26 Feb 2013, 22:26
ކުލަބް ވެލެންސިޔާއިން މިސީޒަންގައި ބޭނުން ކުރާނޭ އެ ކުލަބުގެ އާ ޖާޒީގެ އެއް ނަންބަރު ކިޓާއި ދެނަންބަރު ކިޓް މިއަދު ދައްކާލައިފި އެވެ.
ވެލެންސިޔާއިން މިސީޒަންގައި ބޭނުންކުރާ ޖާޒީ ތައްޔާރުކޮށްދީފައިވަނީ ރާއްޖޭގައި ކުޅިވަރުގެ ތަފާތު ޕްރޮޑަކްޓްސްތައް ވިއްކާ އެންމެ ދުވަސްވީ އެއް ފިހާރަ ކަމަށްވާ ސޮނީ ސްޕޯޓްސް އިންނެވެ.
ސޮނީ ސްޕޯޓްސްއާއި ކްލަބް ވެލެންސިޔާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިއަދު ހަވީރު ސޮނީ ސްޕޯޓްސްގައި އޮތް ރަސްމިއްޔާތެއްގައި ޖާޒީ ތައާރަފް ކުރުމަށްފަހު ސަންއަށް ދެއްވި އިންޓަވިއު އެއްގައި ކުލަބް ވެލެންސިޔާގެ ވައިސް ޗެއާމަން ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ސޮނީ ސްޕޯޓްސްގެ ކޭސިކްސް ބްރޭންޑްގެ ޖާޒީ އަކީ އެޓީމުގެ "ޒަމާންވީ ޖާޒީ" މިހާރަށް ފެތޭގޮތަށް ބަދަލުކޮށްލައިގެން އުފައްދާފައިވާ "ޒަމާނީ ޖާޒީއެއް" ކަމަށެވެ.
"މިއީ ސޮނީސްޕޯޓްސްއާ އެކު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް މިދަނީ ކޭސިކްސް ބްރޭންޑުގެ ވެލެންސިޔާގެ ޒަމާންވީ ޖާޒީގެ މޮޑިފިކޭޝަނަކާ އެއްކޮށް ގެނެސްދީގެން ކުރިއަށް ގެންދާގޮތަށް. އޭގެ އިތުރުން އަޅުގަނޑުމެން ދެވަނަ ޖާޒީ އެއްވެސް އެބަ ގެންގުޅެން. އެއީ ދިގު ސީޒަނަކަށްވާތީ ގިނަ މެޗުތަކެއް ކުޅެން ޖެހޭތީ އިތުރު ޖާޒީތަކެއް ލުމުގެ ބޭނުމުގައި،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ ވެލެންސިޔާގެ އާ ޖާޒީ ސޮނީ ސްޕޯޓްސްގެ ހުރިހާ ފިހާރަތަކަކުން އެޓީމުގެ ސަޕޯޓަރުންނަށް ގަންނަން ލިބެން ހުންނާނޭ ކަމަށާއި އަދި ޖާޒީގައި ބޭނުންވާ ނަމްބަރަކާއި ބޭނުންވާ ނަމެއްވެސް ޖަހައިދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުލަބް ވެލެންސިޔާގެ ކޯ-ސްޕޮންސާއެއްގެ ގޮތުގައި އަލަށް ތައާރަފް ކުރެވުނު ޖާޒީގައި ސޮނީގެ އިޝްތިހާރެއް ހިމަނާފައިވާނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.