަށް ގެންދިއުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަން ކަށަވަރެވެ.