ރާއްޖޭގެ މީޑިއާތަކަށާއި ނޫސްވެރިންނަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަން ނައްތާ ލުމަށް ނުވަތަ ކުޑަ ކުރުމަށް ރާއްޖެ އަށް ސުލްހަވެރި ނޫސްވެރިކަމެއް ތަޢާރަފް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަދި ކުރީގެ ލީގަލް އެންޑް ރިފޯމް މިނިސްޓަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ނުރައްކާތައް ނައްތާލުމަށް ޓަކައި ސިޔާސީ ބޭފުޅުންނާއި އެހެނިހެން ބޭފުޅުންގެ ހަބަރުތައް ގެނެސްދޭއިރުގައި އެ ބޭފުޅުންގެ ތެރޭގައި ހުންނަ ތަފާތުތައް ގެނެސް ދިނުމުގެ ބަދަލުގައި އެބޭފުޅުންގެ ތެރޭގައި ހުންނަ އެއްގޮތް ކަންތައްތައް ނޫސްވެރިން ގެނެސް ދޭން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިވަގުތު ނޫސްވެރިންނަށް ކުރެވިދާނެ އެއްކަމެއް ކަމަށް އަޅުގަނޑު ދެކެނީ އަޅުގަނޑުމެންގެ ތެރޭގައި ޕީސް ޖާނަލިޒަމް ތަޢާރަފް ކުރުން. ޕީސް ޖާނަލިޒަމް ޕްރޮމޯޓް ކުރުން. އަޅުގަނޑުމެންގެ ތެރޭގައި ހުންނަ ހަމައެކަނި ދެ މީހެއްގެ ދޭތެރޭގައި ހުންނަ ތަފާތުތައް އެކަނި ބަލައިގެން އޭގެން ބޮޑު ކެއްކުން ގަނޑެއް ކައްކައި، ބޮޑު ގޭސް ގަނޑެއް އަނބުރާ މުޅި މުޖުތަމައުގައި އެ ފަތުރާ ތަފާތުތައް، ފަރަގުތައް ދައްކަދީ އޭގައި ހިފައިގެން އުޅުމުގެ ބަދަލުގައި އެއްގޮތް ސިފަތައް ވެސް ގެނެސްދެއްވަންވީއޭ. އަޅުގަނޑުމެން ސުލްހަވެރި ނޫސްވެރިކަމަކަށް ދާންވީއޭ،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ "ހަލަނި"ވެގެން އައި ދުވަސް ވަރުގައި ރާއްޖޭގެ މީޑިޔާ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު މި އޮތް ވާދަވެރިކަމާއި ރުޅިވެރިކަމާއި ނަފުރަތަކީ އަޅުގަނޑުމެންގެ މުޖުތަމައަށް ތަހަންމަލް ކުރެވޭ ވަރުގެ ނަފްރަތަކާއި ރުޅިވެރިކަމަކާއި ވާދަވެރި ކަމެއް ނޫން ކަމަށާއި އެކަމަށްޓަކައި ސުލްހަވެރި ނޫސްވެރި ނޫސްވެރި ކަމެއް ތައާރަފް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މިހާރު މި އޮތް ވާދަވެރި ކަމާއި ނަފްރަތާއި ރުޅިވެރިކަމުގައި އުޅޭތާ ހަތް އަހަރު ވެއްޖެ ކަމަށާއި މިކަމަށް ނިމުމެއް އަންނަން ޖެހޭ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ މީޑީއާތަކަށާއި ނޫސްވެރިންނަށް ސިޔާސީ ނުފޫޒް ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށާއި އެގޮތުން ބައެއް ފަހަރު ބައެއް ބޭފުޅުން އެ ބޭފުޅުން ބޭނުންވާ ވަކިއެއްޗެއް ނޫސްވެރިން ލައްވާ ކޯޓު ކުރުވާ ނުވަތަ އެ ބޭފުޅުން ބޭނުންވާ ގޮތަކަށް ލިޔުއްވާ ކަމަށެވެ. އަދި ބައެއް ފަހަރު ބައެއް ބޭފުޅުން ޕޯޑިއަމްތަކުން އެ ބޭފުޅުން އެ ބޭނުންވާ އެއްޗެއް ނޫސްވެރިން މެދުވެރިކޮށް ނޫސްތަކުގެ ހެޑްލައިން އަށް ގެންނަ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ އެގޮތަށް ސިޔާސީ ފަރާތްތަކަށް ސިޔާސީ ނުފޫޒް ފޯރުވޭނީ ވަކި ވަރަކަށް ކަމަށާއި އެކަމަށް ވެސް ނިމުމެއް އަންނާނެ ކަމަށެވެ.

"ނޫސްވެރިންގެ ބޭނުން ސިޔާސީ ފަރާތްތަކުން ވަރަށް ބޮޑަށް ހިފާ. ނޫހަކަށް އެއްޗެއް އަރުވާލަން ބޭނުން ވާތީވެ ނުވަތަ މީޑިއާގައި ވަކި އެއްޗެއް ހެޑްލައިން ކޮށްލަން ބޭނުން ވާތީވެ ވަކި ކޯޓޭޝަނެއް ތައްޔާރުކޮށްގެން ގޮސް ސިޔާސީ ވެރިން ބޭނުން ކުރަނީ. ދެން ވަކި އެއްޗެއް ބުނީމާ މީޑިއާގެ ހެޑްލައިން އަށް އަރާނެ ކަން އެނގޭތީވެ ބައެއް ސިޔާސީ ބޭފުޅުން މޮޅެތި އެއްޗިހި ބުނަނީ. އޭގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކަށް ޖެހި ސިޔާސީ މައިދާނުގައި ހުންނަން ނުޖެހޭ މައްސަލަތައް ވެސް އުފެދިގެން އެބަ އާދޭ. ސިޔާސީ ނުފޫޒް ވެސް ފޯރުވޭނީ ވަކި ވަރަކަށް. ނޫސްވެރިންތަކެއް ބޭނުން ކޮށްގެން ޕްރޮފެޝަނަލް ބަޔަކު ބޭނުންކޮށްގެން ސިޔާސީ މަގުސަދެއް ހާސިލް ކުރުމަަށް މަސައްކަތް ކުރެވޭނީ ވަކި ވަރަކަށް. ނޫސްވެރިން އެކަތި ގަނޑަކަށްވެ ވަކި އުސޫލްތަކެއް ގާއިމް ކުރީމާ ދެން ސިޔާސީ ވެރިން ވެސް ޖެހޭނީ ނޫސްވެރިންގެ އެ އުސޫލުތައް ހިފަހައްޓަދީގެން ކުރިއަށް ދާން. އޭރުން ނޫސްވެރިން މެދުވެރިކޮށް ބޭނުން ކަމަށްވާ ނަމަ ކުރުވޭނީ ނޫސްވެރިންގެ ހަމަތަކުގެ ތެރޭގައި. ނޫސްވެރިން އެންމެން އެކަތިގަނޑަކަށް ވެގެން ވަކި އުސޫލުތަކެއް ގާއިމް ކުރެވުނީމާ ސިޔާސީ ވެރިން ބުނާހާ ގޮތަކަށް ނޫސްވެރިން އަމަލެއް ނުކުރާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިން މިހާލަތަށް އަންނަން ޖެހުނީ ނޫސްވެރިކަމުގެ މިނިވަން ކަމަށާއި މީޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރިއިރުގައި ނޫސްވެރިންނާއި މީޑިއާތައް އަމަލު ކުރާނެ ވަކި އުސޫލުތަކެއް ގާއިމް ނުކުރުމުގެ ސަބަބުން ކަމަށެވެ. އަދި ނޫސްވެރިން އެ މީހުންގެ އިމުން ބޭރުވެގެން ދިޔައިރުގައި ވެސް އެކަން ހުއްޓުވާނެ ފަރާތްތަކެއް ނުވަތަ އެކަން ހަމަމަގަށް އެޅުވުމަށް މަސައްކަތް ނުކުރެވުމުގެ ސަބަބުން ދިމާވެގެން ދިޔަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާލަތަށް ނޫސްވެރިން އަންނަން ޖެހުނީ ނޫސްވެރިން "އެކަނި އެކަނި" އުޅެން ޖެހުމުގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ.