ފާއިބެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބާއްވަންއުޅެ ނުބޭއްވުނު ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ އިންތިހާބުގެ ތެރޭގައި ގަވާއިދާ ހިލާފަށް އަމަލުކުރިކަމަށް ނިންމައި ސަސްޕެންޑް ކުރި ވީބީ އައްޑޫ އެފްސީގެ މެނޭޖަރު އިބްރާހީމް ރަޝީދު (ސަތޯ)އާއި އެ ކުލަބުގެ މުއައްސިސް މުހައްމަދު ޝަވީދާއި ވިކްޓަރީ ސްޕޯސްޓްސް ކުލަބުގެ އޮފިޝަލް އަލީ ފާއިޒް އާއި އާންމު ފަރުދެއް ކަމަށްވާ އަލީ އަމީންގެ މައްޗަށް ތަންފީޒުކުރަމުން އައި ދިގުމުއްދަތުގެ ސަސްޕެންޝަން އުވާލައިފި އެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެކަން އިއުލާނު ކުރެއްވީ އެ އިދާރާގެ މިހާރުގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމް އެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީގެ ފަރާތުން އެ އިދާރާގެ ރައީސަށް އަރުވާފައިވާ ގާނޫނީ ލަފާގައި ބުނެފައިވަނީ އެ ހަތަރު މީހުންނާ މެދު އަޚުލާގީ އެއްވެސް ފިޔަވަޅެއް އެޅިފައިވާކަން، އެފްއޭއެމްގެ ލިޔެކިޔުންތަކުންނާއި، އަދި ޑިސިޕްލިނަރީ ކޮމެޓީގެ އެއްވެސް ޔައުމިއްޔާއަކުން އެނގެން ނެތް ކަމަށެވެ.

"އެފަދަ ފިޔަވަޅެއް އަޅާފައި ނުވާކަން ޑިސިޕްލިނަރީ ކޮމެޓީގެ ޗެއާމަން ވިދާޅުވާތީ، އިސްވެ ދެންނެވުނު ފަރާތްތަކާމެދު އަޚުލާގީ ފިޔަވަޅެއް އެޅިފައިވާކަން ބަލާނެ އެއްވެސް ގާނޫނީ ހަމައެއް ނެތަތީ، އިސްވެ ދެންނެވުނު ފަރާތްތަކަކީ އެފްއޭއެމްގެ ސަސްޕެންޝަނުގައި ތިބި ބައެއް ނޫންކަމަށް ބެލުމަކީ، އެންމެ އަދުލުވެރިކަމާއި ގާތް ގޮތް ކަމަށް ފެންނާތީ، އެފަދައިން އަމަލުކުރުމަށް ފެންނެއެވެ،" ޑިސިޕްލިނަރީ ކޮމެޓީގެ ލަފާގައި ވެއެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމްގެ ދައުރުގައި އަޚުލާގީ މައްސަލައިގައ ފިޔަވަޅު އަޅާފައިވާ މަތީގައި އެވާ ހަތަރު ފަރާތަކީ، މިހާރުގެ އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދަށް އެފްއޭއެމްގެ އިންތިހާބުގައި ކެމްޕޭން ކޮށްދީ އަދި އިލްހާމަށް ތާއީދު ކުރި ފަރާތްތަކެވެ. އަދި ޝަވީދާއި ސަތޯ އަކީ އިލްހާމް އެކުލަބެއްގެ ނަމުގައި އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލެއްވި ވީބީ އައްޑޫއެފްސީގެ އެންމެ އިސް ދެ އޮފިޝަލުންކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.