26 Feb 2013, 22:03
އާޓިފިޝަލް ބީޗު ސަރަހައްދުން ސައިކަލެއްގައި ދުއްވާފައި ދަނިިކޮށް ދަނގަނޑު ބުރިއަކުން ހަމަލާދީ ޒަހަމްކޮށްލި ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަށް ސްރީލަންކާގެ ހޮސްޕިޓަލުން ފަރުވާދެމުން އަންނައިރު އޭނާ މިއަދު ކޮންމެ ވެސް ވަރަކަށް ހަރަކާތްކުރަން ފަށައިފި އެވެ.
އެ ހަދިސާއާ ގުޅިގެން ލަންކާ އަށް ވަޑައިގެން ހުންނެވި ރާއްޖެ ޓީވީގެ ސީއީއޯ އަކްރަމް ކަމާލުއްދީން މިރޭ ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަސްވާޑުގެ ހާލު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަ އިރު މިއަދު މެންދުރު ފަހު ކޮންމެވެސް ވަރަކަށް ހަރަކާތްކުރަން ފަށައިފައިވާ ކަމަށެވެ. ނަމަވެސް އަދި ވެސް ކޮންމެވެސް ވަރަކަށް ނޭވާ ލުމުގައި ދަތިތަކެއް އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭނާ އަށް ދެމުން ގެންދިޔަ 'ސެޑޭޓް' ކުރަމުން ގެންދިޔަ މިންވަރު ގެންދަނީ މަދުކުރަމުން، އެހެންވެ ހޭވަރިކަން ވަމުން އަންނަނީ. ކޮންމެވެސް ވަރަކަށް މިއަދު ތެދުވެ ބޯހިއްލާލި، ރެސްޕޮންޑް ރަނގަޅު ކަމަށް ބެލެވެނީ، ލޯވެސް ހުޅުވާ، އެކަމު ދެ ލޯ އޮތީ ލޭ އަރާ ވަރަށް ބޮޑަށް ރަތްވެފައި. ދުޅަ މިހާރު ވަރަށް ބޮޑަށް ތިރިވެފައި ހުރީ، ވެންޓިލޭޓަރު ނައްޓާލެވޭތޯ ހޮސްޕިޓަލުން މިހާރު ބަލަމުން ގެންދަނީ، އެހެންވެ މިރޭ ބަލާފައި މާދަމާ ނައްޓާލެވޭ ވަރު ވަންޔާ ހެނދުނު ނައްޓާލާނެ،" އަކްރަމް ވިދާޅުވި އެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިބްރާހިމް ވަހީދު (އަސްވާޑް) އަށް ބަޔަކު ދަނގަޑު ބުރިއަކުން ދިން ހަމަލާގެ ސަބަބުން އޭނާ ބޮ ފަޅައިގެން ގޮސް، ސިކުނޑިއަށް ވަނީ ލޭ އަރާފަ އެވެ. މީގެއިތުރުން އޭނާގެ މޫނު މައްޗާއި ކަންފަތް މަތީގެ ޖެހިޖެހީނުން ފަޅާލާފައިވާ އިރު އެކަމާ ގުޅިގެން ކުރަން ޖެހޭ އޮޕަރޭޝަނެއް އޮތް ނަމަ އެކަންތައް ކުރާނީ އޭނާގެ ހާލަތު ބެލުމަށް ފަހު ކަމަށް ކުރިން ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ އަކްރަމް ވަނީ ވިދާޅުވެފަ އެވެ.
އަސްވާޑަށް ހަމަލާދިން މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ އިރު އެ މައްސަލާގައި ތުހުމަތު ކުރެވޭ އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަސްވާޑަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ކުރައްވާފައިވާ ޓުއިޓެއްގައި އެހަމަލާއަކީ އޭނާ މަރާލުމަށް ދީފައިވާ ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައިވެ އެވެ.