26 Feb 2013, 20:43
ތޫނު ހަތިޔާރުން މީހެއްގެ ހަށިގަނޑަށް ގެއްލުންދޭން އުޅުނު މީހަކު ހަތަރު އަހަރަށް ޖަލަށްލާން ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ ތުނޑީއަވަށު ޝެކްޝަނުން ހުކުމްކޮށްފިއެވެ.
މިދިޔަ އާދީއްތަ ދުވަހު އެ ހުކުމް ކޮށްފައި ވަނީ ލ. ގަން، ތުނޑި، އަސުރުމާގޭ ހުސައިން ރިޒުޝާން 23، ގެ މައްޗަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު 12:18 އެހައިކަންހާއިރު ލ. ގަން ތުނޑީ އަވަށު ގެއަކަށް ވަގަށް ވަދެ އޭނާ އުޅެނިކޮށް އެގޭ މީހަކަށް ފެނުމުން އެގެތެރޭގައި ހުރި މޭޒެއްގެ މަތީގައި އޮތް ވަޅިއެއް ނަގައި އެމީހާއަށް ހަމަލާދެން މަސައްކަތްކޮށްފައިވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ.
"ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރުއާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ނ) އާއި ހަވާލާދީ އެމާއްދާގެ (ބ)ގެ ދަށުން ޙުސައިން ރިޒުޝާން 3 އަހަރުގެ މުއްދަތަށް ޖަލަށްލުމާއި މީނާ މިޢަމަލު ހިންގީ ތޫނު އެއްޗެއް ހިފައިގެން ކަމުގައިވާތީ އެމާއްދާގެ (ޅ) ގެ ދަށުން މީނާގެ މައްޗަށް ކުރި ހުކުމް 1 އަހަރު އަހަރު އިތުރުކޮށް ޖުމްލަ 4 އަހަރުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފީމެވެ،" ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ ހުކުމްގައި ވެއެވެ.