ލަވަ ޖެހުމަޝާއި ޑީޖޭ މިކްސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އެސްޓީއޯއިން ފިލިޕްސް ބްރޭންޑުގެ މުޅިންއާ ސައުންޑު ސިސްޓަމެއް ރާއްޖޭގެ ބާޒާރަށް މިއަދު ތައާރަފް ކޮށްފިއެވެ.

ދަރުބާރުގޭގައި މިހާރު ފަށައިގެން ކުރިއަށްގެންދާ ލިވިން އެކްސްޕޯގައި މިއަދު އެސްޓީއޯއިން ނެރުނު ފިލިޕްސް ބްރޭންޑުގެ މިނީ ހައި-ފައި ސައުންޑް ސިސްޓަމް (FWP200D) ތައާރަފް ކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް އެވެ.

ސައުންޑް ސިސްޓަމް ތައާރަފް ކުރުމަށްފަހު އެ ސިސްޓަމާބެހޭގޮތުން މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ "މި ސައުންޑު ސިސްޓަމަކީ ކޮމްޕްލީޓް ޑީޖޭ ސިސްޓަމެއް... ހިފައިގެން ގެންގުޅެން ފަސޭހަ ޕްރޮޑަކްޓެއް. ވަކިވަކިން އެއްޗިހި ތަކެއް ގެންދިއުމުގެ ބަދަލުގައި މި ސިސްޓަމް ގަންނަ ފަރާތްތަކުން ރިސޯޓްތަކަށްވެސް، ޕާޓީއަކަށްވެސް، އަދި ގޭތެރޭގަވެސް ބޭނުން ކުރެވޭނޭ ފުރިހަމަ ސިސްޓަމެއް" ކަމަށެވެ.

އެސްޓީއޯއިން އަލަށް ތައާރަފްކުރި ފިލިޕްސް ހައި ފައި ސައުންޑް ސިސްޓަމަކީ އައިޕޮޑް އަދި އައިފޯނަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ޑީޖޭ މިކްސް ސިސްޓަމެކެވެ. އަދި ޔޫއެސްބީ އެހެނިހެން ބައެއް އާލާތްތައްވެސް މި ސިސްޓަމާއެކު މަސައްކަތް ކުރާނެ އެވެ.