ސަރުކާރުން އަމަލުކުރަމުން ގެންދާ ގޮތުން ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑެތި މުޒާހަރާތަކަށް ނުކުންނަން ޖެހިދާނޭ ކަމަށް ޑިއާރުޕީން ބުނެފި އެވެ.


މިއަދު މެންދުރު ޑީއާރުޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ވެރިކަން ހިންގާ ޕާޓީގެ އިސް ވެރިން ޤާނޫނު އަސާސީ އާ ތައާރަޒުވާ އެތައް ކަމެއް ކުރަމުން ގެންދާކަމަށެވެ.


"އިދޮޅު ފަރާތްތަކަށް ދަނީ ބިރުދައްކައި ބޮޑެތި އަނިޔާތަކެއް ދެމުން. ސިފައިންނާއި ފުލުހުން މިކަމަށް އަޅައެއް ނުލާ." ސަރީފް ވިދާޅުވި އެވެ.


ޝަރީފު ވިދާޅުވީ މި ހަފްތާ ތެރޭގައި އިސްދޫ ކަލައިދޫ ކަތީބު މުހަންމަދު ރަފީއު އަށް ވެސް ބަޔަކު ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށާއި އެ ބޭފުޅާގެ މައްސަލަ ވެސް ފުލުހުން އަދި މިހާތަނަށް ބަލާދީފައި ނުވާކަމަށެވެ.  


ފުލުހުން ސައިކަލު ފަދަ ވެހިކަލްތައް ޓޯ ކުރުމުގައި ވެސް ވަކި ބައެއްގެ ވެހިކަލްތަކަށް އަމާޒުކޮށްގެން ޓޯ ކުރަމުން ގެންދާކަމަށް ޝަރީފް ވިދާޅުވި އެވެ.


 "ކަމާ ބެހޭ ފަރާތްތަކަށް އޮންނަނީ އެމްޑީޕީގެ އިސްވެރިންގެ ސައިކަލު ނަންބަރު ދީފައި. އެ ބޭފުޅުންނަށް އޮންނަނީ ޓޯ ކޮށްގެން ނުވާނެ ސައިކަލާއި ޓޯ ކުރަން ޖެހޭ ސައިކަލުގެ ނަންބަރު ބުނެދީފައި." ޝަރީފް ވިދާޅުވި އެވެ. "ދިވެހި ރައްޔިތުންގެ ހައްގުތަކަށްވުރެ އެ ބޭފުޅުންގެ އަމިއްލަ ހައްޤުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަނީ." ޝަރީފް ވިދާޅުވި އެވެ.


 


ލ. އިސްދޫ ކަލައިދޫ ކައުންސިލަރު ހުސެން ހަލީލް ވިދާޅުވީ ކަތީބުގައި ތަޅައިނުގަންނަ ކަމަށާއި ރަފީއުގެ އަންހެނުންނާ ދެބޭންގެ ދެދަރި ކުއްޖަކާއި ރަފީއުގެ ދަރިއަކާ ދެމެދު މާރާ މާރީއެއް ހިނގި ކަމަށެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ ލ. އިސްދޫ ކަލައިދޫގައި ހިނގި މާރާމާރީއަކާ ގުޅިގެން ހަ މީހަކު ހައްޔަރު ކުރެރެވި ކަމަށާއި އެ މީހުންގެ ތަހުޤީޤު ކުރިއަށްދާ ކަމަށެވެ.